ދިވެހި ސިނަމާ

ސާކް ފިލްމު ފެސްޓިވަލުގައި ރާއްޖެއަށް އެވޯޑެއް ނެތް

ސްރީލަންކާގައި އިއްޔެ ނިންމާލި މިއަހަރުގެ ސާކް ފިލްމު ފެސްޓިވަލުގައި ރާއްޖެއަށް އެއްވެސް ވަނައެއް ނުލިބި ހުސްއަތާ އަންނަން ޖެހިއްޖެ އެވެ. މިފަހަރު މި ފެސްޓިވަލުގައި ރާއްޖެއިން ހަތަރު ފިލްމެއް ވާދަކޮށްފައިވެ އެވެ. އެއީ ފީޗާ ފިލްމު ކެޓަގަރީން ދެ ފިލްމާއި، ކުރު ފިލްމު ދެ ފިލްމެވެ.

ފީޗާ ފިލްމު ކެޓަގަރީން ވާދަކުރީ ކުޅަދާނަ ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ފިލްމު "4426" އާއި ކާމިޔާބު ޑައިރެކްޓަރު އަބްދުލް ފައްތާހުގެ ފިލްމު "ހައްދު" އެވެ. ކުރު ފިލްމު ކެޓަގަރީން ވާދަކުރީ އޭސީސީގެ "ބިތުފަންގި" އާއި އަލީ ޝާމިންގެ "ސްޓޭޓަސް" އެވެ.

މިދިޔަ އަހަރު މި ފެސްޓިވަލުގައި ބައިވެރިކުރި ހަމައެކަނި ދިވެހި ފިލްމު ކަމަށްވާ "ވިޝްކާ" އިން އައިޝަތު ރިޝްމީއަށް ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބިފަ އެވެ. މި ކާމިޔާބީއާއެކު މިއަހަރުގެ ފެސްޓިވަލުގައި ގިނަ ފިލްމުތަކެއް ބައިވެރިކޮށްފައި ހުރުމުން ފޮނި އުއްމީދުތަކެއް ކުރެވުނެވެ.

ފިލްމު "4426" އާއި "ހައްދު" އަކީ ކަމިޔާބު ދެ ފިލްމަށްވެފައި، މި ފިލްމުތަކުގައި ރިޝްމީގެ ކޮއްކޮ މަރިޔަމް އައްޒަ ދައްކާފައިވާ ކުޅަދާނަ އެކްޓިންގެ ސަބަބުން ގިނަ ބަޔަކު ތިބީ މިފަހަރުވެސް ވަނައެއް ގެންނާނެ ކަމަށް އުއްމީދުކޮށްގެންނެވެ.

ބެސްޓް އެކްޓްރެސްގެ އެވޯޑު މިފަހަރު ގެންދިޔައީ އިންޑިއާގެ ފިލްމު "ދަ ހޮރައިޒަން" އިން ވިޝްނަވީ ތަންގްދޭ އެވެ. އެންމެ މޮޅު ފީޗާ ފިލްމަކަށް ހޮވުނީ ބަންގުލަދޭޝްގެ ފިލްމު "ހަލްދާ" އެވެ. އެންމެ މޮޅު ކުރި ފިލްމަކަށް ހޮވުނީ އިންޑިއާގެ ފިލްމު "ޖީއައި" އެވެ.

މި ފެސްޓިވަލުގައި ސާކްގެ އަށް ގައުމަކުން 17 ފިޗާ ފިލްމާއި ދިހަ ކުރު ފިލްމު ވާދަކުރި އެވެ. ސާކް ކަލްޗުރަން ސެންޓަރުން އިންތިޒާމުކޮށް ކުރިއަށް ގެންދިޔަ މި ފެސްޓިވަލް ބޭއްވީ ކޮލޮމްބޯގެ ނޭޝަނަލް ފިލްމު ކޯޕަރޭޝަންގެ ސިނެމާ ހޯލުގަ އެވެ.