ހަބަރު

12 މެމްބަރުންގެ ގޮނޑިއަށް މިވަނީ ކިހިނެއް؟

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑީގެ މައްސަލާގައި ސާފު ގޮތެއް ނުނިމި، އެ ވާހަަކަ ދައްކާތާ ލައްކަ ދުވަސްވެއްޖެ އެވެ. ސަރުކާރާއި އިލެކްޝަންސް ކޮމިޝަނުން ބުނަމުން ގެންދަނީ 12 މެމްބަރުންގެ ގޮނޑި ވަނީ ގެއްލިފައިކަމުގަ އެވެ. އެކަމަށް ބާރު ދޭ ގޮތަށް އެފަރާތްތަކުން ބުނަމުންގެންދަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެންޓި-ޑިފެކްޝަން ގާނޫނެވެ. އެ ހާނޫނު ބުނާގޮތުން ޖުލައި 13، 2017 ން ފެށިގެން އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ހާލަތަކުންކުރެ ހާލަތެއް މެދުވެރިއްޖެނަމަ އެމެމްބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުން ވިދާޅުވަމުން ގެންދަވަނީ އެމެމްބަރުން ޕީޕީއެމް އިން ވަކިވުމަށް ހުށަހަޅާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ތާރީޚުގެ ކުރިންކަމުގަ އެވެ. އެހެންކަމުން އެ މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭނެ އެވެ.

މަޖިލީހުން އެންޓި-ޑިފެކްޝަން ޤާނޫނު ފާސްކުރުމާއެކު އެ ޤާނޫނު ބާތިލްކުރުމަށް ސުޕްރީމްކޯޓަށް މެމްބަރުން ހުށަހެޅުއްވިއެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމަވާފައިވަނީ އެ ޤާނޫނު ބާތިލްކުރެވެން ނެތްކަމަށެވެ. އަނެއްކޮޅުން ބަލާއިރު އެކެއް ފެބްރުއަރީ ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުއްވާފައިވާ ބޮޑު އަމުރުގައި މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަކީ އެ މެމްބަރުންނާއި އިދިކޮޅު ފަރާތްތަކުން މެމްބަރުންގެ ގޮނޑީގެ ދިފާޢުގައި ދައްކާ އެންމެ ބޮޑު އެއް ހުއްޖަތެވެ. އެހެންނަމަވެސް ސްޕްރީމްކޯޓުގެ ތިން ފަނޑިޔާރުން ފަހުން ވަނީ ގޮނޑީގެ މައްސަލާގައި ސްޕްރީމްކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އެ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިނުގަންނެވޭނެގޮތަށް ވަގުތީ އަމުރެއް ނެރެފައެވެ. މިވަގުތީ އަމުރު ސްޕްރީމްކޯޓުން 18 ފެބްރުއަރީގައި ނެރެފައިވާއިރު އަދި މިހާތަނަށް މިކަމާގުޅިގެން ސްޕްރީމްކޯޓުން ދާއިމީ އަމުރެއް ނެރެފައެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މެމްބަރުންގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެމްބަރ މުހައްމަދު އަމީތު ވިދާޅުވި ގޮތުގައި މިކަމާގުޅޭގޮތުން އެންމެފަހު ބަސް ބުނާނީ ސްޕްރީމްކޯޓުން ކަމަށްވާއިރު ސްޕްރީމްކޯޓުން މިކަމާ ގުޅޭގޮތުން ވަކިގޮތެއް ނުނިންމަވަނީސް މިކަމަށް ހައްލެއް ނާންނާނެ އެވެ. މިކަމަށް އިންސާފުލިބޭނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަމާގުޅޭގޮތުން ޤާނޫނީ ގޮތުން ކުރަންހުރި ވަރަށް ގިނަ ކަންކަން މިހާރުވެސް ކުރެވިއްޖެ އެވެ. އެގޮތުން ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ ހުރިހާ މެމްބަރުންގެ މައްސަލަތައް ކޯޓަށް ވަކިވަކިން ހުށަހަޅާފައިވެ އެވެ. މީގެއިތުރުން އެކަމާގުޅޭގުން އެކިފަހަރުމަތިން ސިޓީވެސް ހުށަހަޅާފައިވެ އެވެ.

"މީގެ ދެހަފްތާއެއްހާ ކުރިން މެމްބަރުން ވާނީ ސިޓީއެއް ލާފައި އެކެއް ފެބްރުއަރީގައި މެމްބަރުންނާއި ގުޅުންހުރި ބައި މަޑުޖައްސާލާފައި އޮތްއޮތުން ދޫކޮށްދިނުމަށާއި މަޖިލީހަށް ވަދެވޭނެ މަގުފަހި ކޮށްދިނުމަށް އެދި. އެހެންނަމަވެސް މި ސިޓީއަކަށް އަދިވެސް ޖަވާބެއް ނުލިބޭ. ސުޕްރީމްކޯޓު ތެރޭގައި ހުރި މެމްބަރުންގެ މައްސަލަތައް ވެސް ނިމިގެންގޮސްފައެއް ނުވޭ. މިކަންތައްގަނޑުގެ ތެރޭގައި މެމްބަރުންނާއި މެމްބަރުން ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުންގެ ހައްްގުތައް ނުލިބިދާ ދިޔުމަކީ ވަރަށް ކަންބޮޑުވާކަމެއް." އަމީތު ވިދާޅުވިއެވެ.

މިމައްސަލާގައި ވަކިގޮތެއް ނުނިމި ދިގުލާދާތާ ގިނަދުވަސްތަކެއް ވެފައިވާއިރު މި މައްސަލަަޔަކީ 12 މެމްބަރުން ނާއި އެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރައްވާ 60،000 ރައްޔިތުންގެ ހައްގާވެސް ގުޅިފައިވާ ކަމެކެވެ. އެ ރައްޔިތުންގެ އަޑު ރައްޔިތުންގެ މަޖިލީހުން ނިންމާ މުހިންމު ނިންމުންތަކުން އަޑުއިވިގެން ނުދާތާ އަހަރެއްހާ ދުވަސްވެގެންދަނީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑީގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ބުނަމުން އަންނަނީ އެ މެމްބަރުންގެ ގޮނޑިތައް ވަނީ ގެއްލިފައިކަމުގަ އެވެ. އަދި އެ ދާއިރާތަކުގެ ބައި-އިލެކްޝަން ކުރިޔަށް ގެންދިޔުމަށްޓަކައި ފިނޭންސް މިނިސްޓްރީގައި އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް އެދިފައިވާކަމަށް ކޮމިޝަނުން ބުނެއެވެ.

ކޮމިޝަންގެ މީޑިޔާ އޮފިސަރު ޔޫޝައު ނަސީމް ވިދާޅުވި ގޮތުގައި މިހާތަނަށް ފިނޭންސް މިނިސްޓްރީން އެފައިސާ ދޫކޮށްފައެއް ނުވެއެވެ. ފައިސާ އިލެކްޝަންސް ކޮމިޝަނަށް ލިބުނުހާ އަވަހަކަށް އެދާއިރާތަކުގެ ބައި-އިލެކްޝަން ތައް ކުރިޔަށްގެންދާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދި ހިސާބުން އުފެދިގެން އުޅޭ މި މައްސަލައިގެ ތެރޭގައި 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލާފައިވާއިރު މިކަމަށް ދާއިމީ ހައްލެއް ނުހޯދި ދިގުލައި ދިޔުމަކީ އެމެމްބަރުންގެ އިތުރުން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ވެސް މީގައި ހުރި ކަމެކެވެ. ރައްޔިތުންގެ ފަރާތުން ބަސްބުނަން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި 12 މެމްބަރަކަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވެވި ރައްޔިތުންނާއި ގުޅުންހުރި ބޮޑެތި ކަންކަން މަޖިލީހުގެ ތެރެއިން ނިމިގެންދަނީއެވެ. އެ 12 ގޮނޑިއަށް ވާގޮތެއް ނޭނގެ އެވެ.