ހަބަރު

ތިން މިނިސްޓްރީ އަކަށް ނައިބުންނާއި ސްޓޭޓް މިނިސްޓަރުން ލައިފި

ހައުސިން މިނިސްޓްރީއާ ހެލްތް މިނިސްޓްރީ އަދި ޔޫތް މިނިސްޓްރީގެ ތިން މަގާމަކަށް ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.

އެގޮތުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް މިއަދު ވަނީ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ބޭފުޅަކު އައްޔަން ކުރައްވާފަ އެވެ. އައްޔަން ކުރައްވާފައިވަނީ އަބުދުލް މުހުސިން ހަމީދެވެ. އޭނާ މީގެ ކުރިން ހުންނެވީ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމްގަ އެވެ.

ރައީސް ޔާމީން ވަނީ ހެލްތް މިނިިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވާފަ އެވެ. އޭނާ ކުރިން ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށްވެސް ބޭފުޅަކު އައްޔަން ކުރައްވާފަ އެވެ. އެމަގާމަށް އައްޔަން ކުރައްވާފައިވަނީ އަހުމަދު ހާފިޒެވެ. އޭނާ ކުރިން ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ނައިބްގެ މަގާމުގަ އެވެ.