ސުނީތާ އަލީ

އުފަންދުވަހުގެ ހަދިޔާއަކީ ސުނީތާގެ މަދަހަ!

May 29, 2018
5
އުފަންދުވަހުގެ ހަދިޔާކަށް ސުނީތާ ފޭނުންނަށް ދިން މަދަހަ: އޭނާގެ އުންދުވަސް އަބަދުވެސް ކުލަގަދަ ކުރޭ

މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ، އޭނާގެ އުފަންދުވަހުގެ ހަދިޔާއަކަށް ފޭނުންނަށް މަދަހައެއް ހަދިޔާކޮށްފި އެވެ. އުފަންދުވަހުގެ މުނާސަބަތުގައި ތައްޔާރުކުރި ވީޑިއޯ މަދަހަ މިހާރު ވަނީ ޔޫޓިއުބުގައި އާންމުކޮށްފަ އެވެ.

ކޮންމެ އަހަރަކުވެސް އުފަންދުވަހާއި ދިމާކޮށް ސުނީތާ އޭނާގެ ފޭނުންނަށް ހާއްސަ ހަދިޔާއެއް ދެ އެވެ. މިިދިޔަ ދެ އަހަރު އެނާ ވަނީ ފޭނުންނަށް ލަވައެއް ހަދިޔާކޮށްފަ އެވެ. ނަމަވެސް މި އަހަރު ތަފާތުކޮށްލުމުގެ ގޮތުން އޭނާ ދޭން ނިންމީ މަދަހައެކެވެ.

ސުނިތާ ބުނީ މިދިޔަ ދެ އަހަރުވެސް އޭނާގެ އުފަންދުވަސް އައީ ރޯދަމަހުގައި ކަމަށާއި، މި އަހަރުވެސް އުފަންދުވަސް ލައްވާލީ ރޯދަމަހެއްގައި ކަމަށްވުމުން މި ފަހަރު ނިންމީ ތަފާތު ކޮށްލުމުގެ ގޮތުން މި މަހާއި ގުޅޭ ހެޔޮކަމެއް ކޮށްލަން ކަމަށެވެ.

"މި މަދަހައަކީ މިސްކީނުނާއި ފަގީރުނަށް އެހީތެރިވުމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ މަދަހައެއް. އަޅުގަނޑުގެ މަގުސަދަކީ މި މުޖުތަމައުގައި ތަފާތު އެހީތެރިކަމަށް ބޭނުންވެފައި ތިބި މީހުނަށް މުޖުތަމައުގައި ފުދުންތެރިކަން ތިބި މީހުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެމީހުނަށް މެސެޖެއް ދިނުން."

ސުނީތާގެ އަޑުން އިވިގެންދާ މި މަދަހައިގެ ޅެން ތައްޔާރުކޮށްދިނީ އާދަމް ހަލީމް އަދުނާނެވެ. ބޭރު ގައުމުތަކުގައި ތިބި އޭނާގެ ފޭނުންގެ އެދުމުގެ މަތިން މަދަހަ ނެރެފައި ވަނީ އިނގިރޭސި ސަބްޓައިޓްލްއާވެސް އެކުގަ އެވެ.

މި މަދަހައިގެ ވީޑިއޯތަކުގައި ސުނީތާގެ އައިކަން ޕްރިޔަންކާ ޗޯޕްރާ ދާދިފަހުން ބަންގުލަދޭޝްގައި ދިރިއުޅެމުން އަންނަ ރޮހިންޔާ މުސްލިމުންގެ ރެފިއުޖީ ކޭމްޕުތަކަށް ޒިޔާރަތްކޮށް ނަގާފައިވާ އަސަރުގަދަ ވީޑިއޯތައް ވެސް ހިމަނާފައިވެ އެވެ.