ސުނީތާ އަލީ

އޭޝިއާ އެވޯޑްސްގެ ދެ އެވޯޑެއް ސުނީ އަށް

Dec 7, 2021
1

ރުލާ އެވޯޑުން ދެމުންގެންދާ އޭޝިއާ އެވޯޑްސްގެ ދެ އެވޯޑެއް ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ މަޝްހޫރު އެއް ފަންނާނު ސުނީތާ އަލީ -- ސުނީ އަށް ލިބިއްޖެ އެވެ.

އޭޝިއާ ސަރަޙައްދުގައި ދެމުންދާ އެވޯޑްގެ ތެރޭގައި ހިމެނޭ އޭޝިއާ އެވޯޑްސް އަކީ ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން އޭޝިއާގައި ފާހަގަކުރެވޭ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާއި ޖަމިއްޔާތަކަށް ދެވޭ އެވޯޑެކެވެ.

އޭޝިއާ އެވޯޑްސްގައި ސުނީ އަށް ލިބުނީ އެންމެ ފާހަގަކުރެވޭ އަންހެނުންނަށް ދޭ -- އޭޝިއާސް އައުޓްސްޓޭންޑިން ވުމަން އެޗީވާ އެވޯޑާއި، ސުނީގެ ބްރޭންޑް "ސުނީ ސްޕެޝަލް ޕްރޮޑަކްޝަން" އަށް އޭޝިއާސް އައުޓްސްޓޭންޑިން ބްރޭންޑް އެވޯޑެވެ.

އޭޝިއާ އެވޯޑްސް އަށް ތައްޔާރުކޮށްފައިވާ ސުނީގެ ޕްރޮފައިލް ރިޕޯޓްގައި އޭނާ ބުނެފައިވަނީ އެވޯޑް ލިބުމަކީ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. އޭނާގެ މަސައްކަތްތަކަށާއި އުފެއްދުންތަކަށް ހިތްވަރު ދޭ މީހުންނަށް ސުނީ ވަނީ ޝުކުރު ވެސް އަދާކޮށްފަ އެވެ.

ސުނީގެ މަންމަގެ ހިތްވަރާއި ފޯރުކޮށްދިން އެހީތެރިކަމާ އެކު ސުނީ ސްޕެޝަލް ޕްރޮޑަކްޝަންގެ ދަށުން އެންމެ ފުރަތަމަ އުފެއްދީ އޯގޭނިކް ކާށިތެލެވެ. ސުނީ 2018 ވަނަ އަހަރު ފެށި މަސައްކަތް ވަރަށް ބޮޑަށް ފުޅާކޮށް އޭނާގެ ބްރޭންޑްގެ ދަށުން ސުނީ މިހާރު ގެންދަނީ ކެއުމަށް ބޭނުންކުރާ ވަރަށް ގިނަ ދިވެހި އުފެއްދުންތައް އުފައްދަމުންނެވެ.

ސުނީތާ މުނިފޫހިފިލުވުމުގެ ދާއިރާގައި 26 އަހަރު މަސައްކަތް ކޮށްފައިވާއިރު ރާއްޖޭގައި އެންމެ ގިނަ ޝޯތައް ދީފައިވާ ފަންނާނަކީ ވެސް ސުނީތާ އެވެ. އަދި ރާއްޖޭގައި އެންމެ ގިނަ ވީޑިއޯ ލަވަ ކުޅެ އެންމެ ގިނަ ކޮރިއޮގްރަފީ ހަދައިދީފައިވާ އެއް ފަންނާނަކީ ވެސް ސުނީތާ އެވެ.

ސުނީތާ އަށް އޭޝިއާ އެވޯޑްސްގެ ދެ އެވޯޑެއް ލިބުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ގެންދަނީ ސޯޝަލް މީޑިއާގައި އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.