ދުނިޔެ

ކުއްޖާ ސަލާމަތްކުރި މީހާއަށް ފްރާންސްގެ ރަށްވެހިކަން

ފްރާންސްގެ ވެރިރަށް ޕެރިހުގެ އެޕާޓްމަންޓް އިމާރާތެއްގެ ހަތަރުވަނަ ފަންގިފިލާގެ ބެލްކަނީގައި އެލިފައި އޮތް ކުޑަ ކުއްޖަކު ސަލާމަތް ކުރަން އަމިއްލަ ނަފުސު ނުރައްކަލުގެ ތެރެއަށް ވައްޓައިލި މަމޫސޯ ގައްސާމާއަށް ފްރާންސްގެ ރަށްްވެހިކަން ދެއްވާނެ ކަމަށް އެގައުމުގެ ރައީސް އިމެނުއަލް މެކްރޮން ވިދާޅުވެއްޖެ އެވެ.

މާލީގެ ރައްޔިތެއް ކަމަށްވާ ގައްސާމާއަކީ ފްރާންސަށް ގަވައިދާ ހިލާފަށް އެތެރެވެފައިވާ މީހެކެވެ.

އާދީއްތަ ދުވަހު ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯއިން ފެންނަނީ ގައްސަމާ އެއް ބެލްކަނިން އަނެއް ބެލްކަންޏަށް ވަރަށް ހަލުވިކަމާއެކު ދެމެމުން ގޮސް ކުޑަ ކުއްޖާ ސަލާމަތްކުރާ ތަނެވެ. އޭނާ ކުޑަކުއްޖާ ސަލާމަތްކުރި ގޮތުން ފްރާންސްގައި އޭނާ މަޝްހޫރުވެފައި ވަނީ "ސްޕައިޑާ މޭން" ގެ ނަމުންނެވެ. އަދި ފްރާންސްގެ ރައީސް މެކްރޮން ރިޔާސީ ގަނޑުވަރަށް އޭނާ ގެންދަވައި ބައްދަލު ކުރެއްވި އެވެ.

މަމޫސޯ ގައްސާމާ ކުޑަކުއްޖާ ސަލާމަތްކުރާ މަންޒަރު ފެންނަ ވީޑިއޯ. ޔޫޓިއުބް ވީޑިއޯ: ޑޮމިނިކް ލަބެލީ

" އަހަރެން އެކަންތައް ކުރީ އެއީ ކުޑަކުއްޖެއްވީމާ. މާތްރަސްކަލާނގެއަށް ހަމްދު ހުރި. އަހަރެންނަށް ސަލާމަތް ކުރެވިއްޖެ،" ފްރާންސްގެ ނޫހެއްކަމަށްވާ ލެ ޕެރީސެންއަށް ދިން އިންޓަވިއުއެއްގައި ގައްސާމާ ބުނެފައި ވެއެވެ.

އޭނާގެ އެ މަސައްކަތް ފާހަގަ ކުރައްވައި މެކްރޮން އޭނާއަށް މަރުުހަބާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ފްރާންސް އިމަޖެންސީ ސާވިސަސް އިން އޭނާއަށް ވަޒީފާއެއް ދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ފްރާންސްގެ ރަށްވެއްސަކަށް ހެއްދެވުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

ފްރާސް ސަރުކާރުން ބުނީ ގައްސާމާއަށް ވަގުތުން ވަގުތަށް ރަށްވެހިކަން ނުދެވުނަސް އެކަމަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތައް އަވަސް ކުރެވޭނެ ކަމަށެވެ.