ދުނިޔެ

މެލޭޝިއާއިން 1.2 ޓަނުގެ މަސްތުވާތަކެތި އަތުލައިފި

މަަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކްރިސްޓަލް މެތަމްފެޓަމައިން ގެ 1.2 ޓަނު މެލޭޝިއާއިން އަތުލައިގެންފި އެވެ.

މެލޭޝިއާ ކަސްޓަމްސްއާ ހަވާލާދީ ރޮއިޓާސް ބުނީ ހޯމަ ދުވަހު އަތުލައިގަތް ޑްރަގްތައް އެތެރެކޮށްފައި ވަަނީ ސައިފަތް ޕެކެޓްގެ ސިފައިގައި ކަމަށެވެ. އަދި ބުނީ މެލޭޝިއާއަށް އެތަކެތި ގެންގޮސްފައި ވަނީ އަވަށްޓެރި މިޔަންމާއިން ކަމަށާއި އެކަމާ ގުޅިގެން މިހައިތަނަށް ހަ މީހަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ. ހައްޔަރު ކުރީ މެލޭޝިއާ ތިން މީހަކާއި މިޔަންމާ ތިން މީހެކެވެ.

ކްރިސްޓަލް މެތުގެ މިހާ ބައިވަރު މެލޭޝިއާއިން އަތުލައިގެންފައި މިވަނީ އެބާވަތުގެ ޑްރަގް ދެކުނު އިރުމަތީ އޭޝިއާގައި މާގިނަވެފައިވާ ކަމުގެ ރިޕޯޓުތައް ލިބެމުން ދަނިކޮށެވެ. އެގޮތުން ތައިލެންޑާއި އިންްޑޮނޭޝިއާއިން ވެސް ކުރިން ވަނީ ރެކޯޑް އަދަދަކަށް އެ ބާވަތުގެ ޑްރަގް އަތުލައިގެންފަ އެވެ.

"ޖުމްލަ 1187 ކިލޯގެ ޑްރަގް، އެއީ 71 މިލިޔަން ރިންގިޓް[18 މިލިޔަން ޑޮލަރު] ގެ އަގުހުރި، ކޮންޓެއިނާގައި ޝިޕްކޮށްފައި ވަނީ މިޔަންމާގެ ޔަންގޮން އިން ކުއާލަލަމްޕޫރުގެ ރަށްބޭރުގައިވާ ޕޯޓް ކްލާންގް އަށް. މިއީ ބަރުދަނާއި އަގުގެ ގޮތުން ތާރީހުގައި ވެސް އަތުލައިގަނެވުނު އެންމެ ބޮޑު އަތުލައިގަތުން،" މެލޭޝިއާގެ ކަސްޓަމްސް ޑައިރެކްޓާ ޖެނެރަލް ސަބްރޮމާނިއަމް ތޯލްސީ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.

ސަބްރޮމާނިއަމް ވިދާޅުވެފައިވާ ގޮތުގައި ކާބޯތަކެތީގެ ގޮތުގައި ލިސްޓްކޮށްފައިވާ އެ ޝިޕްމަންޓް ފޮނުވާފައި ވަނީ ކުއާލަލަމްޕޫރުގެ ރަށްބޭރުގައިވާ ގާއިމްވެފައިވާ ކުންފުންޏަކަށެވެ.

ސައިފަތް ޕެކެޓްތަކެއް ގޮތަށް ހަދާފައިވާ ރަންކުލައިގެ ޕެކެޓްތަކުގައި ހުރި މަސްތުވާތަކެތި މެލޭޝިއާ ކަސްޓަމްސް އޮފިޝަލުން ވަނީ މީޑިއާއަށް ދައްކާލާފައެވެ. އެތަކެތި ދައްކައިލީ ކުއާލަލަމްޕޫރުގެ ކައިރީގައިވާ ނިލާއީ ނަމަކަށް ކިޔާ ރަށުގައިވާ ކަސްޓަމްސްގެ ނާކޮޓިކްސް އޮޕަރޭޝަންސް ހެޑްކުއާޓަރުގައެވެ.