ކުޅިވަރު

ކަވަހާލްއަށް ވޯލްޑްކަޕުގައި ކުޅެވޭނެ

ޗެމްޕިއަންސް ލީގްގެ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި، އަނިޔާވި ރެއާލް މެޑްރިޑްގެ ކަނާތު ބެކް ޑެނީ ކަރަވަހާލް އަށް ވޯލްޑްކަޕުގައި ކުޅެވޭނެކަމުގެ ޔަގީންކަން ސްޕެއިންގެ ފުޓްބޯޅަ ފެޑްރޭޝަނުން ދީފި އެވެ.

ފައިނަލް މެޗުގައި، ލިބުނު އަނިޔާއާ ގުޅިގެން، މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އަށް ޖެހުނީ އޭނާ ބަދަލު ކުރާށެވެ. ސްޕެއިންގެ ރޭޑިއޯ ނެޓްވޯކް "ކޯޕު" ން ބުނީ، ފައިނަލު މެޗުގައި ކަރަވަހާލްގެ ކަނާތުފައިގެ ފަލަމަސްގަނޑަށް އަނިޔާ ވެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން، ރިކަވާ ވުމަށް ދެ ހަފުތާގެ މުއްދަތެއް ނަގާނެ އެވެ. ވޯލްޑްކަޕުގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި ޖޫން 15 ވަނަ ދުވަހު ބައްދަލު ކުރާނީ ޕޯޗްގަލްއާ ދެކޮޅަށެވެ. އެ މެޗުގައި އޭނާ ނުކުޅެވުނަސް، ގުރޫޕް ސްޓޭޖުގައި ކުރިއަށް ހުރި މެޗުތަކުގައި އޭނާއަށް ކުޅެވޭނެ އެވެ.

ރޯމުގައި 2016 ވަނަ އަހަރު ކުޅުނު ޗެމްޕިއަންސް ލީގް ފައިނަލު މެޗުގައިވެސް، ކަރަވަހާލްއަށް އެކަހަލަ އަނިޔާއެއް ކުރިމަތިވި އެވެ. އެފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައިވެސް އޭނާ އަށް ނުކުޅެވުނެވެ.

ސްކޮޑް ފައިނަލު ކުރުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހާ ހަމައަށް އޮންނާނެ އެވެ. އޭނާގެ ރިކަވަރީ ޕްރޮގްރާމް ކުރިއަށް ނުދާނަމަ ބަދަލުގައި، 23 ކުޅުންތެރިންގެ ފައިނަލު ސްކޮޑުން ފުރުސަތު ދެނެ ކަމަށް ބެލެވެނީ، ރެއާލް ސޮސިއެދާދުގެ އަލްވަރޯ އޮޑްރިއޯޒޯލާ ނުވަތަ ބާސެލޯނާގެ ސާޖީ ރޮބާޓޯއަށެވެ. އޮޑްރިއޯޒޯލާއަކީ މިހާރުވެސް 24 ކުޅުންތެރިންގެ ސްކޮޑަށް ނަގާފައިވާ ކުޅުންތެރިޔެކެވެ.

ސްޕެއިންގެ ގައުމީ ޓީމުގެ މެޑްިކަލް ސްޓާފުންގެ ބެލުމުގެ ދަށުން ކަރަވަހާލް ދަނީ އޭނާގެ ރިކަވަރީ ޕްރޮގްރާމް ކުރިއަށް ގެންދަމުންނެވެ.