ދުނިޔެ

އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ޔޫރަޕުން މަނާކުރަނީ

އެއްފަހަރު ބޭނުންކޮށްލާފައި އެއްލާލާ ފަދަ ބައެއް އުފެއްދުން މަނާކޮށް، ޕްލާސްޓިކް ފުޅީގެ 90 ޕަސެންޓް އަލުން ނަގައި ރިސައިކަލް ކުރަން މަޖުބޫރުކުރުވާ ގަވައިިދެއް ހަދަން ޔޫރަޕިއަން ޔޫނިއަންއަށް ހުށަހަޅައިފި އެވެ.

ސްކައި ނިއުސް ބުނީ އާ ގަވައިދަކީ ޕްލާސްޓިކް ކުންޏާ ދެކޮޅަށް މަސައްކަތް ކުރަން ބެލްޖިއަމްގެ ވެރިރަށް ބްރަސަލުސްގައި މަރުކަޒު ހުންނަ ޔޫރަޕިއަން ޔޫނިއަން އިން މިހާރު ހިންގަމުންދާ ހަރަކާތުގެ ބައެއްގެ ގޮތުން ހުށަހެޅި ހުށަހެޅުމެއް ކަަމަށެވެ. ޔޫރަޕްގައި ޕްލާސްޓިކް މަދު ކުރުމުގެ ވާހަކައިގެ އަޑު މިހާރު ވަކިން ގަދަވެގެން އުޅެނީ ކާބޯތަކެތީގެ ސިލްްސިލާގެ ތެރެއަށް ޕްލާސްޓިކް އެކުވަމުންދާކަން ހާމަވުމުންނެވެ.

ދުނިޔޭގައި އިންސާނުންގެ އާބާދީއާ އެންމެ ދުރުގައިވާ ސަރަހައްދު ކަމަށްވާ " ޕޮއިންޓް ނީމޯ" އިން ވެސް މިހާރު ވަނީ މައިކްރޯޕްލާސްޓިކްގެ އެތިކޮޅުކޮޅު ފެނިފަ އެވެ.

" ޕްލާސްޓިކް ކުންޏަކީ ދެބަސްވެވެން ނެތް ގޮތުގައި ބޮޑު މައްސަލައެއް. އަދި މިމައްސަލަ ހައްލުކުރަން ޔޫރަޕް މީހުން އެއްބައިވެގެން ފިޔަވަޅު އަޅަން ޖެހޭ. މިއަދު މިހުށަހެޅި ހުށަހެޅުމުގެ ސަބަބުން ތަފާތު ގިނަ ފިޔަވަޅުތަކެއްގެ ތެރެއިން ގޮސް، އަހަރެެމެންގެ ސުޕަމާކެޓްތަކުގެ ހަރުތަކުގައިވާ އެއް ފަހަރު ބޭނުންްކުރާ ޕްލާސްޓިކް ތަކެތި މަދުކޮށްލާނެ" އީޔޫގެ ފަސްޓް ވައިސް ޕްރެޒިޑެންޓް ފްރާންސް ޓިމާމޭންސް ސްކައި ނިއުސްއަށް ވިދާޅުވެފައި ވެއެވެ.