މި ދުވަސްވަރަކީ އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި އިންފްލުއެންޒާ ފަދަ ބަލިތައް ފެތުރޭ ދުވަސްވަރަކަށް ވާތީ އިންފްލުއެންޒާ ވެކްސިން ޖެހުމަށް ނެޝަނަލް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އިންފްލުއެންޒާ ވެކްސިނަކީ އެޗް1 އެން1 އިންފްލުއެންޒާ ވައިރަސްގެ އިތުރުން ދެ ބާވަތެއްގެ އިންފްލުއެންޒާ ވައިރަސް އަކަށް އަމާޒުކޮށްގެން ހަދާފައިވާ ވެކްސިނެކެވެ. މި ވެކްސިން އެންމެ މުހިއްމު ވަނީ އިންފްލުއެންޒާ ޖެހިގެން ނުރައްކާވެފާނެ ފަދަ ކަމެއް ހުންނަ ފަރާތްތަކާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މިފަދަ ބަލިމީހުންނާ ކުރިމަތިލާންޖެހޭ ފަރާތްތަކަށެވެ. --ރާއްޖެއިން މިހާތަނަށް އެންމެ ގިނައިން ފެނިފައި ވަނީ އިންފްލުއެންޒާގެ ބާވަތެއް ކަމަށްވާ އެޗް3 އެން2 އެވެ --
އިންފްލުއެންޒާ ވެކްސިން ދިނުމަށް އިލްތިމާސްކޮށް އެޗްޕީއޭއިން މިއަދު ވަނީ އެ އޭޖެންސީން ހޮސްޕިޓަލްތައް މެދުވެރިކޮށް ވެކްސިން ޖަހައިދިނުމުގެ ހިދުމަތް ފަށައި، ވެކްސިން ޖަހައިދޭ ގޮތުގެ ގައިޑްލައިނެއް ނެރެފަ އެވެ. އެގޮތުން ދަމަނަވެއްޓާއި ސެނެހިޔާ، ހުޅުމާލެ ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި އޭޑީކޭ ހޮސްޕިޓަލުން މި ވެކްސިން ޖަހައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެޗްޕީއޭއިން ބުނިގޮތުގައި ސެނެހިޔާގައި ޑޮކްޓަރަށް ދައްކައި ބޭސް ސިޓީ ހައްދައި ވެކްސިން ޖަހައިދޭނީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 14:00 އަށެވެ. އަދި ރޭގަނޑު 20:00 އިން 12:00 އަށެވެ. ދަމަނަވެށީގައި ހެނދުނު 10:15 އިން މެންދުރު 13:30 އަށެވެ. އަދި ރޭގަނޑު ނުވައަކުން 10:00 އަށް ވެކްސިން ޖަހައިދޭނެ އެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދިނުމުގެ ހިދުމަތް ދޭނީ މެންދުރު 12:00 އިން 13:00 އަށެވެ.
މި ލިސްޓުގައިވާ ހޮސްޕިޓަލްތަކުގެ ތެރެއިން އައިޖީއެމްއެޗާއި އޭޑީކޭގައި ހިދުމަތްދޭ ގަޑިތައް އެ ހޮސްޕިޓަލްތަކަށް ގުޅުމުން އެކަމުގެ މައުލޫމާތު ދޭނެ އެވެ.
އިންފްލުއެންޒާ ވެކްސިން ޖަހަން އެޗްޕީއޭއިން އިލްތިމާސްކޮށްފައިވާއިރު އެ އޭޖެންސީން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އިންފްލުއެންޒާގެ ކޭސްތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ފާއިތުވި ފަސް ވަރަކަށް ދުވަހުގެ ތެރޭގައި އޭޑީކޭގައި އެކަނިވެސް 81 މީހަކު ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފަ އެވެ.
އެޗްޕީއޭ އިން ވަނީ ވެކްސިން ޖެހުމުގެ އިތުރަށް ބަލި ޖެހުމުން ރައްކާތެރިވެތިބުމަށް ސާފުތާހިރުކަމަށް އިސްކަންދިނުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.