ހަބަރު

މައުމޫންގެ ވަކީލުން މައްސަލަ ދޫކޮށްލައްވައިފި

May 29, 2018
12

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސިއްހީ ހާލަތަށް ބެއްލެވުމަށް ނެތި ޝަރީއަތް ކުރިޔަށް ގެންދާ ކަމަށް ބުނެ އެމަނިކުފާނުގެ ތިން ވަކީލުން އެމަނިކުފާނުގެ މައްޗަށް ހިންގާ އަދުލު އިންސާފަށް ހުރަސް އެޅުމުގެ މައްސަލައިން ތަނާޒުލު، ނޫނީ މައްސަލަ ދޫކޮށްލައްވައިފި އެވެ.

ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނެ ރައީސް މައުމޫންްގެ މައްޗައް ކުރާ އަދުލް އިންސާފަށް ހުރަސް އެޅުމުގެ ޝަރީއަތުގެ އަޑު އެހުމެއް މިރޭ 9:30 ގައި ތާވަލުކޮށްފައިވާ އިރު ރައީސް މައުމޫންގެ ހާލަތު ހުރި ގޮތުން އެ އަޑު އެހުން ކެންސަލްކޮށްދިނުމަށް ވަކީލުންގެ ފަރާތުން ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް އެމަނިކުފާނުގެ ސިއްހީ ހާލަތަށް ރިއާޔަތް ނުކޮށް ޝަރީއަތް ކުރިޔަށް ގެންދާތީ ރައީސް މައުމޫންގެ ތިން ވަކީލުން ކަމަށްވާ މައުމޫން ހަމީދާއި މުހައްމަދު ފައިސަލް އަދި އިބްރާހިމް ޝަމީލް ވަނީ ޝަރިއަތުގެ މަޖިލީސް ދޫކުރައްވައި ވަޑައިގެންފަ އެވެ.

އެއަށް ފަހު އެބޭފުޅުން ނެރުއްވި ބަޔާނުގައި ވިދާޅުވީ، މައްސަލަ ދޫކޮށްލައްވަން ނިންމެވީ މައްސަލައިގެ ޝަރީއަތް ކުރިއަށް ދާ ގޮތުން މައުމޫންގެ ހައްގުތައް ރައްކާތެރި ކޮށްދެވެން ނެތްކަން ޔަގީން ކުރެވިގެން ކަމަށެވެ. އަދި މައުމޫންގެ ހައްގުތައް ރައްކާތެރި ކުރެވިގެން ޝަރީއަތް ކުރިއަށް ގެންދަން ތަކުރާރުކޮށް ކޯޓުގައި އެދުނު ނަމަވެސް އެކަމަށް ކޯޓުން ފަރުވާލެއް ނުބަހައްޓައި އަވަސް އަރުވާލައިގެން މައުމޫންގެ ޝަރީއަތް ކުރިއަށް ގެންދަން މަސައްކަތް ކުރާ ކަމަށް ވެސް ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

ބޮލަށް އެނބުރުން އެރުމުގެ ބަލި، ބެނިން ޕެރޮގްޒީމަލް ޕޮޒިޝަނަލް ވާޓިގޯ (ބީޕީޕީވީ) ގެ ސަބަބުން ރައީސް މައުމޫންގެ ބޯ އަނބުރައި ގަނެގެން ވެއްޓުމުގެ ފުރުސަތު އޮތް ކަމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާއިން ވަނީ ބުނެފަ އެވެ. އަދި ދެތިން ފަހަރެއްގެ މަތިން އެ މައްސަލަ މައުމޫންއަށް ދިމާވެ ޒަރޫރީ ކަންކަން އަމިއްލައަށް ނުކުރެވޭ ވަރަށް އެމަނިކުފާނުގެ ހާލަތު ގޯސްވި އެވެ.