ދުނިޔެ

ފެންބޮޑުވުމުގެ ބިރަށް ނޭޕާލްގެ އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް

May 24, 2015

ނޭޕާލްގެ ހުޅަނގުގެ ސަރަހައްދުތަކަށް މިއަދު ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ އަކަށް ފަހު ކޯރެއް ފުރިގެން ބަންޑުންވެ ފެންބޮޑުވުމުގެ ބިރު ހީވުމާ އެކު، އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ހިނގައްޖެ އެވެ.

ބާރުގަދަ ދެ ބިންހެލުމުން ލިބުނު ގެއްލުންތަކުން އަރައިނުގަނެވިގެން އުޅޭ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫއާ 140 ކިލޯމީޓަރު ދުރުގައި އޮންނަ ޔަގުދީ އަވަށަށް ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި އެ އަވަށުގެ ކޯރެއްގެ އަޑީގައި ވަނީ ބޮޑު ރެނދެއް ލާފަ އެވެ. އެ ކަމުގެ ސަބަބުން އެ ކޯރުގެ ފެންގަނޑު 600 ފޫޓަށް އުފުލި، އެ ސަރަހައްދުގައި ފެންބޮޑުވުމުގެ ބިރު ވަނީ ހީވެފަ އެވެ.

އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ލަކްސްމީ ޕްރަސާދު ދަކާލް ވިދާޅުވި ގޮތުގައި އަވަށްޓެރި އިންޑިއާގެ ގަންގާ ކޯރާ ވެސް ގުޅިފައިވާ ކާލީ ގަންދަކީ ކޯރު ފުރިގެން ބަންޑުން ހިނގައްޖެ ނަމަ ނޭޕާލްގެ ހުޅަނގުގެ ބޮޑު ބައެއްގައި ފެންބޮޑުވުމުގެ ބިރު އެބައޮތެވެ. އެހެންވެ، އެ ކޯރުގެ އައްސޭރިފަށުގައި އުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް މިހާރު އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުން ދާއިރު، އަސްކަރީ ހެލިކޮޕްޓަރުތަކުން ދަނީ އެ ސަރަހައްދު ބަލަމުން،" ލަކްސްމީ ވިދާޅުވި އެވެ.

ފެންބޮޑުވުމުގެ ބިރުން ސަލާމަތްވުމަށް އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް މިސްރާބު ޖަހާފައި ވިޔަސް، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި އެއްވެސް މީހަކު މަރެއް ނުވެ އެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ނޭޕާލަށް ބިންހެލުމެއް އައީ މެގްނެޓިއުޑް 7.8 ގެ ބާރު މިނުގަ އެވެ. އެ ބިންހެލުމުގައި 8،000 އަށް ވުރެ ގިނަ މީހުން މަރުވެ 18،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން، މި މަހުގެ 12 ވަނަ ދުވަހު ނޭޕާލަށް ބާރުގަދަ ދެވަނަ ބިންހެލުމެއް އައިސްފައިވެ އެވެ. އެ ބިން ހެލުން އައީ މެގްނެޓިއުޑް 7.3 ގެ ބާރުމިނުގަ އެވެ.

މި ބިންހެލުންތަކަށް ފަހު، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ނޭޕާލުގައި ވަނީ އާއްމުވެފަ އެވެ.