ކާޖަލް

"އިންކްރެޑިބަލްސް 2" ހިންދީ ފިލްމުގައި ކާޖަލްގެ އަޑު

ޑިޒްނީގެ ފިކްސާރް އިން އަންނަ މަހު 15 ގައި ރިލީޒްކުރާ އެނިމޭޓެޑް ފިލްމު "އިންކްރެޑިބަލްސް 2" ގެ ހިންދީ ވާޝަންގައި އިލާސްޓިގާލްގެ ކެރެކްޓާއަށް ބޮލީވުޑްގެ ބަތަލާ ކާޖަލް ދޭވްގަންގެ އަޑު އަޅައިފި އެވެ.

"އިންކްރެޑިބަލްސް" ގެ ސީކްއެލް މި ފިލްމުގައި މިފަހަރު ލީޑް ކެރެކްޓާއެއްގެ ގޮތުގައި ފެނިގެންދާނީ މިސްޓާ އިންކްރެޑިބަލްސްގެ އަންހެނުން އިލާސްޓިގާލް އެވެ. މިސްޓާ އިންކްރެޑިބަލްއަށް ޖެހޭނީ ގޭގައި ކުދިން ބަލަން ހުންނާށެވެ.

މި ފިލްމަށް ކާޖަލްގެ އަޑު އާޅާކަން އޭނާ ހާމާކުރީ ޓުވީޓަކުންނެވެ. ކާޖަލް ބުނީ، "މި މަޖާ ފިލްމުގެ ހިއްސާއަކަށްވެވުމުން ވަރަށް އުފާވެފައި މިހުރީ." ކަމަށެވެ.

ހިންދީ، ޓެމިލް އަދި ޓެލުގޫ ބަހުން އަޑު އަޅައިގެން މި ފިލްމު އިންޑިއާގައި ރިލީޒް ކުރުމަށް ހަމަޖައްސާފައި ވަނީ އަންނަ މަހު 22 ގަ އެވެ.

މި ފިލްމުގެ ފުރަތަމަ ފިލްމު ގެނެސްދީފައި ވަނީ 2004 ވަނަ އަހަރު އެވެ. ސީގުއެލް މި ގެނެސްދެނީ އޭގެ 14 އަހަރު ފަހުންނެވެ.

މި ފިލްމުގެ އިނގިރޭސި ފިލްމަށް އަޑު އަޅާފައި ވަނީ ފުރަތަމަ ފިލްމަށް އަޑު އެޅި، ބޮބް ޕަރް (މިސްޓާ އިންކްރެޑިބަލް) އަދި ސެމިއުލް އެލް. ޖެކްސަން (ފްރޮންޒޯ) އެވެ. އިލާސްޓިގާލްއަށް އަޑުއަޅާފައި ވަނީ ހޯލީ ހަންޓާ އެވެ.