ބޮލީވުޑް

"ބާރަތު" ގެ ކާސްޓަށް އާސިފް

ދެ އަހަރުގެ ބްރޭކަކަށްފަހު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ކުޅޭ ފުރަތަމަ ހިންދީ ފިލްމު "ބާރަތު"ގެ ޝޫޓިން ފަށަން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، މި ފިލްމުގެ ކާސްޓަށް އަންނަނީ ތަރިން ހަމަކުރަމުންނެވެ.

ސަލްމާން ޚާން ލީޑުން ފެނިގެންދާ މި ފިލްމުގެ ކާސްޓު ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނައިރު ޒުވާން ބަތަލާ ދިޝާ ޕަޓާނީ އަށްފަހު ކުޅަދާނަ ބަތަލާ ތައްބޫވެސް ވަނީ މި ފިލްމުގެ ރޯލަކަށް ނަގާފަ އެވެ. މި ފިލްމުގައި ސުނީލް ގްރޯވަރްވެސް ފެނިގެންދާނެ އެވެ.

ކާސްޓަށް މިއަދު ވަނީ އަނެއްކާވެސް އާ ތަރިއަކު ނަގާފަ އެވެ. މިފަހަރު ކާސްޓަށް އިތުރުކޮށްފައި ވަނީ މަޝްހޫރު ޓީވީ އެކްޓަރު އާސިފް ޝެއިޚް އެވެ.

އާސިފް ވަނީ މީގެ ކުރިން ސަލްމާންގެ ފިލްމުތައް ކަމަށްވާ "ކަރަން އަރްޖުން"، "ބަންދަން"، "ޕިޔާރް ކިޔާ ތޯ ޑަރްނާ ކިޔާ"، "އައުޒާރް" އަދި "ޝާދީ ކަރްކޭ ޕަސް ގައީ ޔާރް" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. މި ދެމީހުން އަނެއްކާވެސް އެއްކޮށް ފިލްމަކުން ފެނިގެން މި ދަނީ 12 އަހަރަށްފަހު އެވެ.

"ބާރަތް" އަކީ 2014 ވަނަ އަހަރު ނިކުތް ކޮރެއަން ފިލްމު "އޮޑޭ ޓު މައި ފާދާ" ގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ސަލްމާން އުމުރުން 19 އަހަރުން ފެށިގެން އުމުރުން 70 އަހަރާ ހަމަ ދައްކުވައިދޭނެ އެވެ. އެގޮތުން އޭނާގެ ތަފާތު ފަސް ސިފައެއް ފިލްމުގައި ފެނިގެންދާނެ އެވެ.

އަންނަ އަހަރުގެ ފިތުރު އިދުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ސަލްމާންގެ ޅިޔަނު އަތުލް އަގްނިހޯތުރީ ޕްރޮޑިއުސްކުރާ ފިލްމެކެވެ.