ބޮލީވުޑް

"ފިލްމު ބޭނުންވެގެން ޕްރިޔަންކާ އެއްހާސް ފަހަރު ގުޅި"

ސަލްމާން ޚާންގެ ފިލްމު "ބާރަތު" އިން ލިބުނު ރޯލު ޕްރިޔަންކާ ޗޯޕްރާ ދޫކޮށްލުމާއެކު މީޑިއާގައި ތަފާތު ގޮތްގޮތައް ވާހަކަތައް ދެކެވުނެވެ. ޕްރިޔަންކާ އެ ފިލްމު ދޫކޮށްލީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެމެރިކާގެ ލަވަކިޔުންތެރިޔާ، ނިކް ޖޯނަސްއާއި އެންގޭޖުވުމަށެވެ.

މީގެ ކުރިން އިވެންޓެއްގައި ސަލްމާން ބުނީ ޕްރިޔަންކާ ފިލްމު ދޫކޮށްލީ އޭނާގެ އަމިއްލަ ސަބަބަކަށްޓަކައި ކަމަށާއި އަދި އޭނާގެ އެ ނިންމުމަށް އިހުތިރާމުކުރާ ކަމަށެވެ. ނަމަވެސް ހަމައެކަނި މި ޖަވާބުން މީޑިއާއަށް ނުފުދުނެވެ. ތަފާތު އިވެންޓުތަކުގައި މީޑިއާއިން އަދިވެސް ދަނީ ޕްރިޔަންކާ "ބާރަތު" އިން ވަކިވުމާއި ގުޅޭގޮތުން ސަލްމާންއާއި ތަފާތު ސުވާލުތައް ކުރަމުންނެވެ.

ސަލްމާންގެ ރިއަލިޓީ ޓީވީ ޝޯ "ބިގް ބޮސް 12" ޕްރޮމޯޓުކުރުމަށް ބޭއްވި އިވެންޓެއްގައި ސަލްމާން ބުނީ "ބާރަތު" އަށް ޕްރިޔަންކާ ނެގީ ޕްރިޔަންކާ އެދިގެން ކަމަށެވެ. އެ ފިލްމު ބޭނުންވެގެން ޕްރިޔަންކާ ސަލްމާންގެ ކޮއްކޮ، އަރްޕިތާ ހާންއަށް އެއްހާސް ފަހަރު ގުޅިކަމަށްވެސް ސަލްމާން ބުންޏެވެ. އަދި ފިލްމުން ރޯލެއް ދިނުމަށް އެދި ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުއަށްވެސް ގުޅިކަމަށް ބުންޏެވެ.

"ފިލްމުން ވަކިވާން ނިންމި ނިންމުމަކީ ޕްރިޔަންކާއަށް އުނދަގޫ ނިންމުމަކަށްވާނެ، އެއީ އޭނާ މި ފިލްމުގައި ވަރަށް މަސައްކަތް ކުރާ ހިތުން ހުރީ،" ސަލްމާން ބުންޏެވެ.

މިހާރު އެ ރޯލަށް ކެޓްރީނާ ކައިފް ވަނީ ނަގާފަ އެވެ. ކެޓްރީނާއަކީ ސަލްމާން އެ ރޯލަށް ފުރަތަމަ ނަގަން ބޭނުންވި އެކްޓްރެސްވެސްމެ އެވެ. އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ސަލްމާންގެ ޅިޔަނު އަތުލް އަގްނިހޯތުރީ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ސަލްމާނާއެކު މި ފިލްމުގެ ކާސްޓުގައި ތާބޫ، ދިޝާ ފަޓްނީ، ސުނީލް ގްރޯވާ، އާސިފް ޝެއިޚް، ޝުރާބް ޝުކްލާ، ޝަރަތު ސަކްސޭނާ، ޝަޝަންކު އަރޯރާ އަދި އަނަންތު ވިދާތު ޝަރުމާ ހިމެނެ އެވެ.