ބޮލީވުޑް

ޕްރިޔަންކާ "ބާރަތު" ދޫކޮށްލި ސަބަބު ސަލްމާނަކަށް ނޭނގޭ!

ސަލްމާން ޚާންގެ "ބާރަތު" އަކީ މިހާރު ބޮލީވުޑްގެ އެންމެ އަޑުގަދަ ފިލްމެވެ. ފިލްމުގެ އަޑު އިތުރަށް ގަދަވެގެން ދިޔައީ މި ފިލްމަށް ނެގި މަޝްހޫރު އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ ފިލްމު ދޫކޮށްލުމުންނެވެ. ރިޕޯޓުތައް ބުނިގޮތުން އޭނާ އެ ފިލްމު ދޫކޮށްލީ އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާއި އެންގޭޖުވުމަށެވެ.

ނަމަވެސް މިދިޔަ ހަފްތާގައި ރިޕޯޓުތައް ބުނިގޮތުން ޕްރިޔަންކާ އެ ފިލްމު ދޫކޮށްލީ ހޮލީވުޑް ފިލްމެއް ލިބުމުންނެވެ. އޭނާއަށް ވަނީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް ޕްރެޓާއެކު ފިލްމެއް ކުޅުމަށް ފުރުސަތު ލިބިފަ އެވެ. "ކައުބޯއީ ނިންޖާ ވައިކިން" ކިޔާ އެ ފިލްމު ވެގެންދާނީ ހޮލީވުޑް ފިލްމެއްގައި ޕްރިޔަންކާ ކުރާނެ އެންމެ ބޮޑު މަސައްކަތަށެވެ.

"ބާރަތު" އިން ޕްރިޔަންކާ ވަކިވުމާއެކު ނޫސްވެރިން އެންމެ ބޭނުންވީ މިކަމާއިމެދު ސަލްމާންގެ ދެކޭގޮތެއް ހޯދުމަށެވެ. މި ސުވާލުގެ ޖަވާބުގެ ޝިކާރާގައި ނޫސްވެރިންނަށް ތިއްބާ، ސަލްމާންގެ ފަރާތުން ޖަވާބެއް ލިބޭވަރުވީ އިއްޔެވެ. އެއީ ސަލްމާންގެ ޅިޔަނު އަޔުޝް ޝަރުމާ ބޮލީވުޑަށް ތައާރަފުވާ ފިލްމު "ލަވްރާތުރީ" ގެ ޓްރެއިލާ ދައްކާލުމަށް ބޭއްވި ހަފްލާގެ ތެރެއިންނެވެ.

"އަހަރެން ހަބަރުތައް ނުކިޔާތާ މިހާރު ދެ ތިން ދުވަސް ވެދާނެ. އަހަރެން ވަރަށް އަވަދިނެތި މިއުޅެނީ. ހަބަރުތައް ކިޔާފައި ތި ސުވާލަށް ޖަވާބުދޭނަން،" އެ ސުވާލުގެ ޖަވާބުގައި ސަލްމާން ބުންޏެވެ.

ސަލްމާންގެ މި ޖަވާބާއެކު ބައެއް ނޫސްތަކުން ދަނީ ޕްރިޔަންކާ އެ ފިލްމު ދޫކޮށްލި ސަބަބު ސަލްމާނަށް ނޭނގޭ ކަމަށް ބުނެފަ އެވެ. ޕްރިޔަންކާގެ ބަދަލުގައި އެ ރޯލު ކުޅުމަށް މިހާރު ވަނީ ކެޓްރީނާ ކައިފް ނަގާފަ އެވެ. ސަލްމާން ވަނީ ކެޓްރީނާއަށް އެ ފިލްމަށް މަރުހަބާވެސް ކިޔާފަ އެވެ.

ބަންސާލީގެ ފިލްމެއް ވެސް ޕްރިޔަންކާ ދޫކޮށްލީ؟

ހަބަރުތަކުގެ ފަލަ ސުރުހީއަށް ޕްރިޔަންކާ ނާރާ ދުވަހެއް މިހާރު ނާދެ އެވެ. އަނެއްކާވެސް ރިޕޯޓުތައް ބުނާގޮތުން ޕްރިޔަންކާ ވަނީ ބޮލީވުޑްގެ ބޮޑު ފިލްމެއް ދޫކޮށްލާފަ އެވެ. އެއީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ގެނެސްދިނުމަށް ތައްޔާރުވަމުންދިޔަ، މަޝްހޫރު ގޭންގްސްޓާރު ގޭންގުބާއީގެ ހަޔާތައް ތައްޔާރުކުރަން އުޅުނު ފިލްމެއް ކަމަށްވެ އެވެ. މި ފިލްމާއި ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.