ބޮލީވުޑް

"ދަބަންގް 3" އާއި "ބާރަތު"ގެ ޝޫޓިން އެކުގައި ފަށަނީ

ސަލްމާން ޚާންގެ ގިނަ ފިލްމުތަކެއް މަސައްކަތްތައް ކުރިއަށް ތާވަލުކުރެވިފައި އެބަހުއްޓެވެ. އެ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާނެ ދެ ފިލްމަށް ވަނީ "ދަބަންގް 3" އަދި "ބާރަތު" އެވެ. މި ދެ ފިލްމުގެ ޝޫޓިން އެއްކޮށް ފެށުމަށް މިހާރު އޭނާ ވަނީ ނިންމާފަ އެވެ.

ސަލްމާން މިހާރު އަވަދިނެތި އުޅެނީ އޭނާގެ އެންޓަޓެއިންމަންޓް ޓުއާ "ދަބަންގް ޓުއާ" ގަ އެވެ. މިިދިޔަ ހަފްތާގައި އޭނާ ވަނީ މި ޓުއާގެ ދަށުން އިންޑިއާގެ ޕޫނޭއަށް ގޮސް ޝޯއެއް ދީފަ އެވެ. އިންޑިއާގެ އިތުރުން ބޭރުގެ އެކި ގައުމުތަކުގައި މި ޓުއާގެ ދަށުން ޝޯތައް ދިނުމަށް ވަނީ ނިންމާފަ އެވެ.

ދެން އެންމެ އަވަހަށް މި ޓުއާގެ ދަށުން ޝޯ ދިނުމަށް އޭނާ ދާނީ އެމެރިކާ އަދި ކެނެޑާއަށެވެ. މި ޓުއާ ދަތުރުތަކުގައި އޭނާއާއެކު ޝޯ ދިނުމަށް ބަތަލާ ކެޓްރީނާ ކައިފް، ސޮނާކްޝީ ސިންހު އަދި ޑެއިޒީ ޝާހްވެސް ބައިވެރިވެ އެވެ.

"ޓުއާ ނިންމާލާފައި އައިސް "ދަބަންގް 3" އަދި "ބާރަތު" ގެ ޝޫޓިން ފަށާނަން. އަހަރެން މިހާރު ވިސްނާފަ އޮތީ އެންމެ ކުރީގައި އަހަރެން ފިލްމުތައް ޝޫޓުކުރާ ގޮތަށް ދެ ފިލްމު އެކުގައި ޝޫޓުކުރަން،" ސަލްމާން ބުންޏެވެ.

ދެން އެންމެ އަވަހަށް ސަލްމާންގެ ފިލްމެއް ރިލީޒްކުރާނީ މި މަހު މެދު ތެރޭގަ އެވެ. އެއީ އެކްޝަން ތްރިލާ ފިލްމު "ރޭސް 3" އެވެ. ޖެކޮލިން ފެނާންޑޭޒް، ބޮބީ ޑިއޯލް، ޑެއިޒީ ޝާހް އަދި އަނިލް ކަޕޫރް މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމު ރިލީޒްކުރަނީ މި މަހު 15 ގަ އެވެ.

ބޮޑު ސްކްރީނުގެ އިތުރުން ކުޑަ ސްކްރީނުގައިވެސް އޭނާ މިހާރު އަންނަނީ ވަކި ހިތްޕާލަމުންނެވެ. ސަލަމްނާގެ ޓީވީ ޝޯ "ދަސް ކާ ދަމް" މިހާރު އަންނަނީ ދައްކަމުންނެވެ. އޭނާ ހޮސްޓުކުރާ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 12 ވަނަ ސީޒަންގެ މަސައްކަތްވެސް ކުރިއަށް އެބަ އޮތެވެ.