ސަލްމާން ޚާންގެ ބޮޑު ފިލްމު "ބާރަތު" ގައި ލީޑު ރޯލު ކުޅެން ނެގި ބަތަލާ، ޕްރިޔަންކާ ޗޯޕްރާ އެ ފިލްމު ދޫކޮށްލުމާއެކު އެ ރޯލަށް ކެޓްރީނާ ކައިފް ނަގައިފި އެވެ. މިދިޔަ ހުކުރު ދުވަހު ޕްރިޔަންކާ އެ ފިލްމު ދޫކޮށްލީ ކުއްލި ގޮތަކަށެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާ އެ ފިލްމު ދޫކޮށްލީ މިހާރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ނިކް ޖޯނަސް އާއި އެންގޭޖުވުމަށެވެ.
ޕްރިޔަންކާގެ ރޯލަށް ކެޓްރީނާ ހަމަޖެއްސިކަން "ބާރަތު" ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ވަނީ ޓުވިޓާ މެދުވެރިކޮށް ކަށަވަރުކޮށްދީފަ އެވެ. އައްބާސް ބުނީ ފިލްމުގެ ސްކްރިޕްޓު ކެޓްރީނާއާއި ހަވާލުކުރި ކަމަށާއި އަދި އެނާއަށް އެ ރޯލު ވަރަށް ކަމުދިޔަ ކަމަށެވެ.
"މި ފިލްމަށް ކެޓްރީނާ ނެގުމަށް އަހަރެން ސަލްމާންއާއެކު މަޝްވަރާކުރިން. އެކަމަކު ސަލްމާން އެކަން ހަވާލުކުރީ އަހަންނާއި. ކެޓްރީނާ މި ރޯލަށް ނަގަން ނިންމީ އަހަރެން. އެއީ މީގެ ކުރިން އޭނާއާއެކު އަހަރެން ދެ ފިލްމެއްގައި މަސައްކަތްކޮށްފައިވާތީ އާއި އެ މަސައްކަތަކާއި މެދު އަހަރެން ވަރަށް ހިތްހަމަޖެހޭތީ،" ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އައްބާސް ބުންޏެވެ.
"ބާރަތް" އަކީ 2014 ވަނަ އަހަރު ނިކުތް ކޮރެއަން ފިލްމު "އޮޑޭ ޓު މައި ފާދާ" ގެ އަސްލަކަށް ބަލައިގެން އުފައްދާ ރީމޭކް ފިލްމެކެވެ. މި ފިލްމުގައި ސަލްމާން އުމުރުން 19 އަހަރުން ފެށިގެން އުމުރުން 70 އަހަރާ ހަމަ ދައްކުވައިދޭނެ އެވެ. އެގޮތުން އޭނާގެ ތަފާތު ފަސް ސިފައެއް ފިލްމުގައި ފެނިގެންދާނެ އެވެ.
އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ސަލްމާންގެ ޅިޔަނު އަތުލް އަގްނިހޯތުރީ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ސަލްމާނާއެކު މި ފިލްމުގެ ކާސްޓުގައި ތާބޫ، ދިޝާ ފަޓްނީ، ސުނީލް ގްރޯވާ، އާސިފް ޝެއިޚް، ޝުރާބް ޝުކްލާ، ޝަރަތު ސަކްސޭނާ، ޝަޝަންކު އަރޯރާ އަދި އަނަންތު ވިދާތު ޝަރުމާ ހިމެނެ އެވެ.