ކުޅިވަރު

ބުފޮން ޕީއެސްޖީއަށް ސޮއިކުރުމާ ގާތަށް

ނިދިޔަ ސީޒަނަށް ފަހު ޔުވެންޓަސް ދޫކޮށްލާފައިވާ ތަޖުރިބާކާރު ކީޕަރު ޖިއާންލުއީޖީ ބުފޮން ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ޕީއެސްޖީއަށް ބަދަލުވާން ތައްޔާރު ވެއްޖެ އެވެ.

އިޓަލީގެ ކޮރިއޭރޯ ޑެލޯ ސްޕޯޓްސްއިން ބުނީ، ޕީއެސްޖީން ހުށަހަޅާ ކޮންޓްރެކްޓްގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ. އަދި މިހާރު އޮތީ ހަމައެކަނި ކޮންޓްރެކްޓްގައި ސޮއި ކޮށްލުން ކަމަށެވެ. ކޮންޓްރެކްޓާ މެދު ބުފޮން ހިތްހަމަޖެހޭ ކަމަށް އެ ނޫހުގައި ބުނެފައި ވެ އެވެ.

ޕީއެސްޖީގެ އާ ކޮންޓްރެކްޓް ދަށުން ބުފޮންއަށް އަހަރަކު 16 މިލިއަން ޔޫރޯގެ އަންމުދަނީއެއް ލިބޭނެ ކަމަށްވެސް އެ ނޫހުގައި ބުނެފައި ވެއެވެ.

ބުފޮންއަށް މިހާރު 40 އަހަރެވެ. އަންނަ ޖަނަވަރީގައި އޭނާއަށް 41 އަހަރު ފުރޭނެ އެވެ. ނަމަވެސް މި ސީޒަންގައި ވެސް އޭނާ ދެއްކި ކުޅުމުން އޭނާގެ ފެންވަރަށް ބަދަލެއް ނާންނަ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ބުފޮންއަކީ އެއްވެސް ޓީމެއްގެ ކޮންޓްރެކްޓްގައި މިހާރު ހުރި ކުޅުންތެރިޔެއް ނޫނެވެ. އެހެންވެ އޭނާ ގެންދަން ޓްރާންސްފާގެ އަގެއް ހުށަހަޅާކަށް ޕީއެސްޖީއަށް ނުޖެހޭނެ އެވެ.