ހޮލީވުޑް

ޕްރިޔަންކާއާ ނިކްގެ މެދުގައި ހާއްސަ ގުޅުމެއް؟

ގްލޯބަލް އައިކަން ޕްރިޔަންކާ ޗޯޕްރާ އާއި ހޮލީވުޑްގެ އެކްޓާ އަދި ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ހަބަރުތައް ފެތުރެން ފަށައިފި އެވެ.

މި ދެ ތަރިން މިފަހުން ވަރަށް ގިނައިން އެކުގައި ވަގުތު ހޭދަކުރަމުން އަންނަ ކަމަށް އަޑު ފެތުރިފައިވެ އެވެ. މިދިޔަ ހަފްތާ ބަންދުގައި މި ދެ ތަރިން އެކުގައި ހޮލީވުޑް ބޯލް އާއި ޑޮގާސް ސްޓޭޓިއަމް އަދި ޕެސިފިކް އޯޝަންއަށް ދިޔަކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މިދިޔަ ހުކުރު ދުވަހު ލޮސް އެންޖަލަސްގައި އޮތް "ބިއުޓީ އެންޑް ދަ ބީސް ލައިވް ކޮންސާޓް" އަށް ވެސް މި ދެ ތަރިން އެކުގައި ގޮސްފައިވެ އެވެ. އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ކަށަވަރު ނުވި ނަމަވެސް ޔޫއެސް ވީކްލީއިން ވެސް ވަނީ އެ ހަބަރު ޖަހާފަ އެވެ.

ތަންތަނަށް ގޮސް ނަގާފައިވާ ބައެއް ފޮޓޯތަކުގައި އެ ދެމީހުން ވަރަށް ގައިގޯޅިކޮށް ތިބޭ މަންޒަރު ފެނެ އެވެ.

މިދިޔަ އަހަރު ބޭއްވި މެޓް ގާލާ އިވެންޓަށްފަހު ޕްރިޔަންކާ އާއި ނިކް ދެމެދުގައި ގާތް ގުޅުމެއް އުފެދިފައިވެ އެވެ. އެ ދެމީހުން މެޓް ގާލާގައި އެ ފަހަރު ލީ ޑިޒައިނަރު ރެލްފް ލޯރެންގެ ޑިޒައިންޑް ހެދުންތަކެވެ.

މެޓް ގާލާގައި އެ ފަހަރު އެ ދެ މީހުން އެކުގައި ފެނިގެންދިޔުމުން ޖިމީ ކިމެލް ވަނީ އޭނާގެ ޓޯކް ޝޯގައި ޕްރިޔަންކާއާއި ނިކްގެ ދެމުގައި ހާއްސަ ގުޅުމެއް އޮތްތޯ ސުވާލު ވެސް ކޮށްފަ އެވެ. އެ ފަހަރު ޕްރިޔަންކާ ބުނީ އެ ދެ މީހުން މެޓް ގާލާގެ ރެޑް ކާޕެޓަށް އެކުގައި ދާން ނިންމީ އެތަނުން ދިމާވެގެން ކަމަށެވެ. އެއީ އިއްތިފާގުންވީ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ނިކް ވަނީ މީގެ ކުރިން ދެ އަހަރުވަންދެން އެމެރިކާގެ މަޝްހޫރު މޮޑެލް އޮލިވިއާ ކަޕްލޯއާއި ރައްޓެހިވެގެން އުޅެފަ އެވެ. އޭގެ ފަހުން އެކްޓްރެސް ކޭޓް ހަޑްސަން އާއި މޮޑެލް ޖޯޖިއާ ފޯލާ އާއި ރައްޓެހިވެގެން ވެސް އުޅުނެވެ. ޕްރިޔަންކާ އޭނާގެ ލޯބީގެ ގުޅުންތަކާއި ބެހޭގޮތުން އާންމުކޮށް ވާހަކަދައްކައެއް ނޫޅެ އެވެ.