މަޝްހޫރު އެމެރިކަން ޓީވީ ސީރީޒް "ވޯކިން ޑެޑް" ގައި ލީޑުން ފެނިގެންދާ އެކްޓަރު އެންޑްރޫ ލިންކަން އެ ޝޯ ދޫކޮށްލަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
"ވޯކިން ޑެޑް" ގައި އެންޑްރޫ ފެނިގެންދަނީ ރިކް ގްރައިމްސްގެ ރޯލުންނެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އޭނާ ވަކިވާނީ ކުރިއަށް އޮތް އެ ސީރީޒްގެ ނުވަ ވަނަ ސީޒަންގެ ހައެއްކަ އެޕިސޯޑުގައި މަސައްކަތް ކުރުމަށްފަހު އެވެ.
މި ސީރީޒްގައި އެންޑްރޫގެ ދަރިއެއްގެ ގޮތުގައި ފެނިގެންދިޔަ ޗެންދުލާ ރިގްސް ވެސް ވަނީ އޭނާގެ ކެރެކްޓާ މަރާލުމުން ސީރީޒްއިން ވަކިވެފަ އެވެ. މި ސީރީޒްގައި މިހާރު އެންޑްރޫ އާއި ގުޅޭ އިތުރު އެހެން ކެރެކްޓާއެއް ވެސް ނެތެވެ.
މި ސީރީޒްގައި މެގީގެ ކެރެކްޓާއިން ފެނިގެންދާ އެކްޓްރެސް ލޯރެން ކޯހަންވެސް ވަނީ ޝޯއިން ވަކިވާން ނިންމާފަ އެވެ. ލޯރެން މިހާރު ވަނީ އޭބީސީ ނެޓްވޯކްއާއެކު އާ ސީރީޒެއްގެ މަސައްކަތް ފަށާފަ އެވެ. ނުވަ ވަނަ ސީޒަންގައި ލޯރެން ވެސް ފެނިގެންދަނީ ހަ ވަރަކަށް އެޕިސޯޑުންނެވެ.
އެންޑްރޫ ވަކިވުމުން މި ސީރީޒްގެ ލީޑު ނަގާނެ ކަމަށް ބެލެވެނީ ޑެރިލްގެ ކެރެކްޓާއިން ފެނިގެންދާ އެކްޓަރު ނޯމަން ރީޑަސް އެވެ. ނަމަވެސް މި ހަބަރު އަދި ކަށަވަރެއްނުވެ އެވެ.
ޒޮމްބީ އެޕްކޮލިޕްސްއެއް މުޅި ދުނިޔެއާއި ކުރިމަތިވެ، އެ ރޯގާއިން ސަލާމަތްވި މަދު ބަޔަކު އެ މީހުން ދިރި ތިބުމަށް ކުރާ ހަނގުރާމައިގެ މައްޗަށް ހުށަހަޅައިދޭ މި ސީރީޒްގެ އަށް ވަނަ ސީޒަން ދައްކާ ނިމުނީ މިދިޔަ އޭޕްރީލް މަހު އެވެ. ނުވަ ސީޒަން ދައްކަން ފާށާނީ މި އަހަރު ފަހުކޮޅުގަ އެވެ.