ދުނިޔެ

އިޒްރޭލުން ޣައްޒާއަށް ބޮން އަޅަން ފަށައިފި

އިޒްރޭލާއި މިސްރުން ހިސާރުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ޣައްޒާއަށް އިޒްރޭލުގެ ވައިގެ ސިފައިން ހަމަލާތަކެއް ދޭން ފަށައިފި އެވެ.

ޕަލެސްޓައިން އިންފޮމޭޝަން ސެންޓަރުން ބުނީ އިޒްރޭލުން ޣައްޒާއަށް ހަމަލާ ދޭން ފެށީ އެރަށުގައި އުޅޭ ހަނގުރާމަވެރިން އިޒްރޭލުގެ ސަރަހައްދަކަށް ރޮކެޓް ހަމަލާއެއް ދިނުމުން ކަމަށެވެ. އިޒްރޭލުގެ ނޫސްތަކާ ހަވާލާދީ އެ ނޫހުން ބުނީ ޣައްޒާއަށް ހަމަލާދިނުން ކުރިއަށް ގެންދަން އިޒްރޭލުގެ ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އިޒްރޭލުން އިއްޔެގައި ބުނީ ޣައްޒާއިން އިޒްރޭލަށް މޯޓަރު ބަޑީގެ 30 އުންޑަ ފޮނުވާލާފައިވާ ކަަމަށެވެ.

އިޒްރޭލުން އިއްޔެފައި ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މީހަކު މަރުވި ނުވަތަ ޒަހަމްވިކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.

ސައުދީ އަރަބިއްޔާގެ އަރަބް ނިއުސް ބުނީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވޭތޯ މިސްރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޣައްޒާގައި އުޅޭ ހަނގުރާމަވެރި ޖަމާއަތްތަކާއި އިޒްރޭލު ސަރުކާރާ ވެސް މިސްރުން ވާހަކަދައްކަމުން އަންނަ ކަމަށް އެނޫހުން ބުންޏެވެ.