ކުޅިވަރު

ވޯލްޑްކަޕު ހޯދުމަކީ ފަސޭހަ ކަމެއް ނޫން: އިނިއެސްޓާ

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގައި ސްޕެއިންގެ ޓީމަށް ކުރިމަތިވި ހާލަތުން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށް ސްޕެއިންގެ ވައިސް ކެޕްޓަން އަންޑްރޭ އިނިއެސްޓާ ބުނެފި އެވެ.

އެފަހަރުގެ ވޯލްޑްކަޕަށް ސްޕެއިން އައީ އެންމެފަހުގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ. ނަމަވެސް ގުރޫޕް ސްޓޭޖުން ސްޕެއިން ކެޓުމުން މުޅި ދުނިޔެއަށް ހައިރާންކަން ލިބުނެވެ. އޭގެ ކުރީގެ ވޯލްޑްކަޕުގެ ޗެމްޕިއަންކަން ސްޕެއިންއަށް ހޯދައިދިނީ ފައިނަލުގައި ހޮލެންޑް ކޮޅަށް އިނިއެސްޓާ ކާމިޔާބު ކުރި ލަނޑުންނެވެ.

އެނާ ބުނީ ވޯލްޑްކަޕު ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ކުރިން ކުރެވިފައިވާ މަސައްކަތްތަކުގެ އަގު ހިފަހައްޓައި އެކާމިޔަބު ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

"ހޯދިފައި ހުރި ކާމިޔާބެއް ކަމަށް ވަންޏާ އޭގެ އަގު ހިފަހައްޓަން މަސައްކަތް ކުރަން ޖެހޭނެ، އަދި ވަރަށް ރަނގަޅަށް ހަނދާން ބައްޓަން ޖެހޭނެ ވޯލްޑްކަޕު ކާމިޔާބު ކުރުމަކީ ފަސޭހަ ކަމެއް ނޫންކަން،" 2010 ވަނަ އަހަރު ވޯލްޑްކަޕުގެ ތަރި ބުންޏެވެ. "އެއީ ވަރަށް ވަރަށް އުނދަގޫ ކަމެއް ކޮންމެ ރައުންޑެއް ފަހަނައަޅައި ގޮސް ކޮންމެ މެޗަކުން އެކުރާ މަސައްކަތަކީ ވަރަށް އުނދަގުލުން ކުރެވޭ ކަންކަން."

އެންމެ ފަހު މުބާރާތުގައި ސްޕެއިން ކުރިމަތިވި ވަކި ވަކަި ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާކަށް ބާސެލޯނާގެ ލެޖެންޑް ބޭނުމެއް ނުވެ އެވެ. އޭނާ ބުނީ މިފަހަރު ޖުމުލަކޮށް ހުރިހާ ކަަމަކަށް ސްޕެއިންގެ ޓީމުން ތައްޔާރު ވާން ޖެހޭ ކަމަށެވެ.

"އަހަރެމެން އޭރު އޮތީ އަހަރެމެން އޮންނަން ޖެހޭ ފެންވަރުގައެއް އެއް ނޫން، އެހެންވިޔަސް އަހަންނަކަށް ހީއެއް ނުވޭ އެކަން ވަކިކަމަކާ ގުޅުވައި ގޯހުން ދިޔައީ މިވެނި ކަމެކޭ ބުނެވެން އޮންނާނެ ހެނެއް،" 2014 ވަނަ އަހަރުގެ ވޯލްޑްކަޕާ ބެހޭގޮތުން އިނިއެސްޓާ ބުންޏެވެ.

"ބަލާލީމަ ފެނިދާނެ މިވެނި ކަމެއް ގޯހުންގޮސްގެންނޭ، ނަމަވެސް އެއީ ކުޅުންތެރިން ވަރުބަލި ވެގެނެއް ނޫން ނުވަތަ އެކަމަށް ދޭން ޖެހޭ ސަމަލުކަން ނުދެވިގެންނެއް ނޫން، ގޯހުން ދަންޏާ ގޯސްވީ ވަރަށް ގިނަ ކަންކަން ގޯސްކޮށް ގޮސްގެން."

"ހަތަރު އަހަރު ކުރިން އަހަރެމެންނަށް ވީގޮތުން އެއީ އަހަރެމެން ސަމާލުވެގެން ތިބެންޖެހޭނެ ކަމެއްކަން އަންގައިދިން ކަމެއް، އަަރެމެން ރަޝިއާއަށް ދާން ޖެހޭނީ ރަނގަޅު މޫޑެއްގައި."

އޭނަ ބުނީ މިފަހަރު ސްޕެއިންގެ ސްކޮޑު ކޯޗު ހޫލެން ލެޕޮޓެގީ އެކުލަވާލާފައިވާ ގޮތާމެދު ހިތްހަމަޖެހޭ ކަމަށެވެ.

"އަހަރެމެންގެ މިއޮތީ ވަރަށް ރަނގަޅު ސްކޮޑެއް، އަހަންނަ ހީއެއް ނުވޭ މިއީ ތަޖުރިބަކާރު ކުޅުންތެރިންނާ ޒުވާން ކުޅުންތެރިންގެ ސަބަުން ވާ ކަމެއް ހެނެއް، އެހުރިހާ ކަމަކީވެސް އަހަރެމެން އެއްފަންވަރެއްގައި ހިފެހެއްޓުމަށް ކުރާ މަސައްކަތް، އެ މަސައްކަތުން އަހަރެމެންނަވެސް ފޭވަރިޓޭ މިކިޔާ ގައުމުތައް ބްރެޒިލް، ފްރާންސް، އަޖެންޓީނާ އަދި ޖަރުމަންއާ އެއްހިސާބެއްގައި އޮވެވެނީ."