ސުޕްރީމް ކޯޓުގައި ގާއިމްކޮށްފައިވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް ކަނޑާލުމުގައި އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދުގެ ނިޔަތް ގޯސް ކަމަށް ދައުލަތުގެ ވަކީލުން މިއަދު ކޯޓްގައި ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީތަކެއް ބަލައިނުގަތުމަށް ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރާ ނިޒާމް، ފެބްރުއަރީ މަހުގެ ހަތަރެއް އަދި ފަސް ވަނަ ދުވަހު ޖެމްސް ހުއްޓުވާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ބުނެ އެމަނިކުފާނަށް ކުރިމިނަލް ކޯޓުން ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. މިއަދު އޮތީ އެމައްސަލައިގައި ދައުލަތުގެ ފަރާތުން ޖަވާބުދާރީ ވުމެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އަބުދުﷲ ސައީދުގެ ވަކީލުން އިސްތިއުނާފަށް ހުށަހެޅި މައްސަލަތަކަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލް އައިޝަތު މުނާ ޝަމީމް ވިދާޅުވީ، ފެބްރުއަރީ ހަތަރެއް އަދި ފަސްވަނަ ދުވަހު ޖެމްސްގެ ހިދުމަތް ކަނޑާލުމަށް އެންގެވީ އުއްތަމަ ފަނޑިޔާރު ކަމަށް ދަށުކޯޓްގައި ހެކިބަސްދިން ހެކިވެރިޔާގެ ހެކިބަހުން އިނގޭ ކަމަށާއި އެކަން މުއައްޒަފުން އަމަލު ކޮށްފައިވާތީ އެއީ މާއްދީ ގޮތުން ކޮށްފައިވާ އަމަލެއް ކަމަށް ބެލެވޭނެ ކަމަށެވެ. އަދި އެދެދުވަހު ސުޕްރީމް ކޯޓްގެ ހިންގުމާއި ހަވާލުވެ ހުންނެވީ އުއްތަމަ ފަނޑިޔާރު ކަމަށާއި އުއްތަމަ ފަނޑިޔާރުގެ ބެލުމުގެ ދަށުން ނޫނީ އެއްވެސް ކަމެއް ކޯޓްގައި ނުހިނގާ ކަމަށް މުނާ ވިދާޅުވި އެވެ.
މުނާ ވިދާޅުވީ، ހަތަރެއް އަދި ފަހެއް ފެބްރުއަރީގައި ޖެމްސްގެ ހިދުމަތް ކަނޑާލުމަށްފަހު އަލުން ލިޔެކިޔުންތަކެއް ފޮނުވުމަށް ޖެމްސްގެ ހިދުމަތް ދިނުމަށްފަހު އަނެއްކާވެސް ޖެމްސްގެ ހިދުމަތް ކަނޑާލާފައިވާ ކަމަށާއި އެކަމަކީ މާއްދީގޮތުން ދައުލަތުގެ މަސައްކަތައް ހުރަސް އެޅުން ކަމަށެވެ. އެކަންކަމުން ޖެމްސް ކަނޑާލުމުގައި އުއްތަމަ ފަނޑިޔާރުގެ ނުބައި ނިޔަތެއް އޮތްކަން ކަމަށް ދައުލަތަށް ސާބިތުވާ ކަމަށްވެސް މުނާ ވިދާޅުވި އެވެ.
މުނާ ވިދާޅުވީ، ޖެމްސްގެ ހިދުމަތް ކަނޑާލުމަށް އެންގުމަކީ ހުއްދަނޫން ގޮތެއްގައި ދައުލަތުގެ މަަސައްކަތައް ހުރަސް އެޅުން ކަމަށާއި ދައުލަތުގެ ލިޔެކިޔުންތައް ޖެމްސް މެދުވެރިކޮށް އެކްސެސްވިޔަ ނުދިނުމަށް ޖެމްސް ހިދުމަތް ކަނޑާލާފައިވާ ކަމަށެވެ. އެކަން ކުރުމަށް އުއްތަމަ ފަނޑިޔާރުން އެންގީ ވާޖިބާ ހިލާފަށް ކަމަށާއި މި ކަމުގައި ނުބައި ނިޔަތެއް އޮއްކަން ސާބިތުވާ ކަމަށެވެ.
މި މައްސަލާގައި އަމަލަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށަކަށްވާތީވެ އެ އަމަލު ކުރުމުގައި އިސްކޮށް ހުންނެވި ފަރާތަކީ އަބުދުﷲ ސައީދުކަމަށްވާތީ އަދަބު ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމަށްވެސް ދައުލަތުގެ ވަކީލް މުނާ ވިދާޅުވި އެވެ.
މުނާ ވިދާޅުވީ، ޕީޖީން މީގެ ކުރިންވެސް މައްސަލައާ ގުޅުންހުރި އެހެން މީހުންނަށް ދައުވާނުކޮށް ދޫކޮށްލާފައިވާނެ ކަމަށާއި އެކަން ކުރަނީ އަމަލުުގެ ބޮޑު ކުޑަމިނަށް ބެލުމަށްފަހު ކަމަށާއި އަދި ހުށަހެޅޭ ހެއްކައް ބެލުމަށްފަހު ކަމަށެވެ. އަދި މައްސަލާގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތުގެ ކުށް ސާބިތު ކުރުމަށް އެ މައްސަލައާ ގުޅުންހުރި އެހެން ފަރާތްތަކުގެ ހެކިބަސް ނަގާފައިވާ ކަމަށްވެސް މުނާ ވިދާޅުވި އެވެ.
އެހެންކަމުން މި މައްސަލާގައިވެސް އެގޮތަށް އަމަލު ކުރެވޭނެ ކަމަށާއި އެގޮތުން ޖެމްސް ކަނޑާލުމަށް އެންގީ އުއްތަމަ ފަނޑިޔާރު ކަމަށް ހެކީންގެ ހެކިބަހުން އިންގޭތީވެ އެފަރާތުގެ ހެކިބަސް ބޭނުން ކުރެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށްވެސް ދައުލަތުން ވިދާޅުވި އެވެ.
ދައުލަތުން ވިދާޅުވީ، މައްސަލައިގެ ދައުވާ އުފުލާފައިވަނީ ދައުލަތުގެ މަސައްކަތައް ހުރަސް އެޅުމަށް އުއްތަމަ ފަނޑިޔާރު ސުޕްރީމް ކޯޓްގެ އިސް ފަރާތަކަށް ހުރެ ހިންގި އަމަލެއްގެ ސަބަބުން ކަމަށާއި ދައުވާ އުފުލާފައިވަނީ ކޯޓްގެ ޝަރީއަތެއްގައި ކުރި ކަމަކުން ނޫން ކަމަށެވެ. އެހެން ކަމުން ދަށު ކޯޓުން ނިންމާފައިވާ ނިންމުން ބަލައިގަންނަން ޖެހޭ ކަމަށް މުނާ ވިދާޅުވި އެވެ.
ޣައިރު ގާނޫނީ ބަންދެއްް ނޫން ކަން ފާހަގަ ކުރައްވާ މުނާ ވިދާޅުވީ، އުއްތަމަ ފަނޑިޔާރު ބަންދުކޮށްފައި ހުރީ މި މައްސަލައާ ގުޅިގެން ނޫން ކަމަށާއި ބަންދުކޮށްފައި ހުރީ އެހެން މައްސަލައަކާ ގުޅިގެން ކަމަށެވެ. އެހެންކަމުން މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ޣައިރު ގާނޫނީ ބަންދެއްގައި ބަހައްޓައިގެން ކަމަށް ނުބުނެވޭނެ ކަމަށެވެ.
މުނާ ވިދާޅުވީ، ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ދެފަރާތް ކަމަށްވާ ޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި ފަނޑިޔާރު އަލީ ހަމީދަކީ އެކެއް ފެބްރުއަރީގެ އަމުރާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދެފަރާތް ކަމަށާއި މި މައްސަލައަކީވެސް އެކަމާ ގުޅުންހުރި މައްސަލައެއް ކަމުން އެދެފަރާތުގެ ހެކިބަސް ނެގުމަކީ މަސްލަހަތު ފުށޫއަރާނެ ކަމަށްވާތީ ކަމަށެވެ. އަދި ވިދާޅުވީ، ދިފާއީ ހެކީންގެ ގޮތުގައި ހުށަހެޅި ހެކީން ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ފަރާތެއް ކޯޓަށް ހާޒިރުވި ކަމަށެވެ. އަދި އެފަރާތުގެ ހެކިބަސް ނެންގެވި ކަމަށްވެސް މުނާ ވިދާޅުވި އެވެ.
މުނާ ވިދާޅުވީ، 2010 ވަނަ އަހަރުން ފެށިގެން ރައީސް އޮފީހުގެ ފަރާތުން ޖެމްސްގެ ހިދުމަށް ބޭނުން ކުރުމަށް އާންމުކޮށް އަންގާ ސާކިއުލާއެއް ނެރެފައިވާ ކަމަށާއި އެގޮތަށް އަމަލުކުރަން އެންގީ ދައުލަތުން ފޮނުވާ ހުރިހާ ލިޔެކިޔުމެއް ޑިޖިޓަލައިޒް ކުރުމަށް ކަމަށެވެ. އަދި ރައީސް އޮފީހުން އެކަން އެންގުމުން ސުޕްރީމް ކޯޓުން ޖެމްސްގެ ހިދުމަތް ބޭނުން ކުރަމުން ދިއުމަކީ އެކަން ކުރުން ލާޒިމްވާ ކަން ސާބިތުވާ ކަމެއް ކަމަށާއި އެހެން ކޯޓްތަކުންވެސް އެއަށް އަމަލު ކުރަމުން ދިޔަކަންވެސް މުނާ ފާހަގަ ކުރެއްވި އެވެ.
މުނާ އިތުރަށް ވިދާޅުވީ، ހެކީންގެ ހެކިބަސް ނަގާފައިވަނީ ގާނޫނުގައި އަންގަވާފައިވާ ސިއްރު ހެކީންގެ ހެކިބަސް ނެގުމަށް އަންގަވާފައިވާ ގޮތަށް ކަމަށާއި ޖިނާއީ އިޖްރާއަތާއި ގާނޫނުގެ ދަށުން ހެކީންގެ ހިިމާޔަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އަދި ކުށްކުރި ވަގުތު ހެކިވެރީންގެ ހެކިބަހުން ސާބިތުވާ ކަމަށާއި އެކަން ބަޔާންކޮށްދީފައިވެސްވާނެ ކަމަށެވެ. އެއީ ހަތަރެއް އަދި ފަސްވަނަ ދުވަހުގެ އެކި ވަގުތުތަކުގައި ކަމަށް މުނާ ވިދާޅުވި އެވެ.
މުނާ ވަނީ ދަށު ކޯޓުން ނިންމާފައިވާ ނިންމުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ ކަނޑައަޅާފައިވާ ހުކުމެއްކަން ކަނޑައަޅައިދިނުމަށް ކޯޓުގައި އެދިފަ އެވެ.
އެކަންކަމަށް ރައްދު ދެއްވައި އުއްތަމަ ފަނޑިޔާރުގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، ޖެމްސް ކަނޑާލި ވަގުތުތައް ހެވިވެރީންގެ ހެކިބަހުން އިނގޭނެ ކަމަށް ވިދާޅުވި ކަމަށާއި ނަމަވެސް ހެކީންގެ ހެކިބަހުން ވަގުތުތައް ނޭންގޭ ކަމަށެވެ. އަދި "އެކިވަގުތު" ތަކަކީ ސީދާ އަމަލު ހިންގި ވަގުތު ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި ދައުލަތައް އެކަން ހިންގި ވަގުތު ސާބިތު ކުރުމަށް ފުރުސަތު ލިބުނު ނަމަވެސް އެކަމަށް ހެކި ހުށަހަޅާފައިނުވާ ކަމަށް ނޫރު ވިދާޅުވި އެވެ.
ނޫރު ވިދާޅުވީ، އަމަލު ހިންގިމީހާއަށް ދައުވާ ނުކޮށް އެ އަމަލު ކުރުމަށް އެންގި މީހާއާ ދެކޮޅަށް ދައުވާ ކުރުމަށްފަހު އެ އަމަލު ހިންގި މީހާގެ ހެކިބަސް ނަގައި މީގެ ކުރިން ޕީޖީން އަމަލު ކޮށްފައިނުވާ ކަމަށާއި އެގޮތައް އަމަލު ކޮށްފައިވާ ކަމަށް ދައުލަތުން ސާބިތުކޮށްދީފައިނުވާ ކަމަށެވެ. އަދި ޖެމްސް ވާގަނޑު ކަނޑާލިމީހާއާ އޭނާއަށް އަމުރު ކުރި މީހާއަށް ދައުވާ ނުކޮށް ހެކިބަސް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ނޫރު ވިދާޅުވި އެވެ.
ނޫރު ވިދާޅުވީ، ޖެމްސްގެ ހިދުމަތް ކަނޑާލުމަށް އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ހެކިބަސް ދީފައިވަނީ އެންމެ ފަރާތެއް ކަމަށާއި ގުރުއާންގައި އަދުލުވެރި ދެ ހެކީންގެ ހެކިބަސް ނެގުމަށް އަންގަވާފައިވާއިރު އެންމެ މީހެއްގެ ހެކިބަހުން ކުށް ސާބިތު ނުކުރެވޭނެ ކަމަށެވެ. އަދި އެފަރާތުން ކުރީ ތުހުމަތެއްކަމަށާއި އެތުހުމަތް ސާބިތު ކުރަން އެފަރާތުގެ އެކަނި ހެކިބަސްް ނުނެގޭނެ ކަމަށް ނޫރު ވިދާޅުވި އެވެ.
ރައީސް އޮފީހުން ނެރުނު ލިޔުމަށް ސުޕްރީމް ކޯޓުން އަމަލު ކުރަންޖެހޭ އެއްވެސް ސަބަބެއް ދެއްކުމަށް ނޫރު ވަނީ ދައުލަތުގެ ވަކީލުންނަށް ގޮވާލާފަ އެވެ. ނޫރު ވިދާޅުވީ، ރައީސް އޮފީހުން އަމަލު ކުރަން އަންގާ ކަމަކަށް ސުޕްރީމް ކޯޓުން ތަބާވާކަށް ނުޖެހޭނެ ކަމަށެވެ. އެއީ ސުޕްރީމް ކޯޓުން އަމަލު ކުރަން ޖެހޭ ގޮތް ދައުލަތުގެ އެއްވެސް އިދާރާއަކުން ކަނޑަ ނޭޅޭނެ ކަމަށާއި ކޯޓަކުން އަމަލު ކުރަން ޖެހޭ ގޮތްތައް ކަނޑައަޅާނީ އެ ކޯޓަކުން ކަމަށް ނޫރު ވިދާޅުވި އެވެ.
ނޫރު ވިދާޅުވީ ސުޕްރީމް ކޯޓުގެ އެއްވެސް ގާނޫނެއްގައި ޖެމްސްއަށް އަމަލު ކުރުމަށް އަންގާފައިނުވާ ކަމަށާއި ޖެމްސްގެ ހިދުމަތް ބޭނުން ކުރަން ޖެހޭ ކަމަށް އެއްވެސް ގާނޫނެއްގައި ނެތް ކަމަށެވެ. އެހެން ކަމުން ޖެމްސް އަށް އަމަލު ކުރުމަކީ ލާޒިމް ކަމެއް ކަމަށް ނުދެކޭ ކަމަށްވެސް ނޫރު ވިދާޅުވި އެވެ.
ނޫރު ވިދާޅުވީ، ނިޔަތް ސާބިތު ކުރަން ޖެހޭ ކަމަށާއި ނަމަވެސް ދައުލަތުން ފާޙަގަ ކުރަނީ އެ އަމަލު ހިނގާދިޔަ ގޮތް ކަމަށެވެ. އެކަމަކީ ނިޔަތް ސާބިތު ކުރުން ނޫން ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރު އެކަން ކުރެއްވީ ދައުލަތުގެ މަސައްކަތައް ހުރަސް އެޅޭނެކަން އިނގިހުރެކަން ދައުލަތުން ސާބިތުކޮށްދެވިފައިނުވާ ކަމަށްވެސް ވަކީލް ނޫރު ވިދާޅުވި އެވެ.
މިއަދުުގެ ޝަރީއަތުގެ އަޑުއެހުން ނިންމާލާފައިވަނީ މި މައްސަލައިގެ ހުކުމް ކުރުން ދެން އޮންނަ ޝަރީއަތުގެ މަޖިލީހުގައި އޮންނާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އެންގެވުމަށްފަހު އެވެ.