ހަބަރު

ޖެމްސް މައްސަލައިގެ އިސްތިއުނާފް ނިންމާލައިފި، ދެން އޮތީ ހުކުމް

ސުޕްރީމް ކޯޓުގައި ގާއިމްކޮށްފައިވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް ކަނޑާލުމުގައި އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދުގެ މައްޗައް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީތަކެއް ބަލައިނުގަތުމަށް ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރާ ނިޒާމް، ފެބްރުއަރީ މަހުގެ ހަތަރެއް އަދި ފަސް ވަނަ ދުވަހު ޖެމްސް ހުއްޓުވާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ބުނެ އެމަނިކުފާނަށް ކުރިމިނަލް ކޯޓުން ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

މި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އިސްތިއުނާފް އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ދެ ދުވަހެއްގެ މަތީން ނެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މި މައްސަލަ ބައްލަވާ ބެންޗްގެ އިސް ގާޒީ ފަނޑިޔާރު ޝުޖާއު ވިދާޅުވީ، މި މައްސަލައާ ގުޅުންހުރި ފަހުބަސް ބުނުމުގެ ފުރުސަތު ދެ ފަރާތައް ދެވިފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި މި މައްސަލާގައި އަޑުއެހުންތައް ނިމުނީ ކަމަށެވެ. ދެން އޮންނާނީ މި މައްސަލާގެ ހުކުމް އިއްވުން ކަމަށާއި ހުކުމް އިއްވުމަށް ވަރަށް އަވަހަށް ޝަރީއަތުގެ މަޖިލިސް ވަރަށް އަވަހަށް ބާއްވާނެ ކަމަށް އިއުލާން ކުރައްވައި މިއަދުގެ ޝަރީއަތް ވަނީ ނިންމާލައްވާފަ އެވެ.

މި މައްސަލައިގެ ޝަރީއަތުގެ މަޖިލިސް ބަލަހައްޓަނީ ތިން ފަނޑިޔާރުންގެ ބެންޗަކުން ނެވެ. އެއީ ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ހަސަން އަލީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އިއްވި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައްވެސް މިހާރު ވަނީ ނިންމާލައްވާފަ އެވެ. އަޑުއެހުންތައް ނިންމާލީ ތިން އަޑުއެހުމެއް ވަރަށް ކައިރިކައިރީގައި ބޭއްވުމަށްފަހު އެވެ. ދެ ފަނޑިޔާރުންގެ އަޑުއެހުންތައް ހައިކޯޓުގައި ކުރިއަށް ގެންދިޔައީ ވަކިވަކިންނެވެ.

ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހާ ގުޅިގެން 10 ދުވަސް ތެރޭގައި ފަނޑިޔާރުންނަށް އިއްވާ ހުކުމްރައް ހައިކޯޓުގައި އިސްތިއުނާފު ކުރައްވަންޖެހޭނެ އެވެ. ހައިކޯޓުން އެ މައްސަލަ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭނެ އެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންވާނަމަ އެކަމަށް ވެސް ލިބެނީ 10 ދުވަހެވެ. ސުޕްރީމް ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި ބުނެ އެވެ.

ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފިނަމަ ދެ ބޭފުޅުންގެ ފަނޑިޔާރުކަން ވެސް އޮޓަމެޓިކުން ގެއްލޭނެ އެވެ.