އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މިއަދު ކުރިއަށް ގެންދާ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން ހުއްޓުވަން ފުލުހުުން ފިޔަވަޅު އެޅި ނަމަވެސް މާލޭގައި ވޯޓުލުން އަދިވެސް ކުރިއަށް އެބަ ގެންދެ އެވެ.
އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވަން ސިވިލް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ފުލުހުން މިއަދު ވަނީ ބައެއް ވޯޓް ފޮށިތައް ވެސް ގެންގޮސްފަ އެވެ. ނަމަވެސް މާލޭގައި ހުރި އެމްޑީޕީގެ ހަރުގޭގައި މިހާރު އަނެއްކާވެސް ވަނީ ވޯޓުލާން ފަށާފައެވެ. މިރޭ އަށެއްޖަހާ އެހާކަށް ހާއިރު ހަރުގެ ކަައިރިއަށް ފުލުހުން އައި ނަމަވެސް ކުޑަ އިރުކޮޅަކުން ފުލުހުން ވަނީ އެތަނުން ގޮސްފަ އެވެ.
ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަލް ލަތީފު ވިދާޅުވީ ކުރިއަށް އޮތް ދޮޅުގަޑިއެއްހާ އިރުގެ ތެރޭގައި ޕްރައިމަރީގެ ވޯޓުލުން ނިންމާލެވޭނެ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިލާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން މިއަދު ބޭއްވި ރިޔާސީ ޕްރައިމަރީ ފުލުހުން ހުއްޓުވި ނަމަވެސް ޕްރައިމަރީގައި ކުރިމަތިލެއްވި ހަމަ އެކަނި ކެންޑިޑޭޓު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީ ރިޔާސީ ޓިކެޓް ހޯއްދަވަން ބޭނުންވާ އަދަދަށް ވޯޓު ލިބިވަޑައިގެންފައިވާ ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކާ ކަމަށް ކެމްޕޭން ޓީމުން ބުނެފި އެވެ.
ނަޝީދުގެ ކެމްޕޭން މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ހަވީރު ބޭއްވެވި ނޫސްކޮންފަރެންސެއްގައި ވިދާޅުވީ މިއަދުގެ 4:30 އާ ހަމައަށް ނަޝީދަށް 11000 އަށް ވުރެ ގިނަ ވޯޓުލިބި ވަޑައިގެންފައިވާ ކަމަށް އެގްޒިޓް ޕޯލް އިން ދައްކާ ކަމަށެވެ. އަދި ވިދާޅުވީ އެއީ ޕާޓީގައި މިހާރު ތިބި މެމްބަރުންގެ އަދަދުގެ 23 ޕަސެންޓް ކަމަށާއި އެހެންވީމާ ބޭނުންވާ އަދަދަށް ވުރެ މާ އިތުރަށް ވެސް ނަޝީދަށް ވޯޓު ލިބިވަޑައިގެންފައިވާ ކަމަށެވެ.
" އަޅުގަނޑު މިދެންނެވި 11697 ވޯޓަކީ ޕާޓިގައި މިވަގުތު ތިބި ޖުމްލަ މީހުންގެ އަދަދުގެ 23 ޕަސެންޓް. ޕާޓީގެ އަސާސީ ގަވާއިދު ބަޔާންކުރާ ގޮތުން ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި އެއް ކެންޑިޑޭޓު އޮތަސް 10 ޕަސެންޓް ހޯދަން ޖެހޭ. ކުރިމަތިލައްވާފައި ވަނީ ރައީސް ނަޝީދު އެކަނި. އެހެން ކެންޑިޑޭޓަކު ކުރިމަތިލައި ވާދައެއް ނުކުރޭ. މިހާރުވެސް އެ 10 ޕަސެންޓަށް ވުރެ އިތުރަށް، މާ ބޮޑަށް ވެސް އިތުރަށް މިވަނީ ވޯޓު ލިބިފައި،" އަސްލަމް ވިދާޅުވި އެވެ.
އެމްޑީޕީން މިއަދު ބޭއްވި އިންތިހާބު ފުލުހުން ވަނީ ހުއްޓުވާފަ އެވެ. ފުލުހުން ބުނީ އެމީހުން ތަންފީޒުކުރީ ސިވިލް ކޯޓުުން ނެރުނު އަމުރެއް ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުގެ އަމުރުގައި އެމްޑީޕީގެ ނަން ނުބައިކޮށް އޮތުމުން އެޕާޓީން ބުނީ އެއީ އެޕާޓީއަށް އޮތް އަމުރެއް ނޫން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން އެމްޑީޕީއަށް އަންގާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ޝަރުއީ ހުކުމެއްގައި ހުރި ބޭފުޅަކަށް ވާތީ، އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭތީ އެމަނިކުފާނު ބައިވެރިކޮށްގެން އެމްޑީޕީގެ ޕްރައިމަރީ ނުބޭއްވުމަށެވެ. އަދި އީސީއިން އެދިގެން އޭޖީ އިން ވަނީ ސިވިލް ކޯޓަށް ގޮސް ޕްރައިމަރީގެ ވޯޓުލުން ހުއްޓުވަން މިއަދު އަމުރެއް ވެސް ނެރެފަ އެވެ. އިލެކްޝަންސް އިން ބުނެފައި ވަނީ އެމްޑީޕީގެ މައްޗަށް ފިޔަވަޅު އަޅާނެ ކަމަށެވެ.