އިންފޮގްރެފިކް

ކެއުމުގައި ކޮންމެހެން ހިމަނަންވީ ކިވީ!

May 31, 2018

ކިވީ ދިވެހިންގެ ތެރޭގައި މާ މަގުބޫލެއް ނޫނެވެ. އެކަމަކު ބީރައްޓެއްސެެއް ވެސް ނޫނެވެ. ބާޒާރުން ފަސޭހައިން ލިބެން ވެސް ހުރެ އެވެ. ބޮޑެތި ސުޕަމާޓުތަކުން ފެށިގެން ކަންމަތީ ފިހާރަތަކުން ވެސް ކިވީ ލިބެން ހުރެ އެވެ. ސައިޒުން ކިތަންމެ ކުޑަޔަސް އެއިން ލިބޭ ފައިދާއަކީ ބޮޑު ކަރައަކުން ފައިދާ ލިބޭ މިންވަރަށެވެ.

ކިވީގައި ވިޓަމިން ހުންނަ މިންވަރަށް ބަލާއިރު ދެ މީޑިއަމް ކިވީ ބޭނުންކޮށްފިނަމަ އެދުވަހު ދެން ވިޓަމިން ސީ ލިބޭ އެހެން ކާނާއެއް ބޭނުން ނުކުރިއަސް ހަށިގަނޑަށް އެއްވެސް ގެއްލުމެއް ނުލިބޭނެ އެވެ. މިއީ އޮރެންޖުން ވިޓަމިން ސީ ލިބޭ މިންވަރުގެ ދެ ގުނަ އަދަދެކެވެ. ވިޓަމިން ސީ އަކީ ދިފާއީ ނިޒާމް ވަރުގަދަކޮށް ސްޓްރެސް ފިލުވާލަން އެހީތެރިވެދޭ މާއްދާ އެކެވެ. އަދި މުސްކުޅިވުމުންވެސްމެ އެވެ. މިހިސާބުން ނިމުނީކީ ނޫނެވެ. ހަލާކުވެފައި ހުންނަ ފާރުގަނޑުތައް ފަސޭހަކޮށްދިނުމުގެ އިތުރުން ކަށި ވަރުގަދަ ކުރަން ބޭނުންވާ އަޔަން ލިބެ އެވެ. އަދި ލޭ ހޮޅިތަކާއި ދަތްތަކަށް ވެސް ކިވީ އަކީ ފަރުވާ އެކެވެ.

ވިޓަމިން ސީ ގެ އިތުރުން ކިވީގައި ގިނަ އަދަދަކަށް ވިޓަމިން އީ ވެސް ހިމެނެ އެވެ. ވިޓަމިން އީ ގައި ހިމެނޭ އެންޓިއޮކްސިޑެންޓުން ކޮލެސްޓްރޯލް ހުންނަ މިންވަރު ދަށްކޮށްލަ އެވެ. އަދި ދިފާއީ ނިޒާމް ބޫސްޓުކޮށްލާ ދިފާއީ ނިޒާމް އެތައް ގުނައެއް ވަރުގަދަކޮށްދެ އެވެ. އަދި ކެންސަރު ޖައްސަން މަސައްކަތްކުރާ ސެލްތައް ނައްތާލަންވެސް މިއަށްވުރެ ރަނގަޅު އެހެން މޭވާއެއް ނެތެވެ.