ބޮލީވުޑް

ސާރާ އާއި އަބީޝެކްގެ ދެމެދުގައި ޖެހުނު މައްސަލަ ހައްލުކޮށްފި

އެކްްޓަރު ސައިފް އަލީ ޚާން އާއި ކުރީގެ އަންހެނުން އަމްރިތާ ސިންގްގެ ދޮށީ ދަރިފުޅު ސާރާ އަލީ ޚާން ބޮލީވުޑަށް ނިކުންނަ ގޮތަށް ހަމަޖެހިފައި އޮތް ފިލްމު "ކެދާރްނާތް" ގެ ޝޫޓިން އަށް ވަގުތު ނުދީ އަންނަ މަހުގެ ތެރޭގައި ރޯހިތު ޝެޓީ ޑައިރެކްޓްކުރާ "ސިމްބާ" ގެ ޝޫޓިން ފަށާތީ އަބީޝެކް ވަނީ ސާރާ ގޮވައިގެން ކޯޓަށް ގޮސްފަ އެވެ.

ސާރާ ގޮވައިގެން އަބީޝެކް ކޯޓަށް ދިޔައީ އެހެން ފިލްމެއް ކުޅެން ވަގުތުދީ "ކެދާރްނާތް" އަށް ވަގުތު ދިނުމަކީ އޭނާ އާއެކު ވެފައިވާ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. ލިބުނު ގެއްލުމުގެ ބަދަލުގައި އަބީޝެކް ވަނީ ސާރާ އަތުން ފަސް ކްރޯޑް ރުޕީޒް ނަގައި ދިނުމަށް އެދިފަ އެވެ.

ނަމަވެސް "ސިމްބާ" ގެ ޑައިރެކްޓަރު ރޯހިތު މި މައްސަލަގައި އަބީޝެކް އާއި ވާހަކަދައްކައި ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަށް އެއްބަސްވުމަކަށް އައިސްފަ އެވެ. އެގޮތުން ސާރާ އެންމެ ފުރަތަމަ ނިންމާނީ "ކެދާރްނާތް" ގެ ނުނިމި ހުރި މަންޒަރުތަކެެވެ. އަދި އެއަށްފަހު ރަންވީރު ސިންގާއެކު ކުޅޭ "ސިމްބާ" ގެ ޝޫޓިން ފަށާނެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޝޫޓިން ފެށި "ކެދާރްނާތް" ގެ ޝޫޓިން މަޑުޖެހުނީ ފައިސާގެ މައްސަލައިގައި އަބީޝެކް އާއި އޭރު ފިލްމު ޕްރޮޑިއުސްކުރަމުން އައި ކްރީއާޖް އެންޓަޓެއިންމަންޓްގެ ޕްރޭނާ އަރޯރާއާ ދެމެދު ޖެހުނު މައްސަލައިގަ އެވެ. އޭގެ ފަހުން ރޯނީ ސްކްރޫވާލާ ވަނީ ފިލްމު ޕްރޮޑިއުސަރެއްގެ ގޮތުގައި އަބީޝެކްއާ ގުޅިފަ އެވެ.

އަދި އެމީހުން ބޭނުންވީ ސާރާ "ސިމްބާ" ކުޅެން ދީފައި އޮތް ތާރީހުތަކުގައި އެ ފިލްމުގެ ޝޫޓިން ވެސް ނަގައި ނިންމާށެވެ.

ސާރާ އާއެކު ސުޝާންތް ސިންގް ރާޖްޕުތް ލީޑްރޯލުން ފެނިގެންދާ "ކެދާރްނާތް" މިހާރު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އަދި ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ "ސިމްބާ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހު އެވެ.