ދުނިޔެ

މަހާތީރާއި އެކު އަނެއްކާވެސް މެލޭ-ސިންގަޕޫރު އަރައިރުމަކަށް

މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުހައްމަދު ކުރިން 22 އަހަރު އެގައުމުގެ ވެރިކަމުގައި ހުންނެވި އިރު އޭނާގެ ސަރުކާރާ އަވަށްޓެރި ސިންގަޕޫރާ ދެމެދު ބޮޑެތި އަރައިރުންތައް ހިނގިއެވެ. އޭރުގައި އެންމެ ބޮޑު އަރައިރުމެއް ހިނގީ ދެގައުމުގެ ސަރަހައްދީ އިމާ މެދުގައެވެ. އެފަދަ އެއް މައްސަލަ އަކީ ސިންގަޕޫރު ސްޓްރެއިޓްސް ނަމަކަށް ކިޔާ ކަނޑުއޮޅީގައިވާ ޖަޒީރާއަކާއި ގާގަނޑެއްގެ މައްސަލަައެވެ. އެ މައްސަލަ އޭރުގައި ބައިނަލް އަގުވާމީ ކޯޓަށް ވެސް ގެންދިޔައެވެ.

މޭމަހުގެ ނުވަ ވަނަ ދުވަހު ބޭއްވި މެލޭޝިއާގެ އާއްމު އިންތިހާބު ކާމިޔާބު ކުރައްވައިގެން އުމުރުފުޅުން 92 އަހަރުގެ މަހާތީރު އަނެއްކާވެސް މިހާރު ހުންނެވީ ވެރިކަމުގައެވެ. އެއާ އެކު އާ ސަރުކާރުން އެޅި ފުރަތަމަ ފިޔަވަޅުތަކުގެ ތެރޭގައި ސިންގަޕޫރާ ގުޅުން ގޯސް ވާފަދަ ފިޔަވަޅުތައް ވަނީ ހިމަނުއްވާފައެވެ. އެގޮތުން ދެގައުމުގެ ދެމެދު ރެއިލްވޭއެއް އަޅަން ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުން އުވައިލައްވާނެ ކަން އޭނާ ވަނީ އިއުލާނުކުރައްވާފައެވެ. އެފަދަ ކަމެއް އަނެއްކާ މިއަދުވެސް މަހާތީރު އިއުލާނު ކުރައްވައިފިއެވެ.

މަހާތީރު މިއަދު ވިދާޅުވީ ސިންގަޕޯރްސްޓްރެއިޓްސްގައިވާ ގާގަނޑު ( ހިކިފައިވާ ތޮށްޓެއް ފަދަ ތަނެއް) ހިއްކަވައި ރަށެއް ތަރައްގީ ކުރައްވަން ގަސްދުކުރައްވާ ކަމަށެވެ. " މިޑުލް ރޮކްސް" ނަމަކަށް ކިޔާ އެ ތަނަކީ މެލޭޝިއާގެ ތަނެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން 2008 ވަނަ އަހަަރު ކަނޑައަޅާފައިވާ ތަނެކެވެ. އެކަމަކު އެތަން ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ސިންގަޕޫރުން ރުޅި އަންނާނެ ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ސަތޭކަ ކިލޯމީޓަރު ދިގު ސިންގަޕޯރް ސްޓްރެއިޓްސް އަކީ ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ އާގުބޯޓުފަހަރު ދަތުރުކުރާ ކަނޑުއޮޅިއެކެވެ. އެއީ ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ކަނޑުއޮޅިތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.

" އަހަރެމެން ގަސްދުކުރާ ކަމެއް މިޑުލް ރޮކްސް ބޮޑުކޮށް، ކުޑަ ރަށަކަށް ހެދުމަކީ،" މިއަދު ބޭއްވެވި ނޫސްކޮންފަރެންސެއްގަައި މަހާތީރު ވިދާޅުވި ކަމަށް މެލޭޝިއާގެ ނޫސްތަކުން ބުންޏެވެ.