ސިއްހަތު

ރޯދަ ވީއްލުމާއި ހާރުގައި ސަމާލުވާންވީ ކަންކަން!

ރޯދަ މަހަކީ ދުނިޔޭގެ ދެ ބިލިޔަނަށްވުރެ ގިނަ މުސްލިމުން ރޯދައަށް ތިބޭ މަހަކަށް ވާތީ ބައިނަލް އަގުވާމީ މީޑިއާއިން ވެސް އެކަމަށް ބޮޑު ސަމާލުކަމެއް ދެއެވެ. ރޯދަ މަހު ކައިބޮއި ކަސްރަތު ކުރުމާއި ނިދުން ފަދަ އެންމެހައި ކަންތައްތައް ބަހައްޓަންވީ ގޮތާ ބެހޭ ލިއުމެއް ބީބީސީން ދުރާލައި ޖެހީ މިހެންވެ އެވެ. ބީބީސީން މޭމަހުގެ 13 ވަނަ ދުވަހު ޝާއިއުކުރި މި ލިއުމުގައި ރޯދަމަހު ކެއިން ބުއިމާއި ނިދުމާއި ކަސްރަތު ކުރަން ރަނގަޅު އުސޫލުތައް ގެނެސްދީފައި ވަނީ މަޝްހޫރު ޑޮކްޓަރެއްގެ ލަފަޔާ އެކުގައެވެ. އެގޮތުން ހިމަނާފައި ވަނީ ޑރ. ރާންޖް ސިންގްގެ އިރުޝާދެވެ.

ރާންޖް ސިންގް އަކީ ބީބީސީގެ ކުޑަކުދިންނަށް ހާއްސަ ޗެނަލް ސީބީބީސް އިން ގެނެސްދޭ "ގެޓްވެލް ސޫން" ނަމަކަށް ކިޔާ ޕްރޮގްރާމާއި އައިޓީވީގެ "ދިސް މޯނިން" ޝޯ ހުށަހަޅުއްވާ ޑޮކްޓަރެވެ.

ކެއުމުގައި ސަމާލުވާންވީ ކޮން ކަމަކަށް؟

ރޯދަ މަހުގައި ކައިބޮއި އުޅުމަށް އޮންނަނީ ގާތްގަނޑަކަށް ހަ ގަޑިއިރު ކަމަށް ވެފައި އެ ހަ ގަޑިއިރަކީ ވެސް ރޭގަނޑުގެ ވަގުތު ކަމަށް ވުމުން، ކެވޭ ތަކެއްޗާއި މެދު ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެެވެ. އެންމެ މުހިއްމު ކަމަކީ ރޯދަ ވީއްލުމާއި ހާރު ކެއުމުހައި ހަށިގަނޑަށް ބޭނުންވާ ވީހާވެސް ގިނަ ބައިތައް ހިމެނުމެވެ. ޕްރޮޓީން އާއި ކާބޯހައިޑްރޭޓްސް އަދި ފެޓް ހިމެނޭ ގޮތުންނެވެ. ގިނަ މީހުންގެ އާދަޔަކީ ހަވާދާއި ތެލާއި ހަކުރު އެކުލެވޭ ބާވަތްތައް މި ދެ ވަގުތުގައި ވެސް ކެއުމެވެ.

ރާންޖް ލަފާ ދެއްވަނީ ހަކުރާއި ތެޔޮ ގިނަ ބާވަތްތައް މަދު ކުރުމަށެވެ.

"ފުރަތަމަ ކަމަކަށް ކަށަވަރުކުރޭ ކެއުމުގައި މުހިއްމު ބައިތައް ހަމަކުރެވޭ ކަން. މިސާލަކަށް ކާބޯހައިޑްރޭޓްސް، ޕްރޮޓީން އަދި ފެޓްސް. ވީހާވެސް ގިނައިން މޭވާއާ ތަރުކާރީ ހިމަނާ،" އޭނާ ވިދާޅުވެފައި ވެއެވެ.

ސަމާލުވާންވީ އަނެއް ކަމަކީ ލަސްލަހުން ހަށިގަނޑަށް ހަކަތަ ފޯރުކޮށްދޭ ބައިތައް ހިމެނުމެވެ. އެއީ ވަރުބަލި ކަމާއި ބަނޑުހައިކަން ކުޑަ ކުރުމަށެވެ. އެގޮތުން ހިމަނަންވީ ހޯލްގްރެއިން އާއި އޯޓްސް ފަދަ ފައިބަރު ގިނަ ބާވަތްތަކެވެ.

"ތިން ވަނަ ކަމަކަށް ހައިޑްރޭޝަނަށް ސަމާލުކަން ދީ އަދި ވީހާވެސް ގިނައިން ފެން ބޮވޭކަން ކަށަވަރުކުރޭ. ފެން ބުއިމަކީ ވަރަށް މުހިއްމު ކަމެއް. ތިބާ ކަށަވަރު ކުރަންވީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ރޯދަ ނޫން ވަގުތުގައި ފެން ބޮވޭކަން. ދުވާލުގެ ވަގުތުގައި ގައިގައި ހަކަތަ ހުންނަ މިންވަރު ބިނާވާނީ ހަށިގަނޑު ހައިޑްރޭޓް ވެފައިވާ މިންވަރުގެ މައްޗަށް،" ޑރ. ރާންޖް ވިދާޅުވެފައި ވެއެވެ.

ހުރިހާ ކަމެއްގައި ވެސް މެދުމިންވޭ

ޑރ. ރާންޖް ވިދާޅުވެފައިވާ ގޮތުގައި ރޯދަ މަހު އެންމެ މުހިއްމު ކަމަކީ ކެއިންް ބުއިމާއި ނިދުމާއި ކަސްރަތު ފަދަ އެންމެހައި ކަންތައްތަކުގައި ވެސް މެދުމިނުގައި ހިފުމެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރޯދަ މަހަކީ މުސްލިމުންްގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލެއް ގެންނަން ލިބޭ ފުރުސަތެކެވެ.

" ރޯދަ ހިފާ ނަމަ ، އެއީ ކާތަކެއްްޗާ މެދު ވިސްނައިލުމަށް ލިބޭ ފުރުސަތެއް ކަމަށް ބަލާ. އަދި ޑައިޓަށް ހެޔޮ ބަދަލެއް ގެނޭ. މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓައިލުން،" ބީބީސީގެ ރިޕޯޓަށް ޑރ. ރާންޖް ވިދާޅުވެފައި ވެއެވެ.