ތާރީހު

ބިނާ ކޮށްދިން ބާނީންނާއި ރާނީންނާއި މަންމައިން!

May 31, 2018
11

ދުނިޔޭގެ އުމުރުންވީ ކިހާ ދުވަހެއްތޯ އަަހައިފިނަމަ ރަނގަޅު ޖަވާބެއް ދެވޭނީ ކާކަށް ބާވަ އެވެ. އަދި ދުނިޔެ ފެށުނީއްސުރެ ނުވަތަ މާތް ﷲ ދުނިޔެ އުފެއްދެވީއްސުރެ މިއަދާ ހަމައަށް ދުނިޔެއަށް އުފަންވީ މީހުންގެ އަދަދެއް ހޯދަން އުޅެފިނަމަ އެއީ ކުރެވިދާނެ ކަމެއް ބާވައެވެ؟ އޭގެ ތެރޭގައި ގިނަވާނީ އަންހެނުން ބާވައެވެ؟ ނޫނީ ފިރިހެނުން ބާވައެވެ؟ އަދި އެ އަދަދު ގުނޭނީ ކިތައް މިލިއަނުން، ބިލިއަނުން ބާވައެވެ؟

މިއިން އެއްވެސް ސުވާލަކަށް ރަނގަޅު ޖަވާބެއް ހޯދުމަކީ ވާނެ ކަމެއް ނޫނެވެ. ކުރެވޭނެ ކަމެއް ވެސް ނޫނެވެ. ނަމަވެސް މި ސުވާލުތަކާ ގުޅޭ އެކަމަކު އެއްވެސް މީހަކު ދެކޮޅު ހެދުމެއް ނެތި އެއްބަސްވާންޖެހޭ ވާހަކައެއް އެބައޮތެވެ. އެއީ އުފަންވި އަދަދު ހިމަނަން ނޭންގުނު ނަމަވެސް ދުނިޔެއަށް އުފަންވި ކޮންމެ މީހަކު އުފަންވެފައި ވަނީ މަންމައެއްގެ ބަނޑުން ކަމެވެ. ދުނިޔެއަށް ނޭވާލީ ކޮންމެ ފުރާނައަކަށް މަޔަކު ލިބިގެންވާ ކަމެވެ.

މަންމައިންނަކީ ދުނިޔެ ބިނާ ކުރި މޭސްތިރިންނެވެ. ދުނިޔެ ދައުރުވަމުން ދޮށިވަމުން ތަރައްގީވެ ކުރިއަރަމުން އައިސްފައި މިވަނީ އެ މައިންނަށް ނިސްބަތްވާ ދަރީންގެ އަތްފައިގެ މަސައްކަތުން ކަމެވެ. ސިކުނޑިން ވިސްނި ވިސްނުމަކުންނެވެ.

ކަން މިހެން އޮތުމާއެކު، ކުޑަކުޑަ ކަމަކާ އަންނަ ރުޅީގައި އަތް ހޫރާލެވެނީ އެ މަންމަގެ ގައިގައި ބޮނޑިއެއް އަޅަން ހެއްޔެވެ؟ އަވަހަށް އަތްތިރި ކުރާށެވެ. ހަނދާން ކޮށްބަލާށެވެ. މިހާރު ކިތަންމެ ދިގަސް ހައެއްކަ އިންޗީގެ ދިގު މިނުގައި ފުރަތަމަ ތިޔަ އަތް އޮތް އިރު، ތިޔަ އަތުގައި ފިރުމައިދީ، ތެޔޮ ދަމައިީ މޮޑެދީ ހެދީ އެ މަންމަގެ ދެ އަތުންނެވެ.

ކުޑަކުޑަ ކަމަކާ މިއަދު އައި ރުޅީގައި އަޑުގެ ކޮޅަށް އެއްޗެހި ގޮވައި މަންމަގެ ހިތުޖައްސައި ރޮއްވައި ހަދާއިރު -- ހަނދާން ނެތީ ހެއްޔެވެ؟ ތިމާ ފުރަތަމަ ދުނިޔެއަށް އައީވެސް ހަމަ ތިޔަ އަނގައިން އަޑުގެ ކޮޅަށް ރޮމުންނެވެ. އެ ރުއިން ހުއްޓުވީ އެ މަންމަގެ ހަށިގަނޑުގެ ދިޔަ ބޯން ދީގެނެވެ. ގާތުން ބުއީ މަންމައަށް މިއަދު ތިޔަ އެއްޗެހި ގޮވާ ތިޔަ އަނގައިންނެވެ.

އަނގާގައިވާ ތިޔަ ދުލަށް ބަހެއް ކިޔަން ފުރަތަަމަ ދަސްކޮށް ދިނީވެސް ހަމަ އެ މަންމަ އެތަކެއް ފަހަރު ކިޔައިދީގެނެވެ. ވީއިރު އެ މަންމައަށް އެއްޗެހި ކިޔަންވީ ތިޔަ ދުލުން ހެއްޔެވެ؟

ކުޑަކުޑަ ކަމަކާ މިއަދު އައި ރުޅީގައި ތިޔަ ފައި ދިއްކުރަނީ ދަތި އަޅުވައި މަންމަ ވައްޓާލަން ހެއްޔެވެ؟ އަވަހަށް ފައި ތިރި ކުރާށެވެ. ހަނދާން ކޮށްބަލާށެވެ. ތިމާ ދުނިޔެއަށް އައިރު ގުދުކޮށް އޮތް ތިޔަ ދެ ފައިގައި ތެޔޮ ދަމައިދީ، ހާނައިދީ ވަރު ޖައްސައިދީ، ތެދުކޮށް ދިނީ، މަންމަގެ ދެ އަތުން ފިރުމައި މޮޑެދީގެނެވެ.

އަދި ތިމާގެ ފުރަތަމަ ފިޔަވަޅުގަނޑު ޖެހުނު ދުވަހުން ފެށިގެން، ވެއްޓި ގައިގައި ލަކުނެއް ލިޔަ ނުދީ، ހާނީއްކައެއް ވިޔަ ނުދީ އެ މަންމަގެ ދެ އަތުން ތިޔަ ދެ އަތުގައި ހިފަހައްޓައިގެން ދީ އުޅުނު ފަރުވާ އާއި ހިދުމަތުންނެވެ. މިއަދު ހޫރާލަންވީ އޭރު ދޮޅު ކައިވަތްވަރު ވެސް ނެތް، މިހާރު ވަރުޖެހި ބާރު ލިބިފައިވާ ތިޔަ ދެފައި ހެއްޔެވެ؟

ތާރީހުގެ މުހިންމު ފޮޓޯއެއް

މިއީ އަމީނިއްޔާ ސްކޫލްގެ ދަރިވަރުންކޮޅެކެވެ. އެ ކުދީން ހުއްޓިލައިގެން އެތިބީ ގައުމީ މުހިންމު މުނާސަބަތެއްގެ ރަސްމިއްޔާތުގައި އެކުދިންގެ ވާޖިބު އަދާކޮށް ނުވަތަ އައިޓަމް ފުރިހަމަކޮށް ނިންމާލުމަށްފަހު އެވެ. ނަލަނަލަ ހިނިތުންވުމެއް ކޮންމެ ކުއްޖެއްގެ މޫނުމައްޗަށް ގެނުވާފައި އެވަނީ އެ ދުވަހު ބެލުންތެރިންގެ ފަރާތުން އެކުދީންނަށް ލިބުނު ހޫނު ތަރުހީބުގެ ސަބަބުން ކަމަށް ވެސް ވެދާނެ އެވެ.

ލަފާ ކުރެެވޭ ގޮތުން މި ކުދީންގެ ތައުލީމީ ހަޔާތް ފެށިފައި ވާނީ 1961 ގައި ފެށުނު ފަރީދިއްޔާ ކިންޑަގާޑަން ނުވަތަ 1962 ގެ ނާސިރިއްޔާ މޮންޓެސޫރީ ސްކޫލުންނެވެ. އެއީ މިހާރުގެ އިސްކަންދަރު ސްކޫލެވެ. މި ކުދީންކޮޅު ހިމެނޭނީ އިނގިރޭސި ތައުލީމް ލިބިގެން އުފަންވި މިޒާމާނުގެ ދިވެހި ޖީލުގެ ފުރަތަމަ މަންމައިންނާއި މާމައިން ކަމުގަ އެވެ.

މުޅި ދުނިޔޭގެ ދަރިވަރުން ފަހަށް ޖަހާލާފައި ކުރިޔަށް ދެމިގެން މިހާރު އަންނަނީ މި މަންމައިންނާއި މާމައިންގެ ދިވެހި ދަރީންނެވެ. -- ބުނެބަލާށެވެ. އަހަރެމެންގެ ދުނިޔެ ބިނާކޮށްދިން ބާނީންނާއި ރާނީންނަކީ މިނޫން ދެން ކޮންބައެއް ހެއްޔެވެ؟ މި ވާހަކައަށް އެއްބަސް ވަން ހެއްޔެވެ؟

މި ކުދީންގެ ނަންތައް ހިމަނާފައި ނެތީ އެއިން ކުއްޖެއްގެ ނަން ނޭނގޭތީ އެވެ. އެނގޭ ކުއްޖަކު މިތަނުން މަންމަ، ނުވަތަ މާމަ، އެހެންނާ ތިމާ އަމިއްލައަށް ތިމާ، ފާހަގަ ކޮށްލެވޭތޯ ބަލައިބަލާށެވެ. ފާހަގަ ކުރެވިއްޖެއްޖާ ގައިމުވެސް ހަނދާންތަކެއް އާލާވެގެން އަންނާނެ ނޫން ހެއްޔެވެ؟ މަންމަ އާއި މާމައާ މެދުގައި ވިސްނައިލެވޭނެ ނޫން ހެއްޔެވެ؟