ހަބަރު

އިންނަފިނޮޅު ފަރަށް އެރި ބޯޓެއްގައި ރޯކޮށްލައި މީހުން ކަނޑަށް ފުންމާލައިފި

ހއ. އިންނަފިނޮޅު ފަރަށް އެރި ބޭރުގެ ބޯޓެއްގައި ރޯކޮށްލައި އޭގައި ތިބި ފަޅުވެރިން ކަނޑަށް ފުންމާލައި ފިލަން މަސައްކަތް ކޮށްފި އެވެ.

ހއ. އުލިގަމު ކައުންސިލަރު އިމާދު އަބުދުﷲ މައުލޫމާތު ދިން ގޮތުގައި އެ ބޯޓް ފަރަށް އަރާފައިވަނީ ރޭ ފަތިހު ކަމަށާއި އެ މަންޒަރު ފެނިފައިވަނީ އެރަށު މަހަށް ނިކުމެ އުޅުނު މަސްވެރިންނަށް ކަމަށެވެ.

ބޯޓް ފަރަށް އަރައިގެން އުޅޭކަން އެނގުމުން އެކަން އެމްއެންޑީއެފަށް އަންގާފައިވާ ކަމަށާއި އެރަށުގައި ހަރަކާތްތެރިވާ އެމްއެންޑީއެފް ރެސްކިއު ޓީމެއް ބޯޓާއި ދިމާލަށް ދިއުމުން އޭގައި ރޯކޮށްލުމަށްފަހު ފަޅުވެރިން ކަނޑަށް ފުންމާލާފައިވާ ކަމަށެވެ. އޭގައި އަށް ފަޅުވެރިން ތިބި ކަމަށްވެސް މަސްވެރިންނާއި ހަވާލާދީ އިމާދު ވިދާޅުވި އެވެ.

"އެމްއެެންޑީއެފްގެ މީހުން އެ ބޯޓާއި ދިމާލަށް ދާ މަންޒަރު ފެނުމުން އޭގައި ރޯކޮށްލާފަ އެމީހުން ކަނޑަށް ފުންމާލައިގެން ފިލަން މަސައްކަތް ކުރި ކަމަށް މަސްވެރިން ބުނީ، އަދިވެސް އެމްއެންޑީއެފުން ހަރަކާތްތެރިވޭ އެތަނުގައި،" އިމާދު ވިދާޅުވި އެވެ.

އިމާދު ވިދާޅުވީ، ބެލެވޭ ގޮތުގައި އެއީ ލަންކާގެ ބޯޓެއް ކަމަށާއި ކުރިން ފަހަރުވެސް އެރަށު ކައިރިއަށް ފަރަށް އެރި ކަހަލަ ބޯޓެއް ކަމަށެވެ. އަދި އެ ބޯޓުން ދުން އަރާތަން އެރަށަށް ފެންނަ ކަމަށާއި ނަމަވެސް އެހާ ސާފު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ ފަރަށް ބޯޓް އެރިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެމްއެންޑީއެފުން މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.