އެމްއެންޑީއެފް

ގެއްލުނު މީހާ ހޯދަން 1،342 އަކަމީޓަރުގެ ސަރަހައްދެއް ބަލައިފި

މ. ތުވަރު ކައިރިން ދަތުރުކުރަމުން ދިޔަ "އާގަލާ" ބޯޓުގައި ރޯވި ހާދިސާގައި ގެއްލުނު މީހާ ހޯދުމަށް 1،342 އަކަމީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާ ހޯދުމަށް އިއްޔެއާ ހަމައަށް ކަނޑާއި ވައިގެ މަގުން 1،342 އަކަމީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

"އާގަލާ" ބޯޓުގައި ރޯވި ހާދިސާގައި ގެއްލުނު އިންޑިއާ މީހާ ހޯދުމުގެ މަސައްކަތް މިއަދުވެސް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ބޯޓުގައި އަލިފާން ރޯވިއިރު ބޯޓުގައި ތިބީ ޖުމްލަ 15 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި އިންޑިއާގެ ފަސް މީހުންނާއި ބަންގްލަދޭޝްގެ ފަސް މީހުންނެވެ.

އަލިފާން ރޯވުމުން ކަނޑަށް ފުންމާލި މީހުންގެ ތެރެއިން 14 މީހުން ވަނީ އެމްއެންޑީއެފް ހާބަކްރާފްޓަށް ނަގާފަ އެވެ.

އަލިފާން ރޯވި އާގަލާ ބޯޓަކީ އައްޑޫ އާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެކެވެ. ބޯޓު ވަނީ އަލިފާން ރޯވުމުގެ ސަބަބުން އަޑިއަށް ގޮސްފަ އެވެ.