އަލިފާން

ރޯވި ތެޔޮ ބޯޓު އަޑިއަށް ހިނގައްޖެ

ތެޔޮ ބޯޓެއްގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ބޯޓު އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓުގައި އަލިފާން ރޯވީ މާލެއާ ވަރަށް ކައިރީގައި އޮންނަ އެނބޫދޫ ފިނޮޅާ ހިސާބުން ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހަވީރު 5:50 ހާއިރު ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.

ބޯޓުގައި އަލިފާން ރޯވީ މާލެ އިން ލ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށެވެ.

އެމްއެންޑީއެފުން ބުނީ ބޯޓުގައި ރޯވި ބޯޓު އަޑިއަށް ދިޔައިރު 60،000 ލީޓަރުގެ ތެޔޮ ހުރި ކަމަށެވެ.

ބޯޓުގައި އަލިފާން ރޯވި ވަގުތު އެ ބޯޓުގައި ތިބި ހަތަރު މީހުން ވަނީ އެ ސަރަހައްދުން ދަތުރުކުރި އެހެން އުޅަނދެއްގައި މާލެ ގެނެސްފަ އެވެ. އެމީހުންނަށް އެއްވެސް އަނިޔާއެއް ލިބުނު ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

ބޯޓުގައި އަލިފާން ރޯވާން ދިމާވި ވަކި ސަބަބެއް ވެސް އަދި ސާފެއް ނުވެ އެވެ.