ހަބަރު

އިއުލާނާއި އެގްރިމެންޓް ކުރުމެއް ނެތި ކާޑެއްދޫ އެއާޕޯޓަށް ތެޔޮ ގަތް: އޮޑިޓް

May 31, 2018
2

އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެން ކާޑެއްދޫ އެއާޕޯޓަށް ބޭނުންވާ ތެޔޮ ގަނެފައި ވަނީ އިއުލާން ކުރުމެއް އަދި އެގްރިމަންޓެއް ވެސް ނުހަދާ ކަމަށް އޮޑިޓާ ޖެނެރަލް ނެރުއްވި ޓޫރިޒަމް މިނިސްޓްރީގެ 2017 ވަނަ އަހަރުގެ ރިޕޯޓްގައި ބުނެފި އެވެ.

އޮޑިޓް އޮފީހުން އާންމުކޮށްފައިވާ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގާ ކާޑެއްދޫ އެއާޕޯޓަށް ކުރި ހަރަދުތަކާއި އެތަނުގެ ހަރުމުދަލުގެ އިންވެންޓްރީއާމެދު ވަނީ ސުވާލުތައް އުފައްދައިފަ އެވެ. އެގޮތުން އޮޑިޓްގައި ފާހަގަ ކުރި އެންމެ ބޮޑު މައްސަލައަކީ، އިއުލާން ކުރުމެއް ވެސް ނެތި އަދި އެގްރިމަންޓެއް ވެސް ނުހަދާ އެއާޕޯޓަށް ބޭނުންވާ ތެޔޮ ގަތުމަށް 2017 ވަނަ އަހަރުގެ ތެރޭގައި 1.1 މިލިއަން ރުފިޔާ ކުންފުންޏަކަށް ދީފައިވާ މައްސަލަ އެވެ. އޮޑިޓް ރިޕޯޓްގައި ބުނީ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން، 35،000 ރުފިޔާއަށް ވުރެ އަގުބޮޑު އެއްޗެއް ގަންނަންވާނީ ނޫނީ ހިދުމަތެއް ހޯދަން ވާނީ ކުރިން އިއުލާން ކުރުމަށް ފަހު ވާދަވެރި ބީލަމެއްގެ ތެރެއިން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ހިދުމަތެއް ހޯދުން ނޫނީ އެއްޗެއް ގަންނަން ބަޔަކާ ހަވާލުކުރުމުގެ ކުރިން އެކަން ކުރަން ވާނީ، އެގްރިމަންޓެއް ހަދައިގެން ކަމަށް މާލިއްޔަތު ގަވާއިދުގައި ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް، 2017 ވަނަ އަހަރުގެ ތެރޭގައި 1.1 މިލިއަން ރުފިޔާ ހަަރަދުކޮށްގެން ކާޑެއްދޫ އެއާޕޯޓަށް ތެޔޮ ގަނެފައި ވަނީ މިކަންކަން ފުރިހަމަ ނުކޮށް ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

މީގެ އިތުރަށް ދެން ފާހަގަކޮށްފައިވާ އަނެއް މައްސަލައަކީ ކާޑެއްދޫ އެއާޕޯޓަށް ކުރަން ޖެހޭ ހަރަދު ކުރެވޭނެ އަދަދަށް އެ އެއާޕޯޓްގެ ބަޖެޓްގައި ފައިސާ ނެތިސް، ބައެއް ތަކެތި ގަނެ، ހިދުމަތްތައް ހޯދުމަށް ފަހު އެ ތަކެއްޗަށް ފައިސާ ދެއްކުމަށް މިނިސްޓްރީއަށް ބިލް ކޮށްފައިވުމެވެ. އެގޮތުން 16.4 މިލިއަން ރުފިޔާ ބަޖެޓްގައި ނެތިސް ހަރަދު ކުރުމަށް ފަހު، ފަހުން ފައިސާ ދައްކަން ޖެހުނު ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. އަދި އެގޮތަށް ދިމާވީ މާޗް 2017ގައި ކާޑެއްދޫ އެއާޕޯޓްގެ ހިންގުން ރީޖަނަލް އެއާޕޯޓްސްއަށް ބަދަލު ކުރުމުން އެތަނަށް އެއަހަރުގެ ބަޖެޓްގައި ފައިސާ ނެތުމުން ކަމަށް މިނިސްޓްރީއިން މައުލޫމާތު ދިން ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. އެހެން ނަމަވެސް މިއީ މާލިއްޔަތު ގަވާއިދާ ހިލާފަށް ކުރި ކަމެއް ކަމަށް ވެސް އޮޑިޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

ކާޑެއްދޫ އެއާޕޯޓަށް 2017 ވަނަ އަހަރުގެ ތެރޭގައި ލިބުނު 346،749 ރުފިޔާ އެމްއެމްއޭގައި އޮންނަ ރީޖަނަލް އެއާޕޯޓްސްގެ ޕަބްލިކް އެކައުންޓަށް ޖަމާކުރުމެއް ނެތި ހަރަދުކޮށްފައިވާ މައްސަލަ ވެސް އޮޑިޓްގައި ވަނީ ފެންމަތިކޮށްފަ އެވެ. އޮޑިޓް ރިޕޯޓްގައި ބުނީ މާލިއްޔަތު ގަވާއިދުގެ ދަށުން ދައުލަތުގެ ކޮންމެ ތަނަކަށް ލިބޭ ފައިސާ ވެސް ޕަބްލިކް އެކައުންޓަށް ޖަމާކުރަން ޖެހޭ ކަމަށާއި އެ ފައިސާ އެ އެކައުންޓަށް ޖަމާނުކޮށް ހަރަދު ކުރުމަކީ އެ ގަވާއިދާ ހިލާފުވުން ކަމަށެވެ. އެގޮތުން އެ އުސޫލާ ހިލާފަށް، ލިބުނު އާމްދަނީގެ 286،532 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

އޮޑިޓްގައި އަދި ފާހަގަކުރި ގޮތުގައި ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހުރި އެއާޕޯޓްތަކާއި އެހެން ވެސް ތަންތަނުގެ މިލްކިއްޔާތާއި ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓި އިރު، ކާޑެއްދޫ އެއާޕޯޓްގެ އަގުކޮށް އެތަނުގެ އިންވެންޓްރީ އާއި އަގު ހިމަނާފައެއް ނުވެ އެވެ. އެހެންވުމުގެ ސަބަބުން އެ އެއާޕޯޓްގެ ހަރުމުދަލުގެ ކަންކަން ބެލެހެއްޓުން އޮތީ ދޯދިޔާކޮށް ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ކާޑެއްދޫ އެއާޕޯޓްގެ މައްސަލަތައް ފިޔަވާ ޓޫރިޒަމް މިނިސްޓްރީގެ ހަރަދުތަކުގައި އެހެން މައްސަލައެއް ހުރިކަމެއް ފާހަގަކޮށްފައެއް ނުވެ އެވެ. ކާޑެއްދޫ އެއާޕޯޓް މީގެ ކުރިން ހިންގަމުން އައީ ވިލާއެއާ އިން އެވެ. އެހެން ނަމަވެސް އެ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް އާއި ސަރުކާރާ ދެމެދު މައްސަލަ ޖެހި އެ އެއާޕޯޓް އެ ކުންފުނީގެ އަތުން ނެގި އެވެ.