ލ. ކައްދޫ އެއާޕޯޓް ހިންގުމަށް ހަދާފައިވާ ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް އުފެއްދި ފަހުން 221 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ހާމަކޮށްފި އެވެ.
އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ ސޮއިކުރައްވާ ނެރުއްވާފައިވާ ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެ ކުންފުންޏަށް އާމްދަނީ ލިބެނީ ކޮމާޝަލް އޮޕަރޭޝަންތަކާއި، އެއަރޮނޮޓިކަލް އޮޕަރޭޝަންތަކުގެ އިތުރުން ހަރުމުދާ ކުއްޔަށް ދީގެންނެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2020 ވަނަ އަހަރު ކައްދޫ އެއާޕޯޓް ކޮމްޕެނީއަށް އާމްދަނީ ގޮތުގައި ލިބުނީ 6.6 މިލިއަން ރުފިޔާ އެވެ. ކައްދޫ އެއާޕޯޓް ކޮމްޕެނީއަށް ގެއްލުންވާ މައިގަނޑު އެންމެ ބޮޑު ސަބަބަކީ ހަރުމުދާ ބެލެހެއްޓުމާއި މަރާމާތު ކުރުމަށް ބޮޑު ހަރަދެއް ކުރަންޖެހުމެވެ. ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ހިންގުމުގެ ހަރަދު ބޮޑުވުމަކީ ވެސް އެ ކުންފުންޏަށް ގެއްލުންވާ ސަބަބެކެވެ. އެގޮތުން 2019 ވަނަ އަހަރު 27.2 މިލިއަން ރުފިޔާ އަދި 2020 ވަނަ އަހަރު 25.2 މިލިއަން ރުފިޔާ ހިންގުމުގެ ހަރަދުގެ ގޮތުގައި ހަރަދުކޮށްފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން ކުންފުންޏަށް ލިބުނު އާމްދަނީގެ 84 އިންސައްތަ ހަރަދުކޮށްފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށެވެ. އަދި 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑް 19 އާއި ގުޅިގެން އެހެން ކުންފުނިތަކަށް ދިމާވި ގެއްލުން ކައްދޫ އެއާޕޯޓް ކުންފުންޏަށްވެސް ލިބިފައިވާ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން ކައްދޫ އެއާޕޯޓް ކުންފުންޏަށް ގެއްލުންވުމުގެ ސަބަބުތަކުގެ ތެރޭގައި ބައެއް ކުންފުނިތަކުން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ނުދެއްކުންވެސް ހިމެނެ އެވެ. އޮޑިޓުން އެނގުނު ގޮތުގައި ކައްދޫ އެއާޕޯޓް ކުންފުންޏަށް އެންމެ ބޮޑަށް ދަރާފައި އޮތީ އައިލެންޑް އޭވިއޭޝަނެވެ. އެ ކުންފުނިން 36.5 މިލިއަން ރުފިޔާ ދައްކަން ޖެހިފައި އެބައޮތެވެ.
އޮޑިޓާ ޖެނަރަލް ވަނީ ކައްދޫ އެއާޕޯޓް ކުންފުނީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ހަރުމުދަލަށާއި ހިންގުމުގެ ހަރަދަށް ކުރާ ހޭދަ ކުޑަކުރުމަށް ލަފާ ދެއްވާފަ އެވެ.
ކައްދޫ އެއާޕޯޓް ހިންގުމަށްޓަކައި ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ނަމުގައި ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ގޮތަށް ކުންފުންޏެއް ހެދީ 2011 ވަނަ އަހަރު އެވެ. އަދި 2014 ވަނަ އަހަރު އެއާޕޯޓް ހިންގުން ވަނީ ސިފައިންނާ ހަވާލުކޮށްފަ އެވެ. ކައްދޫ އެއާޕޯޓް މިހާރު ހިންގަމުން ދަނީ ވެސް "ކައްދޫ އަސްކަރީ ބޭސް"ގެ ނަމުގައެވެ.