މަރު

ސިފައިންގެ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

މޫދަށް ފޭބި ފަހުން ގެއްލުނު ސިފައިންގެ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ލ. ކައްދޫގެ އިރުމަތީފަރާތު މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެއިން ގެއްލުނީ ލާސްކޯޕްރަލް ހުސައިން ފާރިޝް އެވެ. ފާރިޝްއަކީ ލ. މާބައިދޫއަށް ނިސްބަތްވާ މީހެކެވެ.

އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ކުރަމުން ދަނިކޮށް އޭނާ ފެނިފައިވަނީ މޫދު އަޑިންނެވެ. އޭނާ ފެނުނުއިރުވެސް އޮތީ މަރުވެފައެވެ.

އެމްއެންޑީއެފްގެ އިސްތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ފާރިޝްގެ ހަށިގަނޑު ފެނިފައިވަނީ 8:50 ހާއިރު ކަމަށެވެ. އޭނާގެ ހަށިގަނޑު އެމްއެންޑީއެފްގެ ލޯންޗަށް ނަގައިގެން ކައްދޫއަަށް ދަތުރު ކުރަމުންދާ ކަމަަށެވެ.

މީގެ އިތުރުން މޫދަށް ފޭބި ސިފައިންގެ ތެރެއިން އެކަކު ގެނބިގެން ފަރުވާ ދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ގެނބުނީ ގެއްލުނު ސިފައިންގެ މީހާ އޮއިގަނޑެއްގައި ޖެހި ގެނބެން ފެށުމުން ސަލާމަތް ކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް އާޒިމް ވިދާޅުވިއެވެ.

"ގެނބުނު މީހާއަށް ދަނީ މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުން. އޭނާގެ ހާލު އަންނަނީ އިރާދަކުރެއްވިއްޔާ ރަނގަޅުވަމުން،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ސިފައިން މޫދަށް ފޭބީ އޮފް ޑިއުޓީ ގަޑީގައި މަސް ހިފަން ކަމަށެވެ.