އެމްއެންޑީއެފް

މަރުވެފައި އޮއްވާ ފެނުނީ ރަސްފަންނު ކައިރިން މޫދަށް ފުންމާލި މީހެއް!

ދޫނިދޫ ކައިރި މޫދުގައި މަރުވެފައި އޮއްވާ މިއަދު ފެނުނު މީހާއަކީ ރޭގެ ވަގުތެއްގައި ރަސްފަންނު ކައިރި މޫދަށް ފުންމާލި ކަމަށް ބެލެވޭ މީހާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ މީހާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު -- އެމްއާރުސީސީ އަށް ލިބުނީ ރޭ 7:54 ހާއިރު އެވެ.

މި ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ރެއިން ފެށިގެން ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ފުލުހުންވެސް ވަނީ ރަސްފަންނާ ދިމާއިން ފިރިހެނަކު މޫދަށް ފުންމާލިކަމުގެ ރިޕޯޓު ރޭ 7:25 ހާއިރު ލިބިފައިވާ ކަމަށް ބުނެފަ އެވެ.

"މި މައުލޫމާތު ލިބުމާއެކު ފުލުހުން ގޮސް ބެލިއިރު ފުންމާލި މީހާ މޫދުގައި ފެންނަން އޮތުމުން ސީންއަށް އެޓެންޑްވި ފުލުހަކު އެ މީހާ ސަލާމަތް ކުރުމަށް މޫދަށް ފުންމާލައިގެން މަސައްކަތްކޮށްފައިވޭ. ނަމަވެސް ފަތާފައި އެ މީހާއާ ހިސާބަށް ދެވުމުގެ ކުރިން އެ މީހާ ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ،" ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ މި މައުލޫމާތު އެމްއެންޑީއެފް އާ ރޭ ހިއްސާކުރި ކަމަށާއި އެ މީހާ ހޯދުމަށް ކަނޑު އަޑި ހޯދުމުގެ މަސައްކަތް އެމްއެންޑީފުން ކުރި ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ މީހާ ހޯދުމުގެ ގޮތުން މިއަދު ހެނދުނު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ރަސްފަންނު ކައިރި ކަނޑުއަޑިން 41،590 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

މި މީހާގެ ހަށިގަނޑު ފެނިފައިވަނީ ދޫނިދޫ ކައިރިން ދަތުރުކުރި އެމްޓީސީސީގެ ފެރީގެ ފަޅުވެރިންނަށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ހަށިގަނޑު ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 09:19 ހާއިރު ކަމަށާއި އެ މީހާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.