ކާޑެއްދޫ އެއާޕޯޓް

ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރަން ބިން ހިއްކަނީ

ލ. ކައްދޫ އެއާޕޯޓް، އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ.

ކައްދޫ އެއާޕޯޓް ބިން ހިއްކުމާއި ހިއްކާ ސަރަހައްދު ހިމާޔަތްކުރުމަށް ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމަށް ހަވާލުކުރީ 390 މިލިއަން ރުފިޔާ އަށެވެ.

މިމަޝްރޫއުގެ ދަށުން ބިން ހިއްކަން ދީފައިވަނީ 300 ދުވަހެވެ. ރިވެޓްމަންޓް ޖެހުމަށް ދީފައިވަނީ 600 ދުވަހެވެ

ބިން ހިއްކުމަށްފަހު 2.4 ކިލޯމީޓަރުގެ ރަންވޭ އަކާއި އިންޓަނޭޝަނަލް ޕެސެންޖާ ޓާމިނަލަކާއި އަދި އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ.

މިމަޝްރޫއުގެ ދަށުން 57 ހެކްޓަރުގެ ބިން ހިއްކުމަށްފަހު 4،433 މީޓަރުގެ ބޮޑު ސަރަހައްދެއްގައި ބޮޑު ހިލަ ޖަހާނެ އެވެ.

މަދަނީ އެއާޕޯޓެއްގެ ގޮތުގައި ކުރިން އޮޕަރޭޓް ކުރަމުން އައި ކައްދޫ އެއާޕޯޓް މިލިޓަރީ އެއާޕޯޓަކަށް ބަަދަލުކޮށް "އިސްކަންދަރު ވައިގެ ބަދަރު"ގެ ނަމުގައި އެތަން ހުޅުވީ މޭ 2016 ގައެވެ.