ހަބަރު

ޖެންޑާގެ މަޝްރޫއުއެއް އަގު ބޮޑުކޮށް ހަވާލުކުރި މައްސަލައެއް

ލ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތުގެ އެއްބަސްވުން ބާތިލުކޮށް، އެ މަޝްރޫއު 2017 ވަނަ އަހަރު ސިފައިންގެ ވެލްފެއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސިވެކް) އާ ހަވާލުކޮށްފައިވަނީ ގަވައިދާ ހިލާފަށް، އަގުބޮޑުކޮށް ކަމަށް އޮޑިޓު އޮފީހުން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ، ޓެންޑާ ބޯޑުގެ ނިންމުމާ އެއްގޮތަށް ލ. އަތޮޅުގައި ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް، އަމިއްލަ ފަރާތަކާ ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި 7.19 މިލިއަން ރުފިޔާއަށް ކަމަށެވެ.

ނަމަވެސް، އެ މަސައްކަތުގެ އަގުބޮޑުކޮށް ކަމަށް ބުނެ، ފިނޭންސް މިނިސްޓްރީގެ އެންގުމުގެ މަތިން، ޖެހިގެން އައި އަހަރު އެ އެއްބަސްވުން ބާތިލުކޮށް، ސިފައިންގެ ވެލްފެއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސިވެކް) އާ ހަވާލުކޮށްފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ސިފައިންގެ ވެލްފެއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ މުވައްޒަފުންގެ ވެލްފެއާގެ ކަންކަން އިތުރަށް ފުރިހަމަ ކުރުމަށް އިތުރު އާމްދަނީ ހޯދުމުގެ މަގްސަދުގައި ސިވްކް އުފައްދާފައި ވަނީ 2012 ވަނަ އަހަރުގެ އޯގަސްޓް މަހު އެވެ. ސަރުކާރުގެ 10 ޕަސަންޓް ހިއްސާއާއި ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)ގެ 90 ޕަސަންޓް ހިއްސާވާ ގޮތަށް އުފެއްދި ސިވެކް އިން އާއްމުކޮށްކުރާ މަސައްކަތްތަކުގެ ތެރޭގައި ސެކިޔުރިޓީ އާއި އިމާރާތްކުރުންފަދަ ހިދުމަތްތައް ހިމެނެ އެވެ.

އަގުބޮޑުކަމަށް ބުނެ ފުރަތަމަ ސޮއި ކުރި އެއްބަސްވުން ބާތިލުކުރި ނަމަވެސް، ސިވެކް އާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 10.44 މިލިއަން ރުފިޔާއަށް ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ.

"މަސައްކަތުގެ އަގު ބޮޑުވުމުގެ ސަބަބުން ކުއްލިގޮތަކަށް ކޮންޓްރެކްޓް ބާތިލްކޮށް، ކުރިން ހަވާލުކޮށްފައިވާ އަގަށްވުރެ 3.24 މިލިއަން ރުފިޔާ އަގުބޮޑުކޮށް އެހެން ފަރާތަކާ ހަވާލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށްކަން ފާހަގަކުރަން،" ރިޕޯޓުގައި ބުނެފައިވެ އެވެ.

އިތުރަށް ބުނީ، މަޝްރޫއުއެއްގެ އަގު 2.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާނަމަ މަސައްކަތަށް އަގުދެވޭނީ އެ ބިލެއްގެ ޖުމުލަ އަގުގެ ތެރެއިން އެޑްވާންސް ފައިސާއާއި، ރިޓެންޝަނަށް ނިސްބަތުންޖެހޭ އަދަދު އުނިކުރުމަށްފަހުގައިކަމަށް ގަވައިދުގައި ބަޔާންކޮށްފައިވީ ނަމަވެސް، ދެ ފަހަރެއްގެ މަތިން ސިވެކަށް 3.44 މިލިއަން ރުފިޔާ ދެއްކިއިރު، އެގޮތަށް އަމަލުކޮށްފައިނުވާ ކަމަށެވެ.

އެހެންކަމުން، މިއީ އެނގިހުރެ ދައުލަތަށް ގެންލުންވާގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭތީ، މިކަމާގުޅުގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި،
މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީ އަށް ހުށަހެޅުމަށް އެ ރިޕޯޓުގައި އެދިފައިވެ އެވެ.

މީގެ އިތުރުން ވެސް 2017 ވަނަ އަހަރުގެ ތެރޭގައި ޖެންޑާ މިނިސްޓްރީން މާލިއްޔަތު ގަވައިދާ ހިލާފަށް ކޮށްފައިވާ ގިނަ ކަންތައްތަކެއް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ ތެރޭގައި، އިއުލާނުނުކޮށް ތަކެތި ގަތުމާއި، ކޮއްތު ފައިސާގެ ހިސާބުތައް ބަލަހައްޓާފައި ނެތުމާއި، ހަމައަށް ތަކެއްޗާއި ހިދުމަތް ލިބުނުކަން ކަށަވަރުނުކޮށް ފައިސާ ދައްކާފައިވާ މައްސަލަތަކެއްގެ އިތުރުން، ގަވާއިދާ އެއްގޮތަށް ހަރުމުދާ ބަލަހައްޓާފައި ނުވުން ހިމެނެ އެވެ.

ޖެންޑާ މިނިސްޓްރީގެ މަޝްރޫއުއެއް އަގުބޮޑުކޮށް ސިވެކްއާ ހަވާލުކުރި މައްސަލައެއް ފާހަގަކޮށްފައިވާއިރު، ހަމަ އެ އަހަރު ސަރުކާރުގެ މައި ހޮސްޕިޓަލް ދަރުމަވަންތައާ އިންވެގެން ހުންނަ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓް ހަދާށާއި ބޭނުންވާ ތަކެތި ގަތުމުގެ ސިވެކް އާ ހަވާލުކުރުމުގައި ގަވައިދާ ހިލާފަށް އެތައް ކަމެއް ކޮށްފައިވާކަމަށް އެ ހޮސްޕިޓަލުގެ އޮޑިޓު ރިޕޯޓުން ވަނީ ހާމަވެފަ އެވެ.