ސަރުކާރުގެ މައި ހޮސްޕިޓަލް ދަރުމަވަންތައާ އިންވެގެން ހުންނަ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓް ހަދާށާއި ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތް ސިފައިންގެ ވެލްފެއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސިވެކް) އާ ހަވާލުކު ރުމުގައި ގަވައިދާ ހިލާފަށް އެތައް ކަމެއް ކޮށްފައިވާކަމަށް އޮޑިޓު އޮފީހުން ބުނެފި އެވެ.
އައިޖީއެމްއެޗްގެ 2018 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ، އައިޖީއެމްއެޗްގެ ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓް ހެދުމުގެ ހުއްދައަށް އެދި އޭގެ ކުރީ އަހަރު ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީގައި އެ މަސައްކަތާ ގުޅޭ ކޯޓޭޝަނެއް ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް، އެއާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ފިނޭންސުން ހުއްދަ ދިން ފަހުން، އެހެން މަސައްކަތްތަކެއް އިތުރުކޮށް، ކޯޓޭޝަނު ބަދަލުކުރުމަށްފަހު، 1.27 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓް ހެދުމާއި އެތަނަށް ބޭނުންވާ ތަކެތި ހޯދުމަށް އައިޖީއެމްއެޗް އާއި ސިވެކްއާ ދެމެދުވެފައިވާ އެއްބަސްވުމުގައި އިކުއިޕްމަންޓްތަކާއި މެޝިނަރީސް އަދި ފަރުނީޗަރުގެ ތަފްސީލު ފުރިހަމައަށް ބަޔާންކޮށްފައިނުވާކަމަށް އޮޑިޓު އޮފީހުން ފާހަގަ ކޮށްފައިވެ އެވެ.
މިގޮތުން، އެ ޑިޕާޓްމަންޓަށް ބޭނުންވާ، އިކުއިޕްމަންޓްތަކާއި މެޝިނަރީސް އަދި ފަރުނީޗަރު ހޯދުމަށް 25.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް އިކުއިޕްމަންޓްތަކާއި މެޝިނަރީސްތައް އޮޕަރޭޓް ކުރުމަށް ބޭނުންވާ އެހެނިހެން ތަކެތި ހޯދިފައި ނުވުމުގެ ސަބަބުން، ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާގެ ތަކެތި ބޭނުން ނުކުރެވި ގިނަ ދުވަސްތަކެއްވެފައި ވާކަން ރިޕޯޓުގައި ބުންޏެވެ.
"އަދި މި މައްސަލަ ދިމާވެފައިވަނީ، ކުރިން ދެންނެވުނު ގަވައިދުގައިވާ ގޮތަށް، ޕްރޮކިއުމަންޓުގެ ކަމެއް ކުރަން ފެށުމުގެ ކުރިން އެކަމަކަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ތަފްސީލުކޮށް ލިޔެކިޔުމުން އެނގޭނެގޮތަށް ތައްޔާރުކޮށްފައިނުވާތީ އާއި، އަދި އިކުއިޕްމަންޓާއި މެޝިނަރީސް ހޯދުމުގެ ކުރިން އެތަކެތި އޮޕަރޭޓްކުރުމަށް ބޭނުންވާ އެހެނިހެން ތަކެއްޗަކީ ކޮބައިކަން ރަނގަޅަށް ދިރާސާކޮށް ލިޔެކިޔުމުން ބަޔާންކޮށްފައިވެސް ނުވާތީ،" އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.
ސިވެކަކީ މިފަދަ މަސައްކަތް ކުރާ ފަރާތެއް ނޫން
އޮޑިޓު ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، މެޝިނަރީއާއި އިކުއިޕްމަންޓް ފަދަ އަގުބޮޑުު ތަކެތި ހޯދަންވާނީ، ވޮރަންޓީ ނުވަތަ ގެރަންޓީދޭ އަދި އެބާވަތުގެ މުދާ އެތެރެކޮށް ނުވަތަ އާއްމުކޮށް ވިއްކާ ފަރާތަކުން ކަމަށް މާލިއްޔަތު ގަވައިދުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް، ސިވެކް އަކީ އެ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތަކަށް ފެތޭ ފަރާތަކަށް ނުވާއިރު، ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓަށް ބޭނުންވާ އިކުއިޕްމަންޓާއި މެޝިނަރީސް ސިވެކްއިން ފޯރުކޮށްދީފައިވަނީ އިންޑިއާގެ އެންޔޫ ހޮސްޕިޓަލަށް އެ މަސައްކަތް އައުޓްސޯސް ކޮށްގެންކަމަށް އޮޑިޓު ރިޕޯޓުގައި ބުންޏެވެ.
މިގޮތުން، އައިޖީއެމްޗްގެ ޔޫރޮލޮޖީ ޑިޕާޓްމަންޓް ހިންގަމުންދާ އިންޑިއާގެ އެންޔޫ ހޮސްޕިޓަލުން ސިވެކްއަށް ތަކެތި ފޯރުކޮށްދިން އަގުތަކަށް ބަލާއިރު، އެންޔޫއާ ސީދާ އެ މަސައްކަތް ހަވާލުކުރިނަމަ، އެކަމަށް ހިނގި ޖުމްލަ ހަރަދުން 2.68 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މި މަސައްކަތް ހަވާލުކުރުމުގައި އޮޑިޓު އޮފީހުން ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވާއިރު، އެޑްވާންސް ފައިސާގެ ގޮތުގައި ދެވޭނެކަމަށް މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާކަމަށް ބުނެފައިވެ އެވެ.
އަދި ރިޓެންޝަން ފައިސާ ކަނޑާފައިނުވުމާއި، ކޮންސަލްޓަންޓް ރިޕޯޓެއް ތައްޔާރުކޮށްފައިނެތުމުގެ އިތުރުން، ތަކެތި ހަމަތޯ އާއި ހިދުމަތް ލިބުނުކަން ލިޔެކިޔުމުން ކަށަވަރުނުކޮށް ފައިސާ ދައްކާފައިވާ މައްސަލަތައްވެސް އެ މަޝްރޫއުއާ ގުޅިގެން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުންވެސް މާލިއްޔަތު ގަވައިދާ ހިލާފަށް އައިޖީއެމްއެޗުން 2018 ވަނަ އަހަރުގެ ތެރޭގައި އެތައް ކަމެއް ކޮށްފައިވާކަމަށް އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.
އޭގެ ތެރޭގައި، ހަރުމުދާ ރަނގަޅަށް ނުބެލެހެއްޓުމާއި، ލިބެންޖެހޭ ފައިސާ ބަލަހައްޓާފައިނުވުމުގެ އިތުރުން ބިންތަކާއި އިމާރާތްތައް ކުއްޔަށްދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބައެއް، އައިޖީއެމްއެޗްގެ ރެކްރިއޭޝަން ކްލަބަށް ވައްދާފައިވާ މައްސަލައެއް ހިމެނެ އެވެ.