ހަބަރު

ދައުލަތުގެ ފައިސާ އައިޖީއެމްއެޗް ރެކްރިއޭޝަނަށް ވައްދާ މައްސަލައެއް

ސަރުކާރުގެ މައި ހޮސްޕިޓަލް ދަރުމަވަންތައާ އިންވެގެން ހުންނަ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ތެރޭގައިވާ ބިންތަކާއި އިމާރާތްތައް އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދީގެން ލިބޭ ފައިސާގެ އިތުރުން ވަކި މިންވަރެއް އެ ހޮސްޕިޓަލުގެ ރެކްރިއޭޝަން ކްލަބަށް ދައްކަންޖެހޭ ގޮތަށް އެއްބަސްވުންތައް އެކުލަވާލާފައިވާ ކަމަށް އޮޑިޓު އޮފީހުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ 2018 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ، ދައުލަތުގެ އޮފީސްތަކަށް ލިބޭ ކޮންމެ ފައިސާއަކާއި، ދައުލަތުގެ މިލްކުގައިވާ ބިމެއް ނުވަތަ އިމާރާތެއް ނުވަތަ އެއްޗެއް ކުއްޔަށް ދީގެން ނުވަތަ ވިއްކާލައިގެން ލިބޭ ކޮންމެ ފައިސާއަކީ ދައުލަތުގެ ފައިސާ ކަމަށް މާލިއްޔަތު ގަވައިދުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އައިޖީއެމްއެޗްގެ ތެރޭގައިވާ ބައެއް ބިންތަކާއި އިމާރާތްތައް އެކިއެކި ކަންކަމަށް އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދީފައިވާއިރު، ކުލީގެ ގޮތުގައި އައިޖީއެމްއެޗަށް ފައިސާ ދެއްކުމުގެ އިތުރަށް ސީއެސްއާރުގެ ނަމުގައި އައިޖީއެމްއެޗްގެ ރިކްރިއޭޝަން ކުލަބަށް ވަކި މިންވަރެއް ދައްކަންޖެހޭގޮތަށްު އެއްބަސްވުންތައް އެކުލަވާލާފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

"މިގޮތުން، އައިޖީއެމްއެޗްގެ ރެކްރިއޭޝަން ކުލަބަށް ދައްކާ ފައިސާއަކީ ދައުލަތުގެ އާމްދަނީއަށް ޖަމާނުކޮށް ކުލަބަށް ނަގާ ފައިސާ،" އޮޑިޓު އޮފީހުން ބުންޏެވެ.

އިތުރަށް ބުނީ، އެކިއެކި ފަރާތްތަކާއެކުު ހަދާފައިވާ އެއްބަސްވުންތަކުގައިވާ ގޮތަށް ބަލާއިރު، ބިމު ކުއްޔާއި އަދި ސީއެސްއާރުގެ ގޮތުގައި އެއްބަސްވުންތައް އެކުލަވާލެވި ތަންފީޒުުކުރި ތާރީހުން ފެށިގެން 31 އޯގަސްޓް 2019 އާ ހަމައަށް ޖުމްލަ 1،133،267 ރުފިޔާ ރެކްރިއޭޝަން ކުލަބަށް ލިބެންޖެހޭކަމަށް ފާހަގަކުރެވޭ ކަމަށެވެ.

އެހެންކަމުން، އެ ފައިސާއަކީ، މާލިއްޔަތު ގަވައިދާ ހިލާފުވުމުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ އާމްދަނީކަމަށް އޮޑިޓު އޮފީހުން ވަނީ ކަނޑައަޅައިފަ އެވެ.

އެއާއެކު، އައިޖީއެމްއެޗަށް ލިބޭ ކޮންމެ ފައިސާއަކާއި، އައިޖީއެމްއެޗްގެ މިލްކުގައިވާ ބިންތަކާއި އިމާރާތްތަކާއި ނުވަތަ ތަކެތި ކުއްޔަށްދީގެން ނުވަތަ ވިއްކައިގެން ލިބޭ ކޮންމެ ފައިސާއަކީ އައިޖީއެމްއެޗްގެ ފައިސާގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފައިސާ ދައުލަތުގެ މާލިއްޔާއަށް ޖަމާކުރުމަށް އެ ރިޕޯޓުގައި ވަނީ ލަފާދީފައި އެވެ.

މީގެ އިތުރުންވެސް މާލިއްޔަތު ގަވައިދާ ހިލާފަށް އައިޖީއެމްއެޗުން 2018 ވަނަ އަހަރުގެ ތެރޭގައި އެތައް ކަމެއް ކޮށްފައިވާކަމަށް އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.

އޭގެ ތެރޭގައި، ހަރުމުދާ ރަނގަޅަށް ނުބެލެހެއްޓުމާއި، ލިބެންޖެހޭ ފައިސާ ބަލަހައްޓާފައިނުވުމުގެ އިތުރުން އައިޖީއެމްއެޗްގެ ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓް ހަދާށާއި ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތް ސިފައިންގެ ވެލްފެއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސިވެކް) އާ ހަވާލުކުރުމުގައި ގަވައިދާ ހިލާފަށް ކޮށްފައިވާ އެތައް ކަމެއް ހިމެނެ އެވެ.