ހަބަރު

އޮޑިޓުގެ ލަފަޔާ އެއްގޮތަށް އަމަލު ކުރާނެ: އައިޖީއެމްއެޗް

Jan 14, 2021
2

ސަރުކާރުގެ މައި ހޮސްޕިޓަލް ދަރުމަވަންތައާ އިންވެގެން ހުންނަ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކުރިއަށް ގެންދިއަ ބައެއް މަޝްރޫއުތަކާއި މާލީ ހިސާބުތައް ބެލެހެއްޓުމުގައި ގަވައިދާ ހިލާފަށް އެތައް ކަމެއް ކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުގެ 2018 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުން ހާމަވެފައި ވާއިރު، އެކަންކަން އިސްލާހު ކުރާނެ ކަމުގެ ޔަގީންކަން އެ ހޮސްޕިޓަލުން މިއަދު ދީފި އެވެ.

އައިޖީއެމްއެޗްގެ 2018 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވާއިރު، އޭގެ ތެރޭގައި ހަރުމުދާ ރަނގަޅަށް ނުބެލެހެއްޓުމާއި، ލިބެންޖެހޭ ފައިސާ ބަލަހައްޓާފައިނުވުމުގެ އިތުރުން އައިޖީއެމްއެޗްގެ ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓް ހަދާށާއި ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތް ސިފައިންގެ ވެލްފެއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސިވެކް) އާ ހަވާލުކުރުމުގައި ގަވައިދާ ހިލާފަށް ކޮށްފައިވާ އެތައް ކަމެއް ހިމެނެ އެވެ.

އަދި އައިޖީއެމްއެޗްގެ ތެރޭގައިވާ ބިންތަކާއި އިމާރާތްތައް އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދީގެން ލިބޭ ފައިސާގެ އިތުރުން ވަކި މިންވަރެއް އެ ހޮސްޕިޓަލުގެ ރެކްރިއޭޝަން ކްލަބަށް ދައްކަންޖެހޭ ގޮތަށް އެއްބަސްވުންތައް އެކުލަވާލާފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ސަރުކާރާއެކު 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު މިހާރުގެ އެޑްމިނިސްޓްރޭޝަނުން ހޮސްޕިޓަލާއި ހަވާލުވެ، ހޮސްޕިޓަލުގައި ކުރިއަށް ގެންދާ ހުރިހާ ޕްރޮޖެކްޓެއްވެސް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ހާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށެވެ.

އަދި ހޮސްޕިޓަލުން ކުރިއަށްގެންދަން ޖެހޭ ބައެއް ޕްރޮޖެކްޓުތަކަކީ ނުހަނު ހަލުވި ދުވެލީގައި ކުރިއަށް ގެންދަންޖެހޭ ޕްރޮޖެކްޓުތަކަކަށްވީ ނަމަވެސް، މި ކަންކަމުގައި އިސްލާހު ކުރަންޖެހޭ ދައުލަތުގެ އިދާރާތަކުން ދެމުންދާ އިރުޝާދުތަކަކީ ހޮސްޕިޓަލުގެ މެނޭޖްމަންޓުން ބަލައިގަންނަ އަދި އެއާ އެއްގޮތަށް އަމަލުކުރަމުންދާ އިރުޝާދުތަކެއް ކަމުގައި ވެސް ބަޔާނުގައި ބުންޏެވެ.