އެމްއެންޑީއެފުން މިދިޔަ އަހަރު މާލީ ކަންކަން ބަލަހައްޓާފައިވަނީ ވަރަށް ރަނގަޅަށް ކަމަށް އެ އިދާރާގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓް އޮފީހުން ނެރެފައިވާ އެމްއެންޑީއެފްގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރު އެމްއެންޑީއެފުން ހަރަދުކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ މަގުސަދުތައް ހާސިލުވާ ގޮތަށް ކަމަށެވެ.
އެމްއެންޑީއެފުން މިދިޔަ އަހަރު ހަރަދުކޮށްފައިވަނީ ބަޖެޓުގައި ކަނޑައަޅާފައިވާ ކަންތައްތައް ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ގަވައިދާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން އެމްއެންޑީއެފްގެ އެހެނިހެން މާލީ ކަންކަން ބަލަހައްޓާފައި ވަނީވެސް މާލިއްޔަތު ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެމްއެންޑީއެފްގެ މާލީ ކަންކަން ބަލަހައްޓާފައިވާ ގޮތް ރަނގަޅުކަމަށް އޮޑިޓް އޮފީހުން ބުނެފައިވާއިރު މީގެ ކުރިން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އޮޑިޓް ރިޕޯޓުގައި ވަރަށް ގިނަ މައްސަލަތަކެއް ހުރި ކަން ފާހަގަކޮށްފައިވެ އެވެ.