މިހައިތަނަށް ދުނިޔޭގައި ކުރާ އެންމެ ދިގު ވައިގެ ދަތުރު އަންނަ އޮކްޓޯބަރުމަހު ފެށުމަށް ސިންގަޕޯއެއާލައިންސް އިން ތައްޔާރުވެއްޖެއެވެ. ސިންގަޕޫރުން ފުރައިގެން އެމެެރިކާގެ ނިއުޔޯކަށް ކުރާ އެދަތުރުގެ ދިގުމިނަކީ 18 ގަޑިއިރާއި 45 މިނެޓެވެ.
ސިންގަޕޫރު އެއާލައިންއާ ހަވާލާދީ ސްޓްރެއިޓްސް ޓައިމްސް ނޫހުން ބުނީ ނިއުޔޯކާއި ސިންގަޕޫރާ ދެމެދު ކުރާ ސީދާ ދަތުރުތައް ފަށާނީ އަންނަ އޮކްްޓޯބަރުމަހުގެ 18 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން ކޮންމެ ދުވަހަކުުވެސް ގަވައިދުން ދަތުރު އޮންނާނެ ކަމަށް ވެސް ބުންޏެވެ.
އެންމެ ދިގު ވައިގެ ދަތުރު ކުރުމަށް ސިންގަޕޯއެއާލައިނުން ބޭނުންކުރާނީ އެއާބަސް އޭ 350-900 ޔޫއެލްއާރް (އަލްޓްރާ ލޯންގް ރޭންޖް މަތިންދާބޯޓުތަކެވެ. އޮކްޓޯބަރު މަހު ކުރާ ފުރަތަމަ ދަތުރު ވެގެން ދާނީ މިމަރުކާގެ މަތިންދާބޯޓުވެސް ކޮމާޝަލް އުދުހުމެއްގައި ބޭނުންކުރާ ފުރަތަމަ ފަހަރަށެވެ.
އެއާބަސް އޭ 350-900 ޔޫއެލްއާރް އަކީ އާއްމުގޮތެއްގައި މަތިންދާބޯޓު އުފައްދަން ބޭނުންކުރާ އެލުމިނިއަމްއަށް ވުރެ ލުއި ފައިބަރަކުން އުފައްދާފައިވާ ބޯޓެކެވެ. އަދި ދިގު ދަތުރުތައް ކުރާ އެހެން މަތިންދާބޯޓުތަކާ ހިލާފަށް އެބޯޓުގައި ހުންނަނީ ދެ އިންޖީނެވެ. އެހެންވީމާ ތެލުގެ ހަރަދު ކުޑަވެއެވެ. ދިގު ދަތުރުކުރާ އެހެން ގިނަ މަތިންދާބޯޓުތަކުގައި ހަތަރު އިންޖީނު ހުރެއެވެ. އެބޯޓުގައި 161 ސީޓު ހުންނަ އިރު އޭގެ ތެރެއިން 67 ސީޓަކީ އޮށޯވެލެވޭގޮތަށް ހުންނަ ބިޒްނަސް ކްލާސް ސީޓެވެ. އަދި 94 ސީޓަކީ ޕްރެމިއަމް އިކޮނޮމީ ސީޓުތަކެވެ. އެ ބާވަތުގެ ސީޓުތައް ސީދާ އެނދަކަށް ބަދަލުކޮށް ނުލެވުނަސް ފައި ދަމާލަން ބޮޑު ޖާގަ އޮންނާނެއެވެ.