ދުނިޔެ

ދުނިޔޭގެ އިގްތިސާދަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޗައިނާ، އެމެރިކާގެ އަރާރުން

ޗައިނާ އާއި އެމެރިކާއާ ދެމެދު އުފެއްދިފައި ނުތަނަވަސްކަން އެ ދެ ގައުމު ފަހަނައަޅައި އެހެން ގައުމުތަކަށް ފޯރާފައިވާ ކަމަށް ސިންގަޕޫރުގެ ބޮޑުވަޒީރުގެ ނައިބު، ލޯރެންސް ވޮންގް ވިދާޅުވެއްޖެ އެވެ.

ވޮންގް ވިދާޅުވި ގޮތުގައި އެމެރިކާ އާއި ޗައިނާ އަކީ ތަސައްރަފު ފުދި ހެދި ބޮޑުވެފައިވާ ދެ ގައުމު ކަމަށެވެ. އޭނާ އަދި ވިދާޅުވީ މި ދެ ގައުމުގެ ދެމެދުގައި ހުރި ޚިލާފެއްގެ ސަބަބުން ދުނިޔޭގެ އިގުތިސާދު ހީނަރުވުން ބަލައިނުގަންނަވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ދެ ގައުމުގެ ކޯޅުންތައް ދެމިއޮންނާނީ ކިހާ ދުވަހެއް ވަންދެންކަން އޭނާއަށް އެނގިވަޑައިނުގަންނަވަ އެވެ. ނަމަވެސް، މި ދެ ގައުމެއްގެ ސަބަބުން އިންސާނީ ހައްގުތަކެއް ގެއްލިގެން ދާއިރު، ބަސްބުނެވޭނެ ބަޔަކު ވެސް ތިބެން ޖެހެ އެވެ.

ޗައިނާ އޮބެހެއްޓުމަށް ޓަކައި އެމެރިކާއިން ރޭވުންތަކެއް ރާވާ ކަމަށް ވޮންގް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޗައިނާ ކުރިއަރައިގެންދާ މިންވަރު މަތަކުރުމަށް ޓަކައި އިލެކްޓްރޯނިކް ސިނާއަތުގައި ބޮޑު ތަޅު އެޅުވި ނަމަވެސް، ޗައިނާ އޮބިނޯންނާނެ -- ހިފެހެއްޓޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

އެމެރިކާގެ ދަތިކުރުންތަކުން ޗައިނާއަށް އަސަރުކުރާނެ ކަމަށް ވޮންގް ވިދާޅުވި އެވެ. އެކަމަކު ދުވަސްކޮޅަކުން ޗައިނާ ކޮޅަށް ތެދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޗައިނާ ދެން ތެދުވާނީ އެމެރިކާއަށް މިހާރަށް ވުރެ ބޮޑު ވާދަވެރިއެއް ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާއަށް ދަތިކުރަން އެމެރިކާ އަޅާފައި ހުރި ފިޔަވަޅުތަކުގެ ތެރޭގައި، އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކުން ޗައިނާގައި އިންވެސްޓްކުރުން މަނާކުރުމާއި، އެމެރިކާ އާއި އެމެރިކާގެ ބާރު ހިނގާ ގައުމުތަކުގައި އުފައްދާ މައިކްރޮސް ޗިޕްތައް ޗައިނާއަށް ނުވިއްކުން ހިމެނެ އެވެ.

ދުނިޔޭގެ މުވާސަލާތީ ވިޔުގައި ޗައިނާ ބޭރުކުރުމާއި، ގައުމުތަކުގައި ތަރައްގީކުރަމުން އަންނަ "ފައިވް ޖީ" ނެޓްވޯކްތައް އެޅުމުގައި ޗައިނާއަށް ފުރުސަތު ނުދިނުން ހިމެނެ އެެވ.

ވޮންގް މި މޭރުމުން ބަސްވިދާޅުވުމުގެ ދެތިން ދުވަހެއް ކުރިން ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ސިންގަޕޫރަށް ވަޑައިގެންނެވި އެވެ. އަދި ދެކުނު ޗައިނާ ކަނޑުގައި ނުތަނަވަސްކަން އުފައްދަނީ އެމެރިކާ ކަމަށް ސިންގަޕޫރުގެ އޮފިޝަލުންނަށް ދެންނެވި އެވެ.

ޗައިނާއާ ގުޅިފައި އޮތް ނުތަނަވަސް ކަމެއްގައި ހިއްސާވާ ގައުމެއް ނަމަ މަޝްވަރާކުރައްވާނެ ކަމަށް ވެސް ވާންގް ޔީ ސިންގަޕޫރުގައި ވިދާޅުވި އެވެ.

ޓައިވާނަށާއި ފިލިޕީންސްއަށް ވެސް މަޝްވަރާގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.