ޗެލްސީ އާއި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑާ ފްރޭންކް ލަމްޕާޑް އިނގިރޭސި ދެ ވަނަ ޑިވިޝަންގެ ކުލަބެއް ކަމަށްވާ ޑާބީ ކައުންޓީގެ ކޯޗް ކަމާ ހަވާލު ވެއްޖެ އެވެ.
ޑާބީ ކައުންޓީ އަކީ ކޯޗެއްގެ ގޮތުގައި އޭނާގެ ފުރަތަމަ ވަޒީފާ އެވެ. އޭނާ ބުނީ ކޯޗު ކަމަށް މުޅިން އަލަށް ނުކުންނަން ޖެހުނަސް އޭނާއަށް އިތުބާރު އެބައޮތް ކަމަށެވެ. ޑާބީ ކައުންޓީއާއެކު ލަމްޕާޑް ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.
އަންނަ ސީޒަންގެ ޕްރިމިއާ ލީގާ ވަރަށް ގާތަށް ޑާބީ ކައުންޓީއަށް ދެވުނެވެ. ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލު ޕްލޭއޮފްގައި އެ ޓީމު ބަލިވީ ފުލަހަމް އަތުންނެވެ. އެ ޓީމު ބަލިކޮށް ފުލަހަމް ވަނީ އަންނަ ސީޒަމްގެ ޕްރިމިއާ ލީގް ޖާގަ ހޯދާފަ އެވެ.
މިދިޔަ ހަފުތާއިން ފެށިގެން، މިއަދާ ހަމަޔަށް ޑާބީ ކައުންޓީގެ ކޯޗުގެ މަގާމު އޮތީ ހުސްކޮށެވެ. އެ ޓީމުގެ ކޯޗަކަށް ހުރި ގެރީ ރޯވެޓް ވަނީ ސްޓޯކް ސިޓީގެ ކޯޗް ކަމާ ހަވާލުފަ އެވެ.
ލަމްޕާޑް 39، ޑާބީ ކައުންޓީގެ ވެބްސައިޓަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ ޑާބީ ކައުންޓީ ކަހަލަ ތާރީހެއް އޮތް ކުލަބެއްގެ ކޯޗު ކަމާ ހަވާލުވުމަކީ އޭނާއަށް ލިބުނު ބޮޑު ފަހްރެއް ކަމަށެވެ.
"އަހަރެން އަބަދުވެސް ބޭނުންވީ ޑާބީ ކައުންޓީ ކަހަލަ ބޮޑު ސަގާފަތަކާއި ތާރީހެއް އޮތް ކުލަބެއްގެ ކޯޗް ކަމާ ހަވާލުވާން، އެހެންވީމަ މިއީ އަހަންނަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް، މި ޓީމާ ހަވާލުވުމާމެދު ކުލަބުގެ ބޮޑާއި ޗެއާމަންއާ މަޝްވަރާ ކުރުމަށް އަހަރެން އެކަށީގެންވާ ވަގުތު ހޭދަ ކުރިން،" ޗެލްސީގެ ލެޖެންޑް ބުންޏެވެ.
"އަހަރެމެން މި ބިނާ ކުރަނީ މިދިޔަ ސީޒަންގައި ޗެމްޕިއަންޝިޕްގެ ގަދަ ހައެއްގެ ތެރޭގައި ހިމެނުނު ޓީމު، އަހަރެން ބޭނުން ޓީމުގެ އެކެޑެމީގައި ތިބި ޒުވާން ކުޅުންތެރިންނަށް ސީނިއާ ޓީމުން ފުރުސަތު ދޭން."
"މިއީ ކޯޗު ކަމުގައި އަހަރެންގެ ފުރަތަމަ ވަޒީފާ، އަހަރެން ވާނީ ދުނިޔޭގެ އެންމެ މޮޅެތި ކޯޗުންނާއެކު މަސައްކަތް ކޮށްފަ، އަދި ކޯޗު ކަމަށް ނިކުތުމުގެ ކުރިންވެސް ފުޓްބޯޅައިގެ އެންމެ މޮޅު ކޯޗުންގެ މަސައްކަތް އަހަރެން ވަރަށް ގާތުން ބަލާ ދިރާސާ ކުރިން."
ލަމްޕާޑް ކުޅުން ހުއްޓާލީ 2016 ވަނަ އަހަރު އެވެ. އޭނާ އެންމެ ފަހުން ކުޅުނީ އެމެރިކާގެ މޭޖާ ލީގްގެ ނިއުޔޯކް ސިޓީ އަށެވެ. ވެސްޓްހަމް ކެރިއާ ފެށި މިޑްފީލްޑާރު ވަނީ ޗެލްސީގެ ކާމިޔާބުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އިނގިރޭސި ގައުމީ ޓީމަށް 106 މެޗުގައި އޭނާ ކުޅުނެވެ.