ޗެލްސީ

ލަމްޕާޑް ވަކިވުމާއި ޖަރުމަން ކޯޗެއްގެ އެހީ ހޯދުން

ފްރޭންކް ލަމްޕާޑްގެ ތަރި ޗެލްސީގެ ކޯޗެއްގެ ގޮތުގައި އޮއްސިގެން ދިޔައީ އެވެ. އެހެން ނަމަވެސް އެ ޓީމުގެ ލެޖެންޑެރީ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާގެ ނަން ދެމިހުންނާނެ އެވެ. ލަމްޕާޑްގެ ފުރަތަމަ ސީޒަނަކީ ކާމިޔާބު ސީޒަނެކެވެ. ޓީމުގެ ތަރި އެޑެން ހަޒާޑް ރެއާލް މެޑްރިޑަށް ބަދަލު ވުމާއި، ޓީމަށް ފީފާއިން ކުރިމަތި ކުރި ޓްރާންސްފާ ބޭން އާއެކު އާ ކުޅުންތެރިންގެ ދޮރު ބަންދުވެފައި އޮތް ސީޒަންގައި ޒުވާން ކުޅުންތެރިންނަށް އިތުބާރު ކޮށް ލަމްޕާޑް ކުރި މަސައްކަތައް ތައުރީފް ހައްގެވެ.

އުނދަގޫ ސީޒަންގައި، ލީގްގެ ހަތަރު ވަނަ ހޯދައި ޗެމްޕިއަންސް ލީގަށް ކޮލިފައި ވުމަކީ ޒުވާން ކޯޗްގެ ކެރިއާގައި ކޯޗެއްގެ ގޮތުގައި ހޯދި އެންމެ ބޮޑު ކާމިޔާބެވެ. ލަމްޕާޑްގެ ފުރަތަމަ ސީޒަންގައި އޭނާ ކުރި މަސައްކަތުގެ ހަދިޔާ ޗެލްސީން ދިނީ، އެ ކުލަބުގެ ތާރީހްގައި ޓްރާންސްފާ މާކެޓްގައި ކުރި އެންމެ ބޮޑު ހޭދައިންންނެވެ. ގާތްގަނޑަކަށް 300 މިލިއަން ޑޮލަރާ ގާތް ކުރާ އަދަދަކަށް ޓްރާންސްފާގައި ޗެލްސީން ހަރަދު ކުރި އެވެ. ކުރި ބޮޑު ހޭދަ އާއެކު ޗެލްސީގެ އުންމީދުތައް ހުރީ ވެސް މަތީގަ އެވެ. އަނެއްކާވެސް ލީގް ކާމިޔާބު ކުރުމުގެ ހުވަފެން ޗެލްސީގެ ވެރިޔާ ރޯމަން އަބްރޮމޮވިޗް ދެކެން ފެށި އެވެ.

ޗެލްސީގެ ވަޒީފާއަކީ، ޕްރެޝާ ބޮޑު ވަޒީފާ އެކެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކަށް ލަމްޕާޑް ވާނެ އެވެ. ޗެލްސީގައި ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ހޭދަ ކުރި 13 އަހަރުގައި ނުވަ ކޯޗުންގެ މަގާމު ގެއްލުނެވެ. ސްޕޯޓްސް ޕޮލިޓިކްސް ބޮޑު ކުލަބުގެ ނުފޫޒު ގަދަ ޑައިރެކްޓާ މަރީނާ ގްރޮނެސްކަޔާ އާއި ލަމްޕާޑް އާ ދެމެދު އޮންނަ ގުޅުން ގޯސްވި އެވެ. ދި އެތުލެޓިކް ނޫހުން ބުނެފައި ވަނީ، ހަތަރު ފަސް މެޗުގައި ނަތީޖާ ނުނެރެވުމުން، ލަމްޕާޑްގެ ރިޕްލޭސްމެންޓަކަށް ޗެލްސީން ބަލަން ފެށި ކަމަށެވެ.

ޗޭޖިން ރޫމްގައި ލަމްޕާޑް، ބައެއް ކުޅުންތެރިންނާ ވާހަކަ ނުދައްކާ ކަމާއ، ވަކި ވަކި ކުޅުންތެރިން ރަނގަޅު ކުރަން ޖެހޭ ޓެކްޓިކަލް އަދި ޓެކްނިކަލް އޭރިއާ ތަކަކީ ކޮބައިކަން ލަމްޕާޑް ބުނެ ނުދޭ ކަމަށްވެސް އެތުލެޓިކް ނޫހާ ވާހަކަ ދެއްކި ފަރާތްތަކުން ހާމަ ކޮށްފައިވާ ކަމަށް އެ ނޫހުން ރިޕޯޓް ކޮށްފައި ވެއެވެ. އެކަންކަން ހާމަވެގެން ދިޔައީ ޕާފޯމަންސް ދަށް ކުޅުންތެރިންގެ އެޖެންޓުންނާ، ޗެލްސީގެ ޕާފޯމަންސް ޑައިރެކްޓާ ޕީޓާ ޗެކް ވާހަކަ ދައްކަން ފެށުމުންނެވެ. ޗެކްގެ ދުވަސްވީ އެކުވެރިޔާގެ ވަޒީފާ ސަލާމަތް ކުރުމަށް، އޭނާއަށް މަގާމުގެ ގިންތިން ބޭރު ވެވޭކަށް ނޯންނާނެ އެވެ.

ލެސްޓާ ސިޓީ އަތުން ޗެލްސީ ބަލިވި މެޗަކީ، އޭނާގެ ފަހު މެޗު ކަމަށް ލަމްޕާޑް ވެސް ހީކުރި އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ކުޅުންތެރިން ކުރި މަސައްކަތަށް، އެ މެޗަށް ފަހު ލަމްޕާޑް ޝުކުރު އަދާ ކުރި އެވެ. އޭރު އޮތީ ޖަރުމަން ކޯޗެއް ޗެލްސީން ހޯދާ ކަމުގެ އަޑުތައް މީޑިއާއަށް ފެތުރިފަ އެވެ.

ޗެލްސީން އެންމެ ފުރަތަމަ މަސައްކަތް ކުރީ، ރެޑުބުލް ލައިޕްޒިގްގެ ކުުރީގެ ކޯޗް ރާލްފް ރަންގްނިކް އިންޓެރިމް ކޯޗެއްގެ ގޮތުގައި ގެނައުމަށެވެ. އެއީ ހަތަރު މަހުގެ މުއްދަތަކަށެވެ. އެއަށް ފަހު ޓީމުގެ ޓެކްނިކަލް މަގާމަކަށް އޭނާ ހަމަޖައްސާށެވެ. އެހެން ނަމަވެސް ކޮންޓްރެކްޓްގެ މުއްދަތު ކުޑަ ވުމުން ޗެލްސީގެ ހުށަހެޅުން ރަންގްނިކް އަނބުރާ ރައްދު ކުރި އެވެ. ދެން ޗެލްސީން މަސައްކަތް ކުރީ، ލައިޕްޒިގްގެ މިހާރުގެ ކޯޗް ހޫލިއަން ނާގެލްސްމަން ގެނައުމަށެވެ.

އުމުރުން 33 އަހަރުގެ ޒުވާން ކޯޗް ޗެލްސީގެ ހުށަހެޅުމަށް ފުރަތަމަވެސް ނޫނެކޭ ބުންޏެވެ. ޒައިނުއްދީން ޒިދާން 2018 ގައި ރެއާލް މެޑްރިޑް ދޫކޮށްލުން އެ ކުލަބުން މަގާމު ހުށަހެޅި ކޯޗުންގެ ތެރޭގައި ނާގެލްސްމަން ހިމެނެ އެވެ. އެހެން ކުލަބަކަށް ބަދަލުވާން އެކަށީގެންވާ ވަގުތު ނުޖެހޭ ކަމަށް ބުނެ ރެއާލްގެ ހުށަހެޅުން ބަލައި ނުގަތް ނާގެލްސްމަން ޗެލްސީއަށް ވެސް ދިނީ ހަމަ އެ ޖަވާބެވެ.

ޖަރުމަންގެ މަޝްހޫރު އެ ދެ ކޯޗުން، ޗެލްސީގެ ހުށަހެޅުމަށް ޝައުގުވެރި ނުވުމުން، ޕީއެސްޖީގެ ކުރީގެ ކޯޗް ތޯމަސް ޓޫހުލްއަށް ފޯކަސް ބަދަލު ކުރި އެވެ. ޓޫހުލްއަކީ ޗެލްސީގެ ފަސްޓް ޗޮއިސްއަށް ނުވިޔަސް، ޖަރުމަން ކޯޗެއްގެ އެހީ ހޯދަން ޗެލްސީގެ ވެރިޔާ އަބްރޮމޮވިޗް ހުރީ ބޭނުން ވެފަ އެވެ.

ޗެލްސީގެ ޓީމު މި ސީޒަނަށް ބިނާ ކުރިއިރު، އެ ޓީމުން ހެދި އެންމެ މުހިންމު ދެ ޓްރާންސްފާ އަކީ، ޖަރުމަންގެ ކައި ހަވަޓްޒް އާއި ޓީމޯ ވާނާގެ ޓްރާންސްފާ އެވެ. އެ ޓްރާންފާތައް ހެދީ ހަވަޓްޒް އަކީ ޗެލްސީގެ ގޭމް ކުޅުވުމުގައި އެންމެ މުހިންމު މިޑްފީލްޑަރުގެ ގޮތުގަ އެވެ. ވާނަ އަކީ ޕްރައިމް ފޯވަޑް ކަމަށް ބަލައިގެންނެވެ. ލަމްޕާޑް ފެއިލްވެގެން ދިޔައި އެ ދެ ކުޅުންތެރިންގެ ކިބައިން މެކްސިމަމް ނުނެރެވިގެނެވެ. އެ ދެ ކުޅުންތެރިންގެ ތޮބީއަތާއި ކުޅުމުގެ ސިފަތައް އެނގޭނީ ޖަރުމަން ކޯޗަކަށް ކަމަށް އަބްރޮމޮވިޗް ގަބޫލު ކުރި އެވެ. އާ ކޯޗު، ޓުހުލް އާއެކު އެ ދެ ކުޅުންތެރިންގެ އިތުރުން އެހެން ކުޅުންތެރިން ވެސް އެންމެ މަތީ ފެންވަރުގައި ޕާފޯމަންސް ކުރާތަން ފެންނާނެ ކަމަށް އަބްރޮމޮވިޗް އުންމީދު ކުރެ އެވެ. ޓޫހުލް އާއެކު ދެ ވަނަ ފަހަރަށް މަސައްކަތް ކުރާނެ ޗެލްސީގެ އެއް ކުޅުންތެރިޔަކީ ޑިފެންޑަރު ތިއާގޯ ސިލްވާ އެވެ. މިދިޔަ ދެ އަހަރު އޭނާ ވަނީ ޕީއެސްޖީގައި ޓޫހުލް އާއެކު މަސައްކަތް ކޮށްފަ އެވެ. އަނެއް ކުޅުންތެރިޔަކީ ޑޯޓްމަންޑްގައި އެކުގައި މަސައްކަތް ކުރި ޕުލްސިޗެވެ.