ޗެލްސީ

ލަމްޕާޑް ވަކި ކުރަނީ، މަގާމަށް ޓޫހުލް

ޗެލްސީގެ ކޯޗު ކަމުން ފްރޭންކް ލަމްޕާޑް މިއަދު ވަކި ކުރާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެފި އެވެ.

އޭނާގެ މަގާމު ފޫބެއްދުމަށް ޗެލްސީން ގެންނަ ކޯޗަކީ ޕީއެސްޖީ އާއި ބުރޫޝިއާ ޑޯޓަމުންޑްގެ ކުރީގެ ކޯޗް ތޯމަސް ޓޫހުލް އެވެ. ޗެލްސީގެ ވެރިޔާ، ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރޮމޮވިޗް އަކީ ނަތީޖާ ގޯސް ވުމުން ކޯޗުން ވަކި ކުރުމަށް އަވަސްވެ ގަންނަ ޗެއާމަނެކެވެ.

ލަމްޕާޑް އާ މެދު ޗެލްސީގެ ކެތްތެރިކަން ކޮޅުންލީ، މި ސިޒަނަށް އަބްރޮމޮވިޗް ހަރަދު ކުރި 200 މިލިއަން ޕައުންޑާ އެކުވެސް ޓީމަށް ނަތީޖާ ނުނެރެވުމުންނެވެ. ޓްރާންސްފާގައި ޗެލްސީން، ބެން ޗިލްވެލް، ކައި ހަވަޓްޒް، ޓީމޯ ވާނާ، ހާކިމް ޒިޔެޝް އަދި އެޑްއާޑް މެންޑީ ބޮޑު އަގު ގައި ގެނެ އެވެ. އޭގެ ތެރެއިން ބައެއް ކުޅުންތެރިން ކުރިން ދެއްކި ކުޅުން، ޗެލްސީގައި ނެރުމުގައި ލަމްޕާޑަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފަ އެއް ނުވެ އެވެ.

ލަމްޕާޑްގެ ބަދަލުގައި، ތޯމަސް ޓޫހުލް ގެންނަ ވާހަކަ އެންމެ ފުރަތަމަ ރިޕޯޓް ކުރި، ދި އެތުލެޓިކުން ބުނެފައި ވަނީ ޖަރުމަން ބަހުން ވާހަކަ ދައްކާ ކޯޗަކަށް ޗެލްސީން ބަލަމުން ދިޔަ ކަމަށެވެ. މިދިޔަ މަހު ޓޫހުލް ޕީއެސްޖީގެ ކޯޗް ކަމުން ވަކި ކުރުމުން އަބްރޮމޮވިޗްގެ ސަމާލުކަން ޓޫހުލް ގެނައުމަށް ބަދަލު ކުރި ކަމަށް، އެ ނޫހުން ބުނެ އެވެ.

ޓޫހުލް

ކުޅުންތެރިޔެއްގެ ގޮތުގައި ލަމްޕާޑުވަނީ ޗެލްސީއަށް ގިނަ ކާމިޔާބު ތަކެއް ހޯދައިދީފައެވެ. އޭނާ ބެލިފައި ވަނީ އެ ކުލަބުގެ ލެޖެންޑްރީ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެއާ ހިލާފަށް ޓޫހުލްގެ މަސައްކަތް ބޮޑަށް ފާހަގަ ވެފައި ވަނީ މެނޭޖަރެއްގެ ގޮތުގަ އެވެ.

އުމުރުން 25 އަހަރުގައި ކަކުލަށް ލިބުނު އަނިޔާއެއްގައި ކުޅުން ހުއްޓާލުމަށް ފަހު ދެން އޭނާ ނުކުތީ ކޯޗިންގެ ތެރެއަށެވެ. އޭނާގެ ކޯޗިން ކެރިއާގެ ކުރީ ކޮޅު އެންމެ ފާހަގަ ކުރެވޭ މަސައްކަތެއް ކުރީ މައިންޒްގަ އެވެ. ޔާގަން ކްލޮޕަށް ފަހު މައިންޒްގެ ކޯޗް ކަމާ ހަވާލުވި ޓޫހުލް ވަނީ އެ ކުލަބުގައި ފަސް އަހަރު ހޭދަ ކޮށްފަ އެވެ. މައިންޒް އަށް ދިމާވި މާލީ ދަތި ކަމާ ހުރެ އެ ޓީމުން އޭނާ އިސްތިއުފާ ދިނީ 2014 ގަ އެވެ.

އޭގެ އެއް އަހަރު ފަހުން އޭނާ ހަވާލުވީ ޑޯޓަމުންޑްގެ ކޯޗް ކަމާ އެވެ. އެއީ ވެސް ކްލޮޕްއަށް ފަހު އެވެ. ޑޯޓަމުންޑްގައި ހޭދަ ކުރި ދެ ސީޒަންގައި، ބުންޑެސް ލީގާގެދެ ވަނަ އަދި ތިން ވަނަ ހޯދި އެވެ. އަދި ފަހު ސީޒަންގައި ޖަރުމަަން ކަޕްގެ ޗެމްޕިއަންކަން ހޯދި އެވެ.

އެއަށް ފަހު އޭނާ ބަދަލުވީ ޕީއެސްޖީ އަށެވެ. ވިޔަރެއާލްގެ މިހާރު ކޯޗް، އުނައި އެމެރީގެ ބަދަލުގައި ޕީއެސްޖީ އާއި ހަވާލުވެ، ޖެހިޖެހިގެން ދެ ސީޒަންގައި ފްރާންސް ލީގް ޕީއެސްޖީއަށް ހޯދައިދިނެވެ. އަދި މިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގް ފައިނަލަށް ޕީއެސްޖީ ގެންގޮސް ދިނެވެ.