ޗެލްސީ

ލަމްޕާޑް ވަކިކޮށްފި، ޗެލްސީއަށް އުނދަގޫ ނިންމުމެއް

ޗެލްސީގެ ކޯޗް ކަމުގައި ހުރި، އެ ޓީމުގެ ލެޖެންޑް ފްރޭންކް ލަމްޕާޑް މަގާމު ވަކި ކުރުމަކީ، ކުލަބުން ނިންމުނު އުނދަގޫ ނިންމުމެއް ކަމަށް ޗެލްސީން ބުނެފި އެވެ.

ލަމްޕާޑް ވަކި ކުރުމުގެ ވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އެފްއޭ ކަޕްގައި ރޭ ރަނގަޅު ނަތީޖާއެއް ނެރުނު ނަމަވެސް، ބޮޑު ހަރަދުކޮށް ލީގްގެ ނުވަ ވަނަ މަގާމުގައި އޮތުމަކީ ޗެލްސީގެ ވެރިޔާ ރަޝިއާގެ ރޯމަން އަބްރޮމޮވިޗަށް ބަލައި ގަނެވުނު ކަމެއް ނޫނެވެ.

"މިއީ ކުލަބުން ނިންމި ވަރަށް އުނދަގޫ ނިންމުމެއް އަދި މިއީ އޯނަރާއި ބޯޑަށް ފަސޭހަ ކޮށް ނެގުނު ކަމެއް ނޫން،" ލަމްޕާޑް ވަކި ކުރަން ނިންމި ނިންމުން ހާމަ ކުރަމުން ޗެލްސީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. "އަހަރެމެން ކުލަބުން ފްރޭންކަށް ޝުކުރު އަދާ ކުރަން އޭނާގެ ކޯޗް ކަމުގެ ދަށުން ޗެލްސީ އާއެކު ހާސިލު ކުރި ކަންތައްތަކަށް."

"ފްރޭންކް ކަހަލަ ކުލަބު ލެޖެންޑަކާ އެކު އެއްބަސްވުން އުވާލަން ނިންމަން ރަނގަޅު ވަގުތެއް ނާންނާނެ. ނަމަވެސް ވަރަށް ގިނަ ގޮތްގޮތުން ވިސްނައި ގިނަ ވަގުތުތަކެއް ހޭދަ ކުރުމަށް ފަހު ނިންމީ މި ސީޒަންގައި އިތުރަށް ޓީމުގެ ޕާފޯމަންސާއި ނަތީޖާ ރަނގަޅު ކުރުމަށް ޓަކައި މި ނިންމުން މި ވަގުތު ނިންމަން ޖެހޭ ކަމަށް."

ލަމްޕާޑްގެ ފުރަތަމަ ސީޒަންގައި، އޭނާ ވަނީ އާ ޓްރާންސްފާއެއް ނެތި ލީގްގެ ތިން ވަނަ ހޯދައި ޗެމްޕިއަންސް ލީގަށް ޗެލްސީ ކޮލިފައި ކޮށްދީފަ އެވެ. އަދި އޮކްޓޯބަރުން ފެށިގެން ދެމަސް ވަންދެން މެޗަކުން ބަލި ނުވެ 14 މެޗު ފުރިހަމަ ކުރި އެވެ.

ޗެލްސީގެ ވެރިޔާ، އޮބްރޮމޮވިޗް ވިދާޅުުވީ، ލަމްޕާޑް ވަކި ކުރުމަކީ ކުލަބަށް ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ. އަދި އޭނާވެސް ލަމްޕާޑް އާ ޕާސަނަލް ރަނގަޅު ގުޅުމެއް އަބަދުވެސް ބާއްވާ ކަމަށް 2003 ވަނަ އަހަރު ޗެލްސީ ބައްލަވައިގަތް ރަޝިއާގެ ބިލިއަނަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޗެލްސީގެ ކުޅުންތެރިޔެއްގެ ގޮތުގައި ލަމްޕާޑް ހޭދަ ކުރި އިރުން ފެށިގެން ލަމްޕާޑްއަށް އޭނާގެ ހިތުގައި ހާއްސަ އިހްތިރަމެއް އޮންނަ ކަމަށެވެ.

ޗެލްސީގެ ކޯޗަކަށް އަންނާނެ ކަމަށް ބެލެވެނީ، މިދިޔަ މަހު ޕީއެސްޖީގެ ކޯޗް ކަމުން ދުރު ކުރި ޖަރުމަންގެ ތޯމަސް ޓޫހުލް އެވެ.